މާތްވެގެންވާ ކީރިތި ޤުރްއާނުގައި މިމޭރުމުން ބަޔާންކުރައްވައިފައިވާ ގޮތުގައި އަންހެންދަރީން މަރާމީހުން އެކަންކުރަނީ ގަބުކަމާއި މޮޔަކަމުގެ ސަބަބުންނެވެ. އެކަމަކީ އެކަންކުރާމީހުންނަށް ކުޑަވެސް މަންފާއެއް ހުރިކަމެއްނޫނެވެ. ގެއްލުންހުރި ކަމެކެވެ. ދެޖިންސުގެ ދަރީންކުރެ މުސްތަޤްބަލުގައި ފައިދާކުރާނީ ކޮންޖިންސެއްގެ ކޮންދަރިއެއްގެ ފުށުންކަމެއް އެކަކަށްވެސް ކުރިޔަކުން ނޭނގޭނެއެވެ. ހެޔޮކަމާއި ބަރަކާތުގެ ސަބަބަކަށްވާނީ ކޮންކުއްޖެއް ކަމެއް ނޭނގޭނެއެވެ. މިކަންކަން ނޭނގިތިބެ ދަރީން ޤަތުލުކުރުމަކީ މޮޔަކަން ފިޔަވައި އެހެން ކަމެއްނޫނެވެ. އަރަހުށި މާތް الله ވަޙީކުރައްވައިފައިވަނީ މިދަންނަވާ ގޮތަށެވެ.

[އެއްވެސް ޢިލްމަކާނުލައި، ޖާހިލުކަމުން އެއުރެންގެ ދަރީން ޤަތުލުކޮށް އެއުރެންނަށް الله ދެއްވިތަކެތި الله އަށް ދޮގުހެދުމުގެ ގޮތުން ޙަރާމްކުޅަ މީހުން ގެއްލި ހަލާކުވެއްޖެއެވެ.] (سورة الأنعام: 140)

ފަޤީރުކަމުގެ ބިރު ފިލުވައިދެއްވުން

ޢަރަބިބައެއް ޤަބީލާތަކުން އަންހެންދަރީން ދިރިތިއްބައި ވަޅުލުމާއި އެހެނިހެން ގޮތްގޮތުން ޤަތުލުކުރުމުގެ އެއްސަބަބަކީ، ފަޤީރުކަމުގެ ބިރެވެ. އެބައިމީހުންގެ އަތްމަތި ދަތިކަމާހުރެ އަންހެންދަރީންނާމެދު ދެކެނީ ވަރަށްބޮޑު ބަރެއްކަމުގައެވެ. ފިރިހެންކުދީން ބޮޑެތިވުމުން ދިރިއުޅުމުގެ ވަސީލަތްތައް ހޯދުމުގެ މަސައްކަތުގައި ބައްޕަޔަށް އަތްބާރު އަޅައިދެވެއެވެ. ނަމަވެސް އެދުވަސްވަރު އަންހެންކުއްޖަކު ބޮޑުވިކަމުގައިވިޔަސް އެކުއްޖަކަށް ކުރެވޭނެ މަސައްކަތެއް ނޯވެއެވެ. އެކުއްޖަކަށް ނަފަޤާތްދޭން ޖެހެނީ ބައްޕައަށެވެ. އެހެންކަމުން ކީރިތިޤުރްއާނުގައި އަންގަވައިފައިވަނީ ރިޒުޤުގެ ތަޅުދަނޑިވަނީ މާތް الله ގެޔަދުޤުދުރަތްޕުޅުގައި ކަމަށެވެ. އަތްފައިން މަސައްކަތް ކޮށްގެން އާމްދަނީ ހޯދައިއުޅޭ ޖޯރުހުރި މީހަކު ކަމުގައިވިޔަސް އެހެންމީހެއްގެ މެދުވެރިކަމާ ލައިގެން ރިޒުޤުލިބޭ މީހަކުކަމުގައިވިޔަސް އެމީހަކަށް ރިޒުޤުލިބެނީ އަރަހުށި މާތް الله ގެ އިޒުނަފުޅާއި އެކަލާނގެ މަޝިއްޔަތާއި ތަޤްދީރުފުޅުގެ ބާރުވެރިކަމުގެ ސަބަބުންކަމެވެ. މަތިވެރިވަންތަ މާތް الله އެކެއްގެރޯދީގެ ވާސިޠާއަކީ އަނެކަކު ކަމުގައި ލައްވައިފައި ވެދާނެއެވެ. އެހެންކަމުން ރޯދި ނުލިބޭނެކަމަށް ހީކޮށްބިރުން މީހަކު ޤަތުލުކުރުމަކީ ވަރަށްބޮޑު ކުށެކެވެ. ފާފައެކެވެ. އިންތިހާދަރަޖައިގެ މޮޔަކަމެކެވެ. ސޭވާ ކަމެކެވެ. އަރަހުށި މާތް الله ވަހީކުރެއްވި އާޔަތެއްގެ މާނައިގައިވެއެވެ.

[އަދި ފަޤީރުކަމުގެ ސަބަބުން ތިޔަބައިމީހުން ދަރީން ނުމަރާށެވެ! ތިޔަބައިމީހުންނަށާއި އެދަރީންނަށް ރިޒްޤުދެއްވަނީ ތިމަންރަސްކަލާނގެ އެވެ.] (سورة الأنعام: 151)

ކީރިތި ޤުރްއާނުގެ އެހެން އާޔަތެއްގައި ވަޙީކުރައްވައިފައިވާ ބަސްފުޅުއްގެ މާނައިގައިވެއެވެ.

[އަދި ފަޤީރުވެދާނެކަމަށް ބިރުން، ތިޔައިބައިމީހުންގެ ދަރީން ނުމަރާށެވެ! އެކުދީންނަށާއި އަދި ތިޔަބައިމީހުންނަށް ރިޒުޤުދެއްވަނީ ތިމަންރަސްކަލާނގެއެވެ. ހަމަކަށަވަރުން އެދަރީން މެރުން އެއީ ބޮޑުވެގެންވާ ފާފައެއް ކަމުގައިވިއެވެ.] (سورة الإسراء: 31)

އަންހެންކުދީން ދިރިތިއްބައި ވަޅުލުން ޙަރާމްކުރެއްވުން

އިސްލާމްދީން އަންހެންކުދީން ދިރިތިއްބައި ވަޅުލުން މަނާކުރެއްވުމާ ގުޅޭގޮތުންވެސް ހަމައެކަނި އެކަމުގެ ދޭސީކަމާއި ނުބައިކަން އަންގައި ދެއްވުމާއި އެކަން ނުކުރާން އިރުޝާދު ދެއްވުމާ ހަމަޔަކުން ނިންމައެއް ނުލައްވައެވެ. އެކަން ހިމަނުއްވައިފައިވަނީ މާތް الله އާއި އެކަލާނގެ ރަސޫލާ ޙަރާމްކުރައްވައިފައިވާ ކަންކަމުގެ ގިންތީގައެވެ. مغيرة بن شعبة رضي الله ރިވާކުރައްވައިފައިވާ ޙަދީޘްފުޅެއްގައި ވެއެވެ.

[އަރަހުށި މާތް الله ވަނީ މައިންބަފައިންނަށް ނުކިޔަމަންތެރިވުމާއި އަންހެންދަރީން ދިރިތިއްބައި ވަޅުލުމާއި (މަރައިލުމާއި) ބޭކާރު ޚަރަދުކޮށް އިސްރާފުކުރުން ތިޔަބައިމީހުންގެ މައްޗަށް ޙަރާމް ކުރައްވައިފައެވެ.]

(صحيح بخاري، كتاب الإستقراض، باب ماينهي عن اضاعة المال، 2408، كتاب الادب، باب عقوق الوالدين من الكبائر، 5975، صحيح مسلم، كتاب الاقضية، باب النهي عن كثرة المسائل، 593)

مغيرة رضي الله عنه އަރިހުން ރިވާވެފައިވާ އެހެން ރިވާޔަތެއްގައިވާ ގޮތުން އިސްވެ މިދެންނެވި ކަންތައްތަކަކީ رسول الله صلي الله عليه وسلم ވެސް ޙަރާމްކުރައްވައިފައިވާ ކަންތައްތަކެކެވެ.

(صحيح بخاري، كتاب الرفاق، باب مايكره من قيل وقال، 6473 ، كتاب الاعتصام، باب مايكره من كثرة السوال، 7292 ، صحيح مسلم، كتاب الاقضية، باب النّهي عن كثرة المسائل، 593)

އާޚިރަތުގައި ގަދަ ޢަޒާބު ދެއްވާނެކަމުގެ ވަޢުދުފުޅު

މިނުބައި ޢަމަލު ހިމެނިފައިވަނީ އާޚިރަތް ދުވަހުން ވަރަށް ވަރުގަދަޔަށް މުޙާސިބުކުރައްވައި ގަދަފަދަ ޢަޒާބުދެއްވާނެ ފާފަތަކުގެ ތެރޭގައެވެ. ކީރިތި ޤުރްއާނުގައި އެކަން ބަޔާންކުރައްވައިފައިވަނީ ވަރަށް ބަލާޣަތްތެރި ޢިބާރާތަކުންނެވެ. ހިތްތައް ހަލުވައިލާފަދަ ޢިބާރަތަކުންނެވެ. މިކަން ބަޔާންކުރައްވައި ވަޙީކުރައްވައިފައިވާ ދެއާޔަތެއްގެ މާނައިގައިވެއެވެ.

[އަދި ދިރިއޮއްވައި ވަޅުލެވުނު އަންހެންދަރިންނާ ސުވާލުކުރެއްވޭ ހިނދެވެ. އޭނާ މަރައިލީ ކޮންކުށެއްގެ ސަބަބުންހެއްޔެވެ؟] (سورة التّكوير: 9،8)

އާދޭހެވެ. އަނިޔާވެރިވެ އެއަންހެންކުދީން ޙައްޤަކާ ނުލައި ޤަތުލުކުރި މީހުންނާ އެކަމާ ސީދާ ސުވާލު ކުރައްވާނެއެވެ. އެއަންހެންކުދީން ކުރެން އެކުދީން ޤަތުލުކުރެވުނީ ކޮންކުށަކާހުރެތޯ ސުވާލުކުރައްވާނެއެވެ. ބަޔާންކުރެއްވުމުގެ މިއުސްލޫބަކީ އަރަހުށި މާތް الله މިކަމާ ނިހާޔަތަށް ކޯފާވެވޮޑިގަންނަވާކަން ހާމަވާ އުސްލޫބެކެވެ. އަންހެންދަރީން ދިރިތިއްބައި ވަޅުލާމީހުންނަކީ އަރަހުށި މާތް الله سبحانه وتعالي އެކަމުގެ ނުބައިކަމާހުރެ އެބައިމީހުންނާ ސީދާ މުޚާޠަބްކުރެއްވުން އެކަށީގެންވާ ބައެއްވެސް ނޫނެވެ.

(تفسيرقرطبي: 19/233- 234 زمحشري، الكشاف: 4/222)

ދަރީން ނުމެރުމަކީ ކައުސާހިބާ صلي الله عليه وسلم އެކަމަކަށް ޢަހްދު ހިއްޕަވާކަމެކެވެ.

ކައުސާހިބާ صلي الله عليه وسلم ޞަޙާބީންގެ ބައިޢަތު އަތުލައްވާއިރު އިޢުތިރާފު ހޯއްދަވާ އެއްކަމަކީ އެބޭބޭކައުކަނބަލުންގެ ބޭފުޅުން ޤަތުލު ނުކުރެއްވުމެވެ. އިތުރު ސާހިބާ صلي الله عليه وسلم ވަނީ ޞަޙާބީންނާއި ޞަޙާބިއްޔާތުންގެ އަރިހުންވެސް މިއިޢުތިރާފު އަތުލައްވައިފައެވެ. ޙުދައިބިއްޔާގެ ޞުލްޙައަށްފަހު (ޛުލްޤަޢިދާ: 6 ހ) މައްކާ ފަތަޙަ ކުރެއްވުމާއި (ރަމަޟާން: 8 ހ) ދެމެދު ވަރަށްގިނަ ސަހާބިއްޔަތުން ވަނީ މައްކާއިން ހިޖްރަކުރައްވައި މަދީނާއަށް ވަޑައިގެންފައެވެ. އަރަހުށި މާތް الله سبحانه وتعالي ވަނީ އެބޭކަނބަލުން ކިބައިން ބައިޢަތު ހިއްޕެވުމަށް އެކަލާނގެ ނަބިއްޔާއަށް އަމުރުކުރައްވައިފައެވެ. ބައިޢަތު އަތުލައްވާން އަމުރު ކުރައްވައިފައިވާ ކަންކަމުގެ ތެރެއިން އެއްކަމަކީ ތިމާމެންގެ ދަރީން ޤަތުލު ނުކުރުމެވެ. އަރަހުށި މާތް الله މިކަމާބެހޭގޮތުން ބާވައިލެއްވި އާޔަތުގެ މާނައިގައިވެއެވެ.

[އޭ ނަބިއްޔާއެވެ! އީމާންވެގެންވާ އަންހެނުން ކަލޭގެފާނުގެ އަރިހަށް ބައިޢަތު ހިފުމަށް އަންނަހިނދު، އެކަނބަލުން الله އަށް އެއްވެސް އެއްޗެއް ޝަރީކު ނުކުޅައުމަށާއި، އެކަނބަލުން ވައްކަން ނުކުޅައުމަށާއި، އެކަނބަލުން ޒިނޭ ނުކުޅައުމަށާއި، އެކަނބަލުންގެ ދަރީން ނުމެރުމަށާއި، އަދި އެކަނބަލުންގެ އަތްތަކާއި ފައިތަކާ ދެމެދަށް ބުހުތާން ދޮގުވާހަކައެއް ހަދައިގެން ނުގެނައުމަށާއި (އެބަހީ: ނަޙަލާލުކުދީން ޙަލާލުކުދީން ކަމުގައި ނުހެދުމަށާއި) އަދި އެއްވެސް ހެޔޮކަމެއްގައި ކަލޭގެފާނަށް އެކަނބަލުން އުރެދިނުގަތުމަށް، ފަހެ، ކަލޭގެފާނު އެކަނބަލުންނާ ބައިޢަތު ހިއްޕަވާށެވެ. އަދި އެކަނބަލުންނަށް ފާފަފުއްސެވުންއެދި ކަލޭގެފާނު الله އަށް ދަންނަވާށެވެ! ހަމަކަށަވަރުން الله އީ ގިނަގިނައިން ފާފަފުއްސަވާ ރަޙީމުވަންތަ ރަސްކަލާނގެއެވެ.] (الممتحنة: 12)

ރިވާވެގެންވާ ގޮތުގައި ކައުސާހިބާ صلي الله عليه وسلم މައްކާ ފަތަޙަ ކުރެއްވުމަށްފަހު މައްކާގެ އަންހެނުންގެ ކިބައިން ބައިޢަތު ހިއްޕަވާން عمرالفاروق رضي الله عنه އަށް އަމުރު ކުރެއްވިއެވެ. އިސްވެދިޔަ މާތްއާޔަތުގައި އަމުރު ކުރައްވައިފައިވާ ކަންކަމަށް އެބައިޢަތުގައިވެސް އިޤުރާރު ކުރެވުނެވެ. (إبن كثير، السيرة النبوية: 3/603) ބައެއް ރިވާޔަތްތަކުގައިވާގޮތުން ކައުސާހިބާ صلي الله عليه وسلم މަދީނާއަށް ގެމަށްވޮޑިގެންނެވުމަށްފަހު އެއްފަހަރަކު އަންޞާރިއްޔަ ބޭކަނބަލުން ގެއަކަށް ޖަމާކުރައްވައި އެބޭކަނބަލުންގެ ފަރާތްޕުޅުން ބައިޢަތު އަތުލައްވާން عمرالفاروق رضي الله عنه ފޮނުއްވިއެވެ. عمرގެފާނު ކައުސާހިބާ صلي الله عليه وسلم ގެމަންދޫބެއްގެ ހައިސިއްޔަތުން އަންޞާރިއްޔަ ބޭކަނބަލުންގެ ފަރާތްޕުޅުން އިސްވެދެންނެވުނު ކަންކަމަށް ބައިޢަތު ހޯއްދެވިއެވެ.

(موطّا امام مالك، كتاب البيعة، باب ماجاء في البيعة، مسند أحمد:)

ކައުސާހިބާ صلي الله عليه وسلم މިމޭރުމުގެ ބައިޢަތެއް ޞަޙާބީންގެ ފިރިހެންބޭކަލުންގެ ކިބައިންވެސް ހިއްޕެވިއެވެ. ކައުސާހިބާ صلي الله عليه وسلم މަދީނާއަށް ގެމަށްވޮޑިގެންނެވުމުގެކުރީން މައްކާގައި ހުންނެވިއިރު މައްކާގެ ޢަޤަބާގައެވެ. އެބައިޢަތުގައި ބައިވެރިވެ ވަޑައިގެންނެވި ނަޞީބުވެރި އަންޞާރުންކުރެ އެއްބޭކަލަކީ عبادة بن الصّامت رضي الله عنه އެވެ. އެކަލޭގެފާނު ރިވާކުރައްވައިފައިވެއެވެ. ކައުސާހިބާ صلي الله عليه وسلم އަހަރެމެންނަށް ޙަދީޘް ކުރެއްވިއެވެ.

[بَايِعُونِي عَلَي أنْ لاَتُشْرِكُوابِاللهِ شَيئًا وَلاَتُشْرِقُوا وَلاَتَزْنُوا وَلاَتَقْتُلُوا اَوْلاَدَكُمْ]

[ތިޔަބައިމީހުން މާތް الله އާ އެއްވެސް ފަރާތެއް ޝަރީކު ނުކުރުމަށާއި ވައްކަން ނުކުރުމަށާއި ޒިނޭނުކުރުމަށާއި ތިޔަބައިމީހުންގެ ދަރީން ޤަތުލު ނުކުރުމަށް އަހުރެންނަށް ބައިޢަތު ހިފާށެވެ.]

