ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުއާ ގުޅޭގޮތުން ބަލަމުންދާ ސްލޫކީ މައްސަލައިގައި ޖަވާބުދާރީވުމަށް އެ ކޮމިޝަނަށް ހާޒިރުވެ ޖަވާބުދާރީވުން ފަސްކޮށްފިއެވެ.

ޖޭއެސްސީ އިން ވަނީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސްނުއް ސުއޫދު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ، މިދިޔަ މަހުގެ 26 ވަނަ ދުވަހު ސަސްޕެންޑުކޮށްފައެވެ.

ޖޭއެސްސީން އެ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެތިން ފަނޑިޔާރުން ސަސްޕެންޑް ކޮށްފައި ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ތިން ފަނޑިޔާރުންނާ ގުޅޭގޮތުން މައްސަލައެއް ބަލަމުންދާތީ ކަމަށެވެ. އެފަހުން ޖޭއެސްސީން ވަނީ އެ ކޮމިޝަނުން ވެސް އެ ތިން ފަނޑިޔާރުންނާ ގުޅޭ މައްސަލައެއް ބަލަމުންދާކަން ހާމަކޮށްފައެވެ.

ޖޭއެސްސީން އަޒްމިރަލްދާ އާއި މަހާޒުގެ ދެ މައްސަލައެއް ބަލަމުންދާ އިރު، އެއް މައްސަލައަކީ އަޒްމިރަލްދާގެ ފިރިކަލުން ބަންދުކުރުމުގެ އަމުރަކަށް ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތުގެ މައްސަލައެވެ. އަނެއް މައްސަލައަކީ ހައިކޯޓުގެ ކުރީގެ އެސިސްޓަންޓް ރަޖިސްޓަރާ ހުސައިން މުހައްމަދު ހަނީފު ސްޕްރީމް ކޯޓަށް ހާޒިރުކޮށް އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި މަޖިލީހުގައި ފަނޑިޔަރު މަހާޒާއި ފަނޑިޔާރު އަޒްމިރަލްދާ ތިއްބެވި ކަމަށް ބުނާ މައްސަލައެވެ.

އެ މައްސަލައާ ގުޅިގެން ޖަވާބުދާރީވެވަޑައިގަތުމަށް ފަނޑިޔާރު މަހާޒް އަދި ފަނޑިޔާރު އަޒްމިރަލްދާ، ކޮމިޝަނަށް ހާޒިރުވުމަށް ޖޭއެސްސީން ވަނީ އަންގައިފައެވެ. ނަމަވެސް މިއަދު ކޮމިޝަނަށް ހާޒިރުކޮށްފައިވަނީ ފަނޑިޔާރު މަހާޒް އެކަންޏެވެ.

އަޒްމިރަލްދާގެ ވަކީލު އިބްރާހިމް ޝަމީލް "ވަން" އަށް މިރޭ ވިދާޅުވީ އަޒްމިރަލްދާ މިއަދު ޖޭއެސްސީއަށް ހާޒިރުކުރާ ގޮތަށް އޮތް ނަމަވެސް މާދަމާއަށް އެކަން ފަސްކޮށްފައިވާ ކަމަށެވެ.

"އަނގަބަހުން އިއްޔެ މި އެންގީ މާދަމާ ކަމަށް ހާޒިރުވާން ޖެހޭނީ، މާދަމާ ހާޒިރުވާން ޖެހޭކަން އެންގި ނަމަވެސް އަދިވެސް ހާޒިރުވާން ޖެހޭ ގަނޑިއެއް ނޭނގެ. ލިޔުމެއް ވެސް ނޯޓިސްއެއް ވެސް އަމުރެއް ވެސް ނުލިބޭ. މާދަމާ ހާޒިރުވާން ޖެހޭ ކަމެއް ވެސް އަނެއްހެން އަދި ނޭނގެ،" ޝަމީލް ވިދާޅުވިއެވެ.

ޖޭއެސްސީން ބަލަމުންދާ މައްސަލައިގެ ބައްދަލުވުމުގެ އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް އަޒްމިރަލްދާގެ ފަރާތުން ޖޭއެސްސީއަށް ހުށަހެޅި ނަމަވެސް އެ ކޮމިޝަނުން ނިންމާފައިވަނީ އަޑުއެހުން ހުޅުވާލައިގެން ކުރިއަށް ނުގެންދިއުމަށެވެ.

ބައްދަލުވުންތައް އާންމުކޮށް ކުރިއަށް ނުގެންދަން މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ނިންމި ނަމަވެސް ފަނޑިޔާރު އަޒްމިރަލްދާގެ ގާނޫނީ ވަކީލު ޝަމީލް ވިދާޅުވީ، ފަނޑިޔާރު އަޒްމިރަލްދާގެ ފަރާތުން ޖޭއެސްސީއަށް ހުށަހެޅުއްވި ހުށަހެޅުއްވުމަށް އެ ކޮމިޝަނުން އެއްވެސް ޖަވާބެއް ދީފައިނުވާ ކަމަށެވެ.