އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީން ކުޅުނު މެޗުގައި ބްރައިޓަންއާ އެއްވަރުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ސިޓީން ރޭ އެއްވަރުވީ 2-2 ގެ ނަތީޖާ އަކުންނެވެ. އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ޖާގައަކަށް މަސައްކަތް ކުރަމުން އަންނަ ސިޓީއަށް ރޭގެ މެޗުން ލިބުނު ޕޮއިންޓަކީ މާޔޫސީ ޕޮއިންޓެކެވެ. އެ ޓީމުން މިހާތަނަށް ކުޅުނު 29 މެޗުން 48 ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ވަނައިގައި މި ވަގުތު އޮތް ޗެލްސީއަށް ލިބިފައިވަނީ 28 މެޗުން 49 ޕޮއިންޓެވެ.

ރޭގެ މެޗުން ސިޓީއަށް ޕޮއިންޓެއް ލިބުނު ނަމަވެސް އާލިން ހާލަންޑަށް އެއީ ހާއްސަ މެޗެކެވެ. މިހާތަނަށް ހާލަންޑްގެ ހިއްސާ އާއެކު 100 ގޯލު ސިޓީން ޖަހާފައިވާ އިރު، ހާލަންޑަކީ ޕްރިމިއާ ލީގުގައި އެންމެ އަވަހަށް 100 ގޯލުގެ ހިއްސާދާރަކަށްވި ކުޅުންތެރިޔާއެވެ. އޭނާ ވަނީ 94 މެޗުން އެ އަދަދު ހަމަކޮށްފައެވެ. އެ މެޗުތަކުން ހާލަންޑް ވަނީ 84 ގޯލު ޖަހައި، 16 ގޯލަށް އެސިސްޓް ކޮށްދީފައެވެ.

ރޭގެ މެޗުގެ 11 ވަނަ މިނެޓުގައި ސިޓީން ލީޑު ނެގީ ހާލަންޑްގެ ޕެނަލްޓީ އަކުންނެވެ. އެ ގޯލަށް މާގިނައިރެއް ނުވަނީސް ޕެރްވިސް އެސްޓުޕިނިއަން ވަނީ ބްރައިޓަންއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އެއީ ހިލޭ ޖެހުމަކުން ޖެހި ގޯލަކުންނެވެ.

މެޗުގައި ތަފާތު ގޯލުތަކެއް ފެނިގެން ގޮސްފައިވާއިރު، ހާފު ނިމުމުގެ ކުރިން އުމަރު މަރްމޫޝް ޖެހި ހިތްގައިމު ގޯލަކުން ސިޓީ އަނެއްކާވެސް ލީޑު ނެގިއެވެ. އެ ގޯލާކު ސިޓީން ލީޑުގައި އޮވެ ހާފު ނިންމާލި ނަމަވެސް، ދެވަނަ ހާފަށް ނުކުމެ މާ ގިނައިރެއް ނުވެ، ބްރައިޓަންއިން އަނެއްކާވެސް އެއްވަރުކުރިއެވެ.

އެ ގޯލަކީ ޖެކް ހިންޝެލްވޫޑް ފޮނުވާލި ބޯޅައެއްގައި އަބްދޫކޮދީރު ހުސަނޯވް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.