ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން އިންޑިއާއާ ދެކޮޅަށް ކުޅެން ތައްޔާރުވެފައިވާ އެކުވެރިކަމުގެ މެޗުގެ އިތުރުން އޭޝިއަން ކަޕް ކޮލިފިކޭޝަން މެޗަށް ރޭ ޕްރެކްޓިސް ފަށައިފިއެވެ.
ކޯޗު އަލީ ސުޒޭންގެ އިރުޝާދުގެ ދަށުން ގައުމީ ޓީމުން ރޭ ފަރިތަކުރުންތައް ފެށީ ގައުމީ ފުޓުބޯޅަ ދަނޑުގައެވެ. ފަރިތަކުރުންތައް ރޭ ފަށާފައިވާ އިރު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކުޅުންތެރިން ގައުމީ ޓީމުގެ ފަރިތަކުންތަކާ ގުޅެން ނިންމާފައި ވަނީ އަންނަ ހޯމަ ދުވަހުގެ ރޭގައެވެ.
އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަން ތިންވަނަ ބުރުގައި ރާއްޖެއިން ފުރަތަމަ ކުޅޭ މެޗު 25 ވަނަ ދުވަހު އޮންނާނީ ފިލިޕީންސްގައެވެ. ފިލިޕީންސާ ދެކޮޅަށް ކުޅޭ އެ މެޗުން ރާއްޖޭގެ ކޮލިފިކޭޝަން މެޗުތައް ފަށާ އިރު، ދެން ކުޅޭ މެޗުގައި ޖޫން 10 ވަނަ ދުވަހު ނުކުންނާނީ ޓިމޯ ލެސްޓޭއާ ދެކޮޅަށެވެ. އެވެސް އެ ގައުމުގައެވެ. ދެން ރާއްޖެ ހިމެނޭ ގްރޫޕްގައި ހިމެނެނީ ތަޖިކިސްތާނެވެ.
ރާއްޖެއިން ފިލިޕީންސް މެޗުގެ ކުރިން އިންޑިއާއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅެން ނިންމާފައިވާ އިރު، އެ މެޗު އޮންނާނީ މިމަހުގެ 19 ވަނަ ދުވަހު، ރާއްޖެ ގަޑިން އިރުއޮއްސި 6:30 ގައެވެ.
އިންޑިއާ މެޗަށް ގައުމީ ޓީމު ފުރުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 15 ވަނަ ދުވަހު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ރާއްޖޭގެ އެފްއޭއެމް މިވަގުތު ނޯމަލައިޒޭޝަން ހާލަތެއްގައި އޮތުމާއެކު ލީގު ފުޓުބޯޅަ ނުކުޅޭތާ މިވަނީ އަހަރަކަށްވުރެ ގިނަ ދުވަސްވެފައެވެ. ލީގު ފުޓުބޯޅަ މެދުކަނޑާލިފަހުން މާޒިޔާ ފިޔަވާ އިތުރު ކްލަބެއްގެ ހަރަކާތެއް ފެނިގެން ގޮސްފައި ނުވާ އިރު، ދާދިފަހުން ބަންގްލަދޭޝާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅެފައިވެއެވެ.
ބަންގްލަދޭޝްގައި ކުޅުނު ދެމެޗުން އެއް މެޗު ރާއްޖެއިން ކާމިޔާބުކުރި އިރު، އަނެއް މެޗުން މޮޅުވީ ބަންގްލަދޭޝްއެވެ.
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު