އެއްފަހަރާ އެއް ލައްކަ ސަޕޯޓަރުންނަށް ކުޅިބަލަން ވަދެވޭ ގޮތަށް ދެ ބިލިއަން ޕައުންޑްގެ އާ ސްޓޭޑިއަމެއް ތަރައްގީކުރުމަށް މެންޗެސްޓާ ޔުނައިޓެޑުން ތައްޔާރުވެއްޖެއެވެ.
ފައިސާގެ ހާލަތު ދަށްވެ، މިދިޔަ 10 ވަރަކަށް އަހަރު ދުވަހުވެސް ޔުނައިޓެޑްގެ އިންފްރާސްޓްރަކްޗާއަށް މާބޮޑު ބަދަލެއް ނުގެނެސްވާތީ، އެކަމަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. އެގޮތުން ކްލަބު ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯވެސް އެ ކްލަބަށް އެނބުރި ދިއުމަށްފަހު، ކްލަބުގެ އިންފްރާސްޓްރަކްޗާ ތަރައްގީ ނުވާ ކަމަށް ބުނެ ފާޑުކިޔާފައިވެއެވެ.
ޔުނައިޓެޑްގެ ކޯ އޯނަރު، ސާ ޖިމް ރެޓްކްލިފް ވިދާޅުވީ ދުނިޔޭގެ އެންމެ ވަރުގަދަ ފުޓްބޯޅަ ސްޓޭޑިއަމް އަޅަން ބޭނުންވާ ކަމަށާއި އަލަށް އިއުލާން ކުރި ސްޓޭޑިއަމް ނިންމަން ތާވަލުކުރާނީ ފަސް އަހަރުން ކަމަށެވެ. ފުރަތަމަ މަޝްވަރާ ކުރީ މިހާރުގެ ވެސް ސްޓޭޑިއަމް އޯލްޑް ޓްރެފޯޑް މަރާމާތުކުރަން ނަމަވެސް، އާ ސްޓޭޑިއަމެއް އަޅަން ނިންމީ އެންމެ ޒަމާނީ ފެންވަރަށް ފެސިލިޓީތައް ތަރައްގީކުރުމަށް ކަމަށްވެސް ރެޓްކްލިފް ފާހަގަކުރެއްވިއެވެ.
އޯލްޑް ޓްރެފޯޑަކީ 1910 ވަނަ އަހަރުން ފެށިގެން ޔުނައިޓެޑްގެ ހޯމްއެވެ. އެ ސްޓޭޑިއަމަކީ އިނގިރޭސި ވިލާތުގެ އެންމެ ތާރީހީ އެއް ސްޓޭޑިއަމް ނަމަވެސް، ޔުނައިޓެޑުން މިހާރު މަސައްކަތް ކުރަނީ އިނގިރޭސި ވިލާތުގެ އެންމެ ބޮޑު ސްޓޭޑިއަމް ތަރައްގީ ކުރުމަށެވެ.
ޔުނައިޓެޑުގެ އާ ސްޓޭޑިއަމް ފަރުމާކުރީ ފޯސްޓާ އެންޑް ޕާޓްނާސް ކިޔާ ކުންފުންޏަކުންނެވެ. އެ ކުންފުނިން ބުނެފައިވަނީ ސްޓޭޑިއަމްގެ ފަރުމާ ބޮޑަށް ފެންނާނީ ކުޑައެއްގެ ސިފައިގައި ކަމަށެވެ. އަދި ސްޓޭޑިއަމް ހަދާއިރު، ސަޕޯޓަރުންގެ އަޑު ސްޓޭޑިއަމް ތެރޭގައި ވަރުގަދައަށް ހިފާނެ ގޮތަކަށް ވިސްނައި ސަޕޯޓަރުންނަށް ވީހާވެސް ކައިރިން މެޗު ފެންނާނެ ގޮތަކަށް ވިސްނާނެ ކަމަށްވެސް ބުންޏެވެ.
ޔުނައިޓެޑް މި ވަގުތުވެސް ބިލިއަން ޕައުންޑްގެ ގެއްލުމުގައި އޮތް އިރު، އެ ކްލަބުން ދަނީ ހަރަދު ކުޑަކުރަމުން މަސައްކަތް ކުރަމުންނެވެ. އަދި މިހާރު އޮތް ހާލަތުން ސްޓޭޑިއަމަށް ފައިސާ ހަރަދުކުރާނީ ކިހިނެތް ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް