އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލުން ކުޅުނު މެޗުގައި 1-0 ގެ ނަތީޖާއަކުން ޗެލްސީ ބަލިކޮށްފިއެވެ.

އަމިއްލަ ދަނޑުގައި އާސެނަލުން 1-0 އިން ޗެލްސީ ބަލި ކުރި އިރު، އެ ނަތީޖާއާ އެކު އާސެނަލް ތާވަލުގެ ދެވަނައިގައި އޮތީ 12 ޕޮއިންޓުގެ ފަރަގެއްގައެވެ. އާސެނަލަށް މިހާތަނަށް ކުޅުނު 29 މެޗުން 58 ޕޮއިންޓް ލިބިފައިވާ އިރު، އެއްވަނައިގައި ލިވަޕޫލް އޮތީ 29 މެޗުން 70 ޕޮއިންޓާއެކުގައެވެ.

ޗެލްސީ އަދިވެސް ގަދަ ހަތަރެއްގެ ތެރޭގައި އޮތް ނަމަވެސް، އެޓީމަށް އެ މަގާމު ދަމަހައްޓަން އުނދަގޫވާނެއެވެ. 29 މެޗުން 49 ޕޮއިންޓާ އެކު ހަތަރުވަނައިގައި ޗެލްސީ އޮތް އިރު، މެންޗެސްޓާ ސިޓީ ފަސްވަނައިގައި އޮތީ 29 މެޗުން 48 ޕޮއިންޓާއެކުގައެވެ.

ޗެލްސީން ރޭ އާސެނަލާ ދެކޮޅަށް ނުކުތީ އެޓީމުގެ އެއް ނަންބަރު ފޯވަޑް ނިކޮލަސް ޖެކްސަން އަދި އެންމެ އިތުބާރު ކުޅުންތެރިޔާ ކޯލް ޕާމާ ނުލައެވެ. އެއީ މިދިޔަ އަހަރު އޭޕްރީލް މަހު އާސެނަލާ ދެކޮޅަށް ކުޅެ، 5-0 އިން ބަލިވި މެޗަށްފަހު ޕާމާއާ ނުލާ ޗެލްސީން ކުޅުނު ފުރަތަމަ މެޗެވެ.

އަނެއްކޮޅުން އާސެނަލުން ކައި ހަވާޓްސްއާ ނުލާ ރޭގެ މެޗަށް ނުކުތް އިރު، ފުރަތަމަ ކޮޅުން ފެށިގެން ވެސް އެޓީމުން މެޗު ކޮންޓްރޯލް ހޯދިއެވެ. ލެއާންޑްރޯ ޓްރޮސާޑާއި ގެބްރިއަލް މާޓިނެލީ އަދި ޑެކްލަން ރައިސްގެ ހަމަލާތައް ވެސް ފެނިގެން ދިޔަ އިރު، 20 ވަނަ މިނެޓުގައި އާސެނަލް ލީޑު ނެގިއެވެ. މާޓިން އޮޑިގާޑްގެ ކޯނަރަށް އަރައި، މެރީނޯ ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ތެރެއަށެވެ.

ޗެލްސީއަށް މެޗުގައި ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބުނީ މާކް ކުކުރޭޔާއަށެވެ. އޭނާ ފޮނުވާލި ބޯޅަ އާސެނަލް ކީޕަރު ޑޭވިޑް ރާޔާ އަތުން ކައްސާލައިގެން ގޮސް ބޭރުވީ ދަނޑި ކައިރިންނެވެ.

ދެވަނަ ހާފުގައިވެސް އާސެނަލުން ބޮޑަށް ނުރައްކާ ކޮށްފައިވާ އިރު، މެރީނޯގެ ނުރައްކާތެރި ދެ ހަމަލާއެއް ޗެލްސީ ކީޕަރު ސަންޗޭޒް މަތަކުރިއެވެ. ސަންޗޭޒްގެ ފަރާތުން ރަނގަޅު ސޭވްތަކެއް ފެނުނު ނަމަވެސް، އޭނާ އަތުން ބައެއް ނުރައްކާތެރި ބޯޅަތައް ގެއްލިގެން ދިޔަތަންވެސް ފެނުނެވެ.