ރެއާލް މެޑްރިޑުން ލަ ލީގާގައި ރޭ ކުޅުނު މެޗުގައި ވިލަރެއާލް ކައިރިން މޮޅުވެއްޖެއެވެ.

ރެއާލުން ރަށުން ބޭރުގައި ރޭ ކުޅުނު މެޗުގައި ވިލަރެއާލް ކައިރިން މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. އެ މޮޅާއެކު ރެއާލުން ވަނީ ތާވަލުގެ އެއްވަނައަށް ޖެހިލައިފައެވެ. އެއީ 28 މެޗުން 60 ޕޮއިންޓާއެކުގައެވެ. ބާސެލޯނާ އިން މި ވަގުތު ދެވަނައިގައި އޮތީ ދެމެޗު މަދުން ކުޅެގެންނެވެ. އެއީ 26 މެޗުން 57 ޕޮއިންޓާއެކުގައެވެ.

ނަމަވެސް ބާސާ އަތުގައި އޮތް ދެ މެޗުން މޮޅުވެ، އެ ޓީމަށް އެއްވަނައަށް އެރުމަށް ފުރުސަތު އެބަ އޮތެވެ. ތިންވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށްވެސް ތަށީގެ އުންމީދު އެބަ އޮތެވެ. އެއީ 27 މެޗުން 56 ޕޮއިންޓާއެކުގައެވެ.

ރޭގެ މެޗު ވަރުގަދަކޮށް ފަށައި، ލީޑު ނެގީ ވިލަރެއާލުންނެވެ. އެ ގޯލު ޖެހީ ޖުއާން ފޮއިތެވެ. އޭގެ ފަހުން އަޔޯޒީ ޕެރޭޒްގެ ދެ ހަމަލާއެއް ތީބޯ ކޯޓުއާ މަތަކުރި އިރު، ދެން ފެނިގެން ދިޔައީ ރެއާލްގެ ދެ ގޯލެވެ.

ކުއްލިއަކަށް ރެއާލުން ނުރައްކާ ބޮޑުކޮށް، ކުރިއަށް ޖެހިލި އިރު، އެ ދެ ގޯލުވެސް ޖެހީ އެމްބާޕޭއެވެ. އެމްބާޕޭ މިހާތަނަށް 20 ގޯލު ޖަހާފައިވާ އިރު، އޭގެ ފަހުން ވިނީޝިއަސް ޖޫނިއާގެ ނުރައްކާވެސް ދެވަނަ ހާފުގައި ފެނިގެންދިޔައެވެ. އަނެއްކޮޅުން ނިކޮލަސް ޕެޕޭ އާއި އެލެކްސް ބައޭނާގެ ހަމަލާތައް ފެނިގެން ގޮސްފައިވާ އިރު، ކޯޓުއާ ވަނީ ރެއާލް ސަލާމަތްކޮށްފައެވެ.