ލ. އަތޮޅުގައި ހިންގަމުންދާ ޖަމިއްޔާއެއް ކަމަށްވާ ލާމު ޔޫތު ޑެވަލޮޕްމަންޓު (ލީޑް) ގެ ފަރާތުން އިންތިޒާމުކޮށް ކުރިއަށްގެންދާ ލީޑް ވެޓްރަންސް ފުޓްސަލް ކަޕްގެ ތިންވަނަ މުބާރާތް، ކުރިއަށްއޮތް އޭޕްރީލް މަހުގެ 11 ވަނަ ދުވަހުގެ ރޭ ފަށަން ނިންމައިފިއެވެ.
ލީޑް ވެޓްރަންސް ފުޓްސަލް ކަޕް 2025 ގައި ބައިވެރިވުމަށް މިހާރު ހުޅުވާލާފައިވާ އިރު، މިފަހަރުވެސް މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލާފައިވަނީ މުޅި ރާއްޖެއަށެވެ.
އެގޮތުން ރާއްޖޭގެ ކޮންމެ ހިސާބެއްގެ، ދިވެހި ކޮންމެ ރައްޔިތަކަށްވެސް މުބާރާތުގައި ކުޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ލީޑުން މައުލޫމާތު ދީފައިވެއެވެ. މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލީ ޖަމިއްޔާ ޖަމާއަތްތަކަށާއި އަމިއްލަ ވިޔަފާރިތަކުގެ އިތުރުން ކޯޕަރޭޓިވް ސޮސައިޓީތަކަށާއި ސަރުކާރު އިދާރާތަކަށާއި ކުންފުނި އަދި އަމިއްލަ ކުންފުނިތަކަށެވެ.
ލީޑުން މައުލޫމާތު ދީފައިވާ ގޮތުގައި ޓީމުތަކުގައި ހިމެނޭނީ ރާއްޖެއަށް ނިސްބަތްވާ 35 އަހަރުން މަތީގެ ކުޅުންތެރިންނެވެ. އެހެންނަމަވެސް ކޮންމެ ޓީމަކަށްވެސް އެޓީމަކުން ބޭނުންވާ ނަމަ، އުމުރުން 30 އަހަރާއި 35 އަހަރާ ދެމެދުގެ އެއް ކުޅުންތެރިޔަކު ޓީމުގައި ހިމެނުމަށް ފުރުސަތު ލިބޭނެއެވެ. މުބާރާތުގައި ބައިވެރިކުރުމަށް ނިންމާފައިވަނީ އެންމެ ފުރަތަމަ ފޯމު ހުށަހަޅާ 16 ޓީމަކަށެވެ.
ފޯމު ސެޓު، ގަވާއިދާއެކު މިހާރު ލީޑްގެ ފޭސްބުކް ޕޭޖުން ލިބޭނެ ކަމަށް އެ ޖަމިއްޔާއިން މައުލޫމާތު ދީފައިވެއެވެ.
މިއަހަރުގެ މުބާރާތުގައި ޓީމު ބައިވެރިކުރުމުގެ ފުރުސަތު މިމަހު 15 ވަނަ ދުވަހުގެ ރޭ 12:00 އަށް ހަމަވާ އިރު، ޓީމު ލިސްޓް ހުށަހެޅުމަށް ދީފައިވާ ސުންގަޑިއަކީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ ރޭ 12:00 އެވެ.
ލީޑުގެ ރައީސް މުހައްމަދު އަފްރާހް (އައްޕި) "ވަން ސްޕޯޓްސް" އަށް ވިދާޅުވީ މީގެ ކުރިން ބޭއްވި ދެ މުބާރާތަކީވެސް ކާމިޔާބު ފުރިހަމަ މުބާރާތްތަކެއް ކަމަށާއި އެ މުބާރާތްތަކަށްވުރެވެސް މިއަހަރުގެ މުބާރާތް ފޯރިގަދަވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި އެ މުބާރާތްތަކަށްވުރެވެސް އިންތިޒާމު ރަނގަޅު މުބާރާތެއް ގެނެސްދޭން ލީޑުން ޒުވާނުންނާއެކު މަސައްކަތް ކުރަމުންދާ ކަމަށްވެސް އަފްރާހް ވިދާޅުވިއެވެ.
އަފްރާހް ވިދާޅުވީ މިފަހަރުގެ މުބާރާތް ހުޅުވުމުގެ ގޮތުން ހާއްސަ ޗެރިޓީ ޝީލްޑް މެޗެއް ތައާރަފުކުރަން ތައްޔާރުވެފައިވާ ކަމަށާއި، އެ މެޗާއެކު 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ފަލަސްތީނު ރައްޔިތުންނަށް ހަދިޔާކުރުމަށް ނިންމާފައިވާ ކަމަށެވެ.
އަފްރާހް އިތުރަށް ވިދާޅުވީ ވެޓްރަންސް މުބާރާތް ބާއްވާ މައިގަނޑު މަގުސަދަކީ އުމުރުން ދުވަސްވަމުންދިޔަ ނަމަވެސް، ވެޓްރަންސް ކުޅުންތެރިންނަކީ ޒުވާނުންގެ ކުރިމަގަށް މުހިންމު ބައެއްކަން އަންގައިދިނުން ކަމަށާއި އަދި ވެޓްރަންސް އުމުރުގެ ކުޅުންތެރިންގެ ފިޓްނަސްއަށް ކަސްރަތާއި ސިއްހީ ދުޅަހެޔޮ ކަމަށް އަހަންމިއްޔަތުކަން ދޭން ޖެހޭކަން ދައްކުވައިދިނުން ކަމަށެވެ.
އޭގެ އިތުރުން މުބާރާތުން ހާސިލުވާނެ އެންމެ ބޮޑު ކަމެއްގެ ގޮތުގައި އަފްރާހް ފާހަގަކުރެއްވީ އެކުވެރި މާހައުލެއްގައި އޭރާއި މިހާރުގެ ކުޅުންތެރިން އެކުގައި ޝާމިލުވެ، ރަށުގެ، އަތޮޅުގެ ކުޅިވަރަށް މުހިންމު ގުޅުންތަކެއް ބަދަހިވެގެން ދިޔުމެވެ.
އަފްރާހް ފާހަގަކުރެއްވީ ލީޑުގެ ކޮންމެ ހަރަކާތެއްގައިވެސް ޒުވާނުންގެ ބައިވެރިވުން ފުރިހަމައަށް ލިބޭ ކަމަށާއި އަބަދުވެސް އެ ޒުވާނުންނަށް ޝުކުރުވެރިވާ ކަމަށެވެ.
މިފަހަރުގެ މުބާރާތްވެސް ލ. ފޮނަދޫ ފުޓްސަލް ދަނޑުގައި ކުރިއަށްދާ އިރު، މުބާރާތާ ގުޅޭ އިތުރު މައުލޫމާތު 9557667 އަށް ގުޅާލުމުން ލިބޭނެއެވެ.
މީގެ ކުރިން 2022 ވަނަ އަހަރު ބޭއްވި އަލް މުދިޝް ލީޑް ވެޓެރަންސް ކަޕްގެ ޗެމްޕިއަން ޓީމަކީ ލ. މާވަށެވެ. އޭގެ ފަހުން މިދިޔަ އަހަރު ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ނެގީ އަފޭންއެވެ. އެ ދެ މުބާރާތުގައިވެސް ރާއްޖޭގެ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ފެނިގެން ގޮސްފައިވެއެވެ.
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް