އިންޑިއާ ގައުމީ ޓީމަށް ރެކޯޑް އަދަދަކަށް ގޯލު ޖަހަދީފައިވާ ސުނިލް ޗެތުރީ، ރިޓަޔާކުރަން ނިންމާފައި ހުއްޓައި އަލުން ގައުމީ ޓީމަށް ގެނައީ ވަގުތުން ވަގުތަށް ނަތީޖާ ނެރެން ޖެހިފައިވާތީ އެކަން ކުރަން ކަމަށް ކޯޗު މަނޯލޯ މާކޭޒް ބުނެފިއެވެ.
އުމުރުން 40 އަހަރުގެ އިންޑިއާ ފޯވަޑް ޗެތުރީ، ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ކުރިން އިއުލާން ކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އޭނާ އެކަން މެއި މަހު އިއުލާންކޮށް ރަސްމީކޮށް ކުޅުން ހުއްޓާލީ މިދިޔަ އަހަރުގެ ޖޫން މަހުގެ ހަވަނަ ދުވަހު އިންޑިއާ އިން ކުވައިތާ ދެކޮޅަށް ކުޅުނު މެޗުގައެވެ.
ޗެތުރީ ހިމަނައިގެން އިންޑިއާ އިން މި ފަހަރު އިއުލާން ކުރި ސްކޮޑަކީ މި މަހުގެ 19 ވަނަ ދުވަހު ރާއްޖެއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުގެ އިތުރުން މި މަހުގެ 25 ވަނަ ދުވަހު ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭ އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަން ތިންވަނަ ބުރުގެ މެޗަށް އިއުލާން ކުރި ސްކޮޑެވެ.
އިންޑިއާގެ ތާރީހު ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ޗެތުރީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ކުރިން ނިންމާފައިވަނީ ގާތްގަނޑަކަށް 20 އަހަރު ގައުމީ ޓީމަށް ކުޅުމަށްފަހުއެވެ. 2005 ވަނަ އަހަރުން ފެށިގެން ފުރަތަމަ ފަހަރު ރިޓަޔާ ކުރަންދެން އޭނާ ވަނީ އިންޑިއާ ގައުމީ ފުޓްބޯޅަ ޓީމަށް 150 މެޗު ކުޅެ، 94 ގޯލުވެސް ޖަހައިދީފައެވެ.
ޗެތުރީ އަލުން ޓީމަށް ނެގުމުން އެކަމުގެ ފާޑުކިޔުންތައް ކޯޗު މާކޭޒަށް އަމާޒުވެފައިވާއިރު، އެ ނިންމުން އޭނާ ވަނީ ދިފާއުކޮށްފައެވެ. ނޫސްވެރިންނާ ވާހަކަދައްކަމުން މާކޭޒް ބުނީ މިހާރު ލީގަށް ބަލާއިރުވެސް އެންމެ ވަރުގަދަ، މޮޅު ފޯވަޑަކީ ޗެތުރީ ކަމަށާއި ނަތީޖާ ނެރެން އޭނާ އަނބުރާ ސްކޮޑަށް ނަގަންޖެހޭ ކަމަށެވެ.
"މިހާރު އައިއެސްއެލްއަށް ބެލިޔަސް، ޗެތުރީއަކީ އެއްވަނަ ގޯލު ޖެހުންތެރިޔާ. މިއީ ގައުމީ ޓީމު. ގައުމީ ޓީމަކީ އަބަދުވެސް ވަގުތުން ނަތީޖާ ނެރެން ޖެހޭނެ ބައެއް. އެހެންވީމަ އެ ނަތީޖާ ނެރެން މި ވަގުތު އޮތް ހައްލަކީ ޗެތުރީ. ޗެތުރީ އަކީ އިންޑިއާގެ އެއްވަނަ ފޯވަޑް. އެކަމާ އަހަރެން ޝައްކެއްވެސް ނުކުރަން،" މާކޭޒް ބުންޏެވެ.
މާކޭޒް ބުނީ އިންޑިއާ ގައުމީ ޓީމަށް އަބަދުވެސް އެންމެ މުހިންމު ވާނީ މުސްތަގުބަލުގައި އަންނަން ތިބި ކުޅުންތެރިން ނަމަވެސް، ގައުމީ ޓީމަށް މިހާރުން މިހާރަށްވެސް ނަތީޖާ ނެރެން މަޖުބޫރު ކަމަށެވެ. އަދި އެކަމަށް ކުރަންޖެހޭ ކަމެއް ކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ.
އިއްޔެގެ ޕްރެސްގައި މާކޭޒް ވަނީ އިންޑިއާ ގައުމީ ޓީމުގެ އަނެއް ފޯވަޑް، އާޝިގް ކުރުނިޔަންއަށްވެސް ތައުރީފުކޮށްފައެވެ. އޭނާ ބުނީ ކުރިނިޔަސް މި ވަގުތު ފިޓް ނޫން ނަމަވެސް ކުޅޭ ކުޑަ ވަގުތުކޮޅެއްގައިވެސް އޭނާ ގޭމު ބަދަލުކޮށްލާ ކަމަށެވެ.
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