ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތުތަކުގެ ތަހުގީގުގައި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރަށް ހުރިހާ ހައްގުތަކެއް ފުރިހަމައަށް ފޯރުކޮށްދީފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.
ޖޭއެސްސީން އަޒްމިރަލްދާއާ ގުޅޭ ގޮތުން ތަހުގީގު ކުރަމުންދާ މައްސަލައިގައި އޭނާގެ ބަޔާން ނެގުމަށް އިއްޔެ ހެނދުނު 10:30 ގައި ވަނީ ޖޭއެސްސީއަށް ހާޒިރުކޮށްފައެވެ. އެނގިފައިވާ ގޮތުގައި އަޒްމިރަލްދާ ވަނީ އޭނާއަށް އަމާޒުވާ ތުހުމަތުތަކަށް އިންކާރުކުރައްވައި އެއީ ދޮގު ތުހުމަތުތަކެއް ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް އަޒްމިރަލްދާގެ ވަކީލު އިބްރާހިމް ޝަމީލް އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ޖޭއެސްސީއަށް އަޒްމިރަލްދާ ހާޒިރުކޮށް ބަޔާން ނެގި އިރު، ދިފާއީ ވަކީލެއްގެ ފުރުސަތު ދީފައިނުވާ ކަމަށެވެ.
އެ ވާހަކަތައް ދޮގުކޮށް ޖޭއެސްސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ޖޭއެސްސީގެ ގާނޫނުގައިވާ ގޮތުގެ މަތިން މައްސަލައިގެ ތަހުގީގުގައި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް ފަނޑިޔާރު އަޒްމިރަލްދާ އެދުމުން، އެ ފުރުސަތު މި މަހުގެ ހަވަނަ ދުވަހު ދިނުމުން، ވަކީލެއްގެ ގޮތުގައި ޝަމީލް އައްޔަންކޮށްފައިވާ ކަމަށެވެ.
އަދި އެ ކޮމިޝަނުން ފަނޑިޔާރު އަޒްމިރަލްދާއާ ގުޅޭ ގޮތުން ތަހުގީގު ކުރަމުންދާ މައްސަލައިގައި ޝަމީލް ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށާއި އެ އަޑުއެހުމަށްފަހު ޝަމީލް ބައެއް މީޑިއާތަކަށް ދީފައިވަނީ ހަގީގަތާ ހިލާފު މައުލޫމާތުތަކެއް ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ.
"ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުއާ ގުޅޭ ގޮތުން މި ކޮމިޝަނުން ތަހުގީގުކުރަމުންދާ މައްސަލައާ ގުޅިގެން ގާނޫނުއަސާސީއާއި ގާނޫނުން ފަނޑިޔާރަކަށް ލިބިދޭންޖެހޭ ކަމަށް ކަނޑައަޅާފައިވާ އެންމެހައި ހައްގުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރަށް ވާނީ ދެވިފައެވެ" ޖޭއެސްސީން ބުންޏެވެ.
އެ ކޮމިޝަނުން ބުނީ، ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމުގައި އަމަލުކުރަންޖެހޭ ގޮތާއި ގާނޫނީ ވަކީލުގެ ފުރުސަތު ދިނުމާއި ފަނޑިޔާރަކު އައްޔަންކުރާ ގާނޫނީ ވަކީލަށް ވަކީލެއްގެ ޒިންމާއާ މަސްއޫލިއްޔަތު އަދާކުރެވޭނެ ގޮތް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.
އެގޮތުން ޖޭއެސްސީގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ނ) ގައި "ތަހުގީގު ކޮމިޓީން ބަލަމުންދާ މައްސަލައާ ގުޅިގެން މައްސަލަ ރައްދުވާ ފަނޑިޔާރުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާއި އެ މައްސަލައިގެ ތަފުސީލު އެ މައްސަލަ ރައްދުވާ ފަނޑިޔާރަށް ދިނުމުން، ބަލަމުންދާ މައްސަލައާ ގުޅޭ ގޮތުން ތަހުގީގު ކޮމިޓީން ކުރާ ސުވާލުތަކަށް ފަނޑިޔާރު ޖަވާބުދޭންވާނެ" ކަމަށް ބުނާއިރު އެ މާއްދާގެ (ބ)ގައި "ތަހުގީގުގައި ކޮމިޓީން ކުރާ ސުވާލުތަކަށް ޖަވާބުދިނުމުގައި މައްސަލަ ރައްދުވާފަރާތުން އައްޔަންކޮށްފައިވާ ގާނޫނީ ވަކީލާ މަޝްވަރާ ކުރެވިދާނެ" ކަމަށް ބުނާ ކަމަށް ބުންޏެވެ.
"ކޮމިޓީން ކުރާ ސުވާލުތަކަށް ޖަވާބުދާރީވާންޖެހޭ ފަރާތަކީ ވަކީލެއް ނޫނެވެ. ފަނޑިޔާރެވެ. ވަކީލުގެ ދައުރަކީ ފަނޑިޔާރު ބޭނުންވެއްޖެ ހާލަތެއްގައި ފަނޑިޔާރަށް ގާނޫނީ ލަފާދިނުމެވެ. އެ ފުރުސަތު ތަކުރާރުކޮށް ކޮމިޓީގެ ފަރާތުން ފަނޑިޔާރާއި ވަކީލަށްވެސް ދީފައިވާނެއެވެ. އަދި ބޭނުންފުޅު ނަމަ ފަނޑިޔާރާ ވަކީލު ވަކިން މަޝްވަރާކުރުމުގެ ފުރުސަތުވެސް ތަކުރާރުކޮށް ދީފައިވާނެއެވެ. މިއީ މި ކޮމިޝަނާއި ދިވެހިރާއްޖޭގެ އެންމެހައި ތަހުގީގީ އިދާރާތަކުންވެސް އަމަލުކުރަމުން ގެންދާ އާންމު އަދި ގާނޫނީ އުސޫލެވެ" ޖޭއެސްސީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު