ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ، އަލުން ގައުމީ ޓީމުގެ ސްކޮޑަށް ނަގައިފިއެވެ.

ފްރާންސް ކޯޗު ޑިޑިއޭ ޑިޝޭމްޕްސް، އެންމެފަހުން ގައުމީ ޓީމުން މެޗުތައް ކުޅުނު ދެ އިންޓަނޭޝަނަލް ބްރޭކްގައިވެސް އުމުރުން 26 އަހަރުގެ ފޯވަޑް، އެމްބާޕޭ ސްކޮޑަށް ނަގާފައެއް ނުވެއެވެ.

މިދިޔަ އަހަރު އޮކްޓޯބަރު މަހު ފްރާންސްގެ ކޯޗު ޑިޝޭމްޕްސް ބުނީ އެމްބާޕޭ ސްކޮޑަށް ނުނެގީ ފިޓްނަސް ހިފަހައްޓަން އެހީތެރިވެދިނުމަށް ކަމަށާއި ރިސްކް ނަގަން ބޭނުން ނުވީ ކަމަށެވެ. އެހެން ނަމަވެސް، އެމްބާޕޭ އޭގެފަހުން ބުނީ ގައުމީ ޓީމަށް ނުނެގީ ކުޅެން ބޭނުންވެފައި ހުއްޓައި ކަމަށެވެ.

ނޮވެމްބަރު މަހުވެސް އެމްބާޕޭ ފްރާންސް ސްކޮޑަށް ނުނެގި ނަމަވެސް، އެ ދެ ފަހަރު ވެސް ގައުމީ ޓީމަށް ނުކުޅެ، އެމްބާޕޭ ވަނީ ކްލަބު ފުޓުބޯޅަ ކުޅެފައެވެ.

އެމްބާޕޭ ރަނގަޅު ފޯމެއްގައި މިވަގުތު ހުރި އިރު، އަލުން ސްކޮޑަށް ނަގާފައި ވަނީ ކްރޮއޭޝިއާއާ ދެކޮޅަށް ކުޅެން އޮތް ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލް މެޗަށެވެ. މިމަހުގެ 20 ވަނަ ދުވަހު ފްރާންސުން ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭ އިރު، އޭގެ ތިން ދުވަސް ފަހުން ދެވަނަ ލެގުވެސް ކުޅޭނެއެވެ.

އެމްބާޕޭ އެނބުރި ގައުމީ ޓީމަށް ނުކުންނާނީ ކެޕްޓަން ބޭންޑްގައި ކަމަށްވެސް ޑިޝޭމްޕްސް ބުނެފައިވެއެވެ.