ތައިލެންޑުން ރާއްޖެއަށް އެތެރެކުރަން އުޅުނު އަށް ލައްކަ ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން މިއަދު ބުނީ، އެ ތަކެތި އަތުލައިގެންފައި ވަނީ ރޭ ދަންވަރު ވައިގެ މަގުން ރާއްޖެ އައި ޖެނެރަލް ގުޑްސް ޝިޕްމެންޓެއްގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އަތުލައިގަނެވުނު މަސްތުވާތަކެތި 20 ޕެކެޓެއްގައި ފޮރުވާފައި ހުރި އިރު، ފުރަތަމަ މަރުހަލާގެ ތަހުލީލުތަކުން ކެނެބިސް އަށް ޕޮޒިޓިވްފެއިވާ ކަމަށް ބުންޏެވެ.

ކަސްޓަމްސްއިން ބުނީ، އެ ތަކެތީގެ ޕެކިންއާ އެކު ބަރުދަނުގައި ޖުމްލަ 1097 ގްރާމް ހުރި އިރު، އެ ތަކެތީގެ މަގުމަތީގެ އަގަކީ ގާތްގަނޑަކަށް 877,600 ދިވެހި ރުފިޔާ ކަމަށް ލަފާކުރެވެއެވެ.

ކަސްޓަމްސްއިން ބުނީ އަތުލައިގަތް މަސްތުވާތަކެތި ފުލުހުންނާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.