ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ތަސްދީގު ނުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ބިލު އަނބުރާ ފޮނުވާލައްވައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް "ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު" އަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ފެބްރުއަރީ 25 ވަނަ ދުވަހުގެ ޖަލްސާއަށް ހުށަހެޅުއްވީ ޕީއެންސީގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. މަޖިލީހުން ހަމަ އެ ދުވަހު އެ ބިލު ކޮމިޓީއަށް ފޮނުވަން ފާސްކުރިއެވެ. އަދި ކޮމިޓީން އެ ބިލު ފާސްކޮށް މަޖިލީހުގެ ތަޅުމަށް މިދިޔަ ފެބްރުއަރީ 26 ގައި ފޮނުވުމުން، ތަޅުމުން ވަނީ އެ ބިލު އެ ދުވަހު ފާސްކޮށްފައެވެ.
ރައީސް އޮފީހުން މިރޭ ބުނީ އެ ބިލާމެދު ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަލުން ވިސްނެވުމަށް އެދިވަޑައިގެން އަނބުރާ ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުވާލައްވާފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން އެ ބިލު ފާސްކުރިއިރު މަޖިލިސް މެންބަރުން ޕާޓީން ކަނޑާލައި، އަދި ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށް ބުނެ އެ އިސްލާހު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައަށް ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން، އެ ކޯޓުގެ އެއްވެސް ފަނޑިޔާރެއްގެ މައްސަލައެއް ބަލައި ފިޔަވަޅު އެޅުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ވަނީ އެދިފައެވެ.
ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުން ހުއްޓާލުމަށް އަންގާ އަމުރެއްގެ ގޮތުގައި ދައުލަތުގެ އެންމެހައި ފަރާތްތަކުގެ މައްޗަށް މި އަމުރު ނެރެދިނުމަށް ހުށަހަޅާފައިވަނީ، ގޮނޑީގެ މައްސަލަވެސް ހުށަހެޅުއްވި މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު، އަދި ގާނޫނީ ވަކީލު އަލީ ހުސައިނެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ އަހަރުގެ ނޮވެމްބަރު 24 ގައެވެ. ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައިގެންފައިވަނީ އެ މަހުގެ 25 ގައެވެ.
އަލީ ހުސެއިން ހުށަހެޅުއްވި އެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ވިދާޅުވެ ދައުލަތުން ވަނީ އިޖުރާއީނުކުތާއެއް ނަންގަވައިފައެވެ. ނަމަވެސް ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ މަހުގެ 18 ގައި ނިންމާފައިވަނީ އެ މައްސަލަ ބެލުމުގެ އިހުތިސޯސް އެ ކޯޓަށް ލިބިގެންވާ ކަމަށެވެ. އެގޮތަށް ނިންމީ އެ ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ސުޕްރީމް ކޯޓުން އެ މައްސަލަ ބެލޭނެ ކަމަށް ނިންމިފަހުން ފެބްރުއަރީ 26 ގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއް ކަމަށްވާ ހުސްނުއްސުއޫދު، މަހާޒް އަލީ ޒާހިރު އަދި އަޒްމިރަލްދާ ޒާހިރު، ސަސްޕެންޑްކޮށްފައެވެ. ޖޭއެސްސީން ބުނެފައިވަނީ އެ ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. އެފަހުން ޖޭއެސްސީން ބުނެފައިވަނީ އެ ތިން ފަނޑިޔާރުންނާ ގުޅޭގޮތުން ސުލޫކީ މައްސަލައެއް ވެސް ބަލަމުންދާ ކަމަށެވެ.
ޖޭއެސްސީން އެ މައްސަލަތައް ބަލަން ފަށައިފައިވަނިކޮށް ހުސްނުއްސުއޫދު ވަނީ ފަނޑިޔާރުގެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. ފަނޑިޔާރު އަޒްމިރަލްދާ އަދި ފަނޑިޔާރު މަހާޒް ވަނީ ޖޭއެސްސީއަށް ހާޒިރުވެވަޑައިގެން ތުހުމަތަށް އިންކާރުކޮށް ޖަވާބުދާރީވެވަޑައިގެންފައެވެ.
ޖޭއެސްސީން އަޒްމިރަލްދާ އާއި މަހާޒުގެ ދެ މައްސަލައެއް ބަލަމުންދާ އިރު، އެއް މައްސަލައަކީ އަޒްމިރަލްދާގެ ފިރިކަލުން ބަންދުކުރުމުގެ އަމުރަކަށް ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތުގެ މައްސަލައެވެ. އަނެއް މައްސަލައަކީ ހައިކޯޓުގެ ކުރީގެ އެސިސްޓަންޓް ރަޖިސްޓަރާ ހުސައިން މުހައްމަދު ހަނީފު ސްޕްރީމް ކޯޓަށް ހާޒިރުކޮށް އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި މަޖިލީހުގައި ފަނޑިޔަރު މަހާޒާއި ފަނޑިޔާރު އަޒްމިރަލްދާ ތިއްބެވި ކަމަށް ބުނާ މައްސަލައެވެ.
ޚަބަރު
ޚަބަރު
ޚަބަރު