ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ޕެނަލްޓީ ޖަހައިގެން ވާދަވެރި އެތުލެޓިކޯ މެޑްރިޑް ބަލިކޮށް، ރެއާލް މެޑްރިޑުން ކުއާޓާ ފައިނަލް ޔަގީންކޮށްފިއެވެ.
ރޭ އެތުލެޓިކޯ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗު ޕެނަލްޓީއަށް ދިޔައީ އެގްރިގޭޓް 2-2ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. ފުރަތަމަ ލެގު ރެއާލުން 2-1 އިން ކާމިޔާބު ކޮށްފައިވަނިކޮށް، ރޭ ދެވަނަ ލެގުގެ ފުރިހަމަ ވަގުތު ހަމަވި އިރު، އެތުލެޓިކޯ މޮޅުވެފައި އޮތީ 1-0ގެ ނަތީޖާއަކުންނެވެ. އެގްރިގޭޓް 2-2 އިން އެއްވަރުވުމުން ޖެހި ޕެނަލްޓީގައި ރެއާލް މޮޅުވީ 4-2ގެ ނަތީޖާއަކުންނެވެ.
މެޗުގައި އެތުލެޓިކޯ އިން ޖެހި ހަމައެކަނި ގޯލު ފެނިގެން ދިޔައީ މެޗު ފަށައިގެން އެންމެ 27 ސިކުންތުގައެވެ. އަރިމަތިން ރޮޑްރީގޯ ޑި ޕައުލް ނެގި ހުރަސް، އޭރިއާ ތެރެއިން ގުއިލާނޯ ސިމިއޯނޭ އޮޅުވާލާފައި ދޫކޮށްލުމުން، އެ ބޯޅަ ގޯލަށް ވައްދާލީ ކުރިން ޗެލްސީއަށް ކުޅުނު ކޯނޯ ގެލެގާއެވެ.
އޭގެފަހުން 20 ވަރަކަށް މިނެޓް ހިނގި ތަނުން ޖޫލިއަން އަލްވަރޭޒާއި އެންޓޮއިން ގްރީޒްމަން ހަމަލާތައް އުފެއްދި ނަމަވެސް ކާމިޔާބު ވާގޮތެއް ނުވިއެވެ. ހާފު ނިމެން ދިޔައިރު ރެއާލަށް ހަމަޖެހުމެއް ލިބުނީ ޓީމުގެ ކީޕަރު ތިބޯ ކޯޓުއާ ކުރި މޮޅު ސޭވްތަކުގެ ސަބަބުންނެވެ.
ދެވަނަ ހާފު ފެށިގެން 20 ވަރަކަށް މިނެޓް ހިނގިތަނާ ރެއާލަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، ވިނީޝިއަސް ޖޫނިއާ ފޮނުވާލި ޕެނަލްޓީ ދިޔައީ ބޭރަށެވެ. އެއާއެކު ރެއާލަށް އިތުރު މާޔޫސްކަމަކާ ކުރިމަތިވި އިރު، ޕެނަލްޓީގައި ރެފްރީގެ ނިންމުމަކަށް ލޯތައް އަމާޒުވިއެވެ.
އެތުލެޓިކޯ ފުރަތަމަ ތިން ޕެނަލްޓީ ކާމިޔާބު ކުރި ނަމަވެސް، ހަތަރު ޕެނަލްޓީ އަލްވަރޭޒް އަތުން ބޭކާރުވިއެވެ. އަލްވަރޭޒް ޕެނަލްޓީ ޖަހަންދިޔަ ވަގުތު ކައްސާލާފައިވާ އިރު، އެ ބޯޅަ ފޮނުވާލުމުން ވަނީ ގޯލު ތެރެއަށެވެ. ނަމަވެސް ވީއޭއާރް ބަލައި އެ ޕެނަލްޓީ ނާކާމިޔާބުވި ކަމަށް ރެފްރީ ނިންމީ އަލްވަރޭޒްގެ ފައިގައި ދެ ފަހަރަށް ބޯޅަ ޖެހުނު ކަމަށް ބުނެއެވެ.
ރެއާލްގެ ލޫކަސް ވަޒްކޭޒް ޖެހި ޕެނަލްޓީ ޔާން އޮބްލަކް މަތަކުރި އިރު، ރެއާލް މޮޅުވީ އެތުލެޓުކޯ މާކޮސް ލޮރެންޓޭ އަތުންވެސް ޕެނަލްޓީ ނާކާމިޔާބު ވެގެންނެވެ.
އަނެއްކޮޅުން ކުއާޓާ ފައިނަލުގައި ރެއާލާ ވާދަކުރާ އާސެނަލް ކުރިއަށް ދިޔައީ މިރޭ ހޯމްގައި ޕީއެސްވީއާ 2-2 އިން އެއްވަރުވެ، އެގްރިގޭޓް 9-3ގެ ނަތީޖާއަކުންނެވެ. އާސެނަލްގެ ގޯލުތައް ރޭ ޖެހީ އޮލެކްސެންޑާ ޒިންޗެންކޯއާއި ޑެކްލަން ރައިސްއެވެ. ޕީއެސްވީއަށް ގޯލުތައް ޖަހައި ދިނީ ކައުހަބް ޑްރިއޮއެޗް އަދި އިވާން ޕެރަސިޗެވެ.
ރޭ ކުޅުނު ގަދަ 16 ގެ އިތުރު މެޗުތަކަށް ބަލާ އިރު، ޑޯޓްމުންޑުން ވަނީ ލިލް ކަޓުވާލައި ކުއާޓާ ޔަގީން ކޮށްފައެވެ. އަދި އެސްޓަން ވިލާއިން ދެވަނަ ލެގުގައި 3-0 އިން ކްލަބު ބްރޫޖު ބަލިކުރި އިރު، އެޓީމުން ކުއާޓާގައި ނުކުންނާނީ ޑޯޓްމުންޑާ ދެކޮޅަށެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު