ދެ ބިލިއަން ޕައުންޑްގެ އަގުބޮޑު ސްޓޭޑިއަމެއް އަޅާތީ ސްކޮޑަށް ކުރާ ހަރަދު ކުޑަކުރަން ޖެހޭނެ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ސީއީއޯ އޮމަރު ބެރާދާ ވިދާޅުވެއްޖެއެވެ.

ފައިސާގެ ހާލަތު ދަށްވެ، މިދިޔަ 10 ވަރަކަށް އަހަރު ދުވަހުވެސް ޔުނައިޓެޑްގެ އިންފްރާސްޓްރަކްޗާއަށް މާބޮޑު ބަދަލެއް ގެނެސްފައި ނުވާތީ، އެކަމަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. އެގޮތުން ކްލަބު ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯވެސް އެ ކްލަބަށް އެނބުރި ދިއުމަށްފަހު ކްލަބުގެ އިންފްރާސްޓްރަކްޗާ ތަރައްގީ ނުވާ ކަމަށް ބުނެ ފާޑުކިޔާފައިވެއެވެ.

ޔުނައިޓެޑްގެ ކޯ އޯނަރު، ސާ ޖިމް ރެޓްކްލިފް އިއްޔެ ވިދާޅުވީ ދުނިޔޭގެ އެންމެ ވަރުގަދަ ފުޓްބޯޅަ ސްޓޭޑިއަމް އަޅަން ބޭނުންވާ ކަމަށާއި އަލަށް އިއުލާންކުރި ސްޓޭޑިއަމް ނިންމަން ތާވަލުކުރާނީ ފަސް އަހަރުން ކަމަށެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑަކީ 1910 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ ސްޓޭޑިއަމެކެވެ. އާ ސްޓޭޑިއަމަކަށް ވިސްނަނީ އެއް ލައްކަ ސަޕޯޓަރުންނަށް ޖާގަ އިތުރުކުރުމަށެެވެ.

"އެއީ ރިސްކެއް. އަހަރެމެން ބޭނުމެއް ނޫން ސްކޮޑު ބަލިކަށި ކުރާކަށް. އެހެންވިޔަސް ޓީމަށްކުރާ ހަރަދު ކުޑަކުރަން ޖެހޭނެ. އަހަރެމެން ބޭނުމެއް ނޫން ޓީމަށް އިންވެސްޓް ކުރުން ދޫކޮށްލާކަށް. އާ ސްޓޭޑިއަމެއް އަޅަން މަސައްކަތްކުރާ ނަމަވެސް ވާދަވެރި ޓީމެއް އޮންނަންޖެހޭ. އެހެންވިޔަސް އަސަރުކުރާނެ،" ބެރާދާ ވިދާޅުވިއެވެ.

ބެރާދާ އިތުރަށް ވިދާޅުވީ ސްޓޭޑިއަމަށް ހަރަދު ކުރަމުންވެސް ޓީމަށް ހަރަދުކުރެވޭނެ ގޮތެއް ހޯދާނެ ކަމަށާއި ޓީމު ހަރަދުތައް ކުޑަކުރަން މިހާރުވެސް ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.