عبادة بن الصّامت رضي الله عنه ވިދާޅުވެފައިވެއެވެ. [ކައުސާހިބާ صلي الله عليه وسلم ގެއަތްޕުޅުމައްޗަށް އަހަރެމެން އެކަންކަމަށް ބައިޢަތު ހިފީމުއެވެ.]

(صحيح بخاري، كتاب مناقب الأنصار، باب وفود الانصارالي النبي صلي الله عليه وسلم، 3892 كتاب الأحكام، باب بيعة النساء، 7213 صحيح مسلم، كتاب الحدود، باب الحدود وكفارات)

އަންހެންދަރީންނަށް ޚަރަދުކޮށް ބަލައިބޮޑުކުރުމުން ސުވަރުގެ ލިބޭނެކަމުގެ އުފާވެރި ޚަބަރު

އަންހެންދަރީންނަކީ ބިރެއްކަމުގައްޔާއި، އަންހެންދަރީން ލިބުމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށާއި ކުރިމަތިވާ މުސީބާތެއް ކަމުގައި ޢަރަބީންގެ ބައެއް ޤަބީލާތަކުގެ ތެރޭގައި ޢާންމުވެފައިއޮތް ފިކުރަށް އިސްލާމްދީންވަނީ ވަރުގަދަޔަށް ރައްދުދީފައެވެ. އަންހެންދަރީންނަކީ ބާއްޖަވެރިކަމުގެ ވަސީލަތެއް ކަމަށާއި ސުވަރުގެ ލިބިގަތުމުގެ ޒަރީޢާއެއްކަން ބަޔާންކޮށްފައެވެ. މިމައިގަނޑު ނަމާ ގުޅުންހުރި ވަރަށްގިނަ ޙަދީޘްތަކެއް ވަނީ ރިވާވެފައެވެ. ކައުސާހިބާ صلي الله عليه وسلم ވަނީ އަންހެންދަރީން އުފަލުގައި ބައިތިއްބައިގެން ބޮޑެތިކޮށް އެކުދީންނަށް ކާންބޯންދީ އުނުފޭރާންދީ ހެޔޮކޮށް ހިތުމުން ސުވަރުގެ ލިބޭނެކަމުގެ އުފާވެރި ޚަބަރު ދެއްވައިފައެވެ. މިމައުޟޫޢުގައި ރިވާވެފައިވާ ބައެއް ޙަދީޘްތައް ތިރީގައި ނަކަލުކޮށްލަމެވެ.

أنس بن مالك رضي الله عنه ވިދާޅުވެފައިވެއެވެ. ކައުސާހިބާ صلي الله عليه وسلم ޙަދީޘްކުރެއްވިއެވެ.

[مَنْ عَالَ جَارِيَتَيْنِ حَتَّي تَبْلُغَا جَاءِ يَوْمَ الْقِيَامَةِ اَنَاوَهُوَ (وَضَمَّ اَصَابِعَهُ)]

[ދެއަންހެންކުއްޖަކު ބާލިޣުވާންދެން އެކުދީންނަށް ނަފަޤާތްދީ ބަލައި ގެންގުޅެ ބޮޑުކޮށްފި ކަމުގައިވާނަމަ ޤިޔާމަތްދުވަހުން އެމީހަކުވާނީ ތިމަންކަލޭގެފާނާ މިހައި ކައިރީގައެވެ. (ކައުސާހިބާ صلي الله عليه وسلم އެހެން ޙަދީޘްކުރެއްވުމަށްފަހު އިޝާރަތްކުރައްވައިފައިވަނީ އެމާތް ސާހިބާގެ ދެއިނގިލިފުޅަށެވެ.)

(صحيح مسلم، كتاب البرّوالصّلة، باب فضل الاحسان الي البنات 2631)

ދެވަނަ ރިވާޔަތެއްގައިވަނީ އަންނަނިވި ލަފްޒުތަކެވެ.

[مَنْ عَالَ جَارِيَتَينِ دَخَلَتُ أَنَاوَهُوَالْجَنَّةَ كَهَاتَيْنِ (وَأَشار باصبعيه)]

[ދެއަންހެންދަރިއަކަށް ނަފަޤާތްދީ ބަލައިބޮޑުކޮށްފި މީހަކު ސުވަރުގެ ވަންނާނީ ތިމަންކަލޭގެފާނު އަރިހުގައި މިގޮތަށެވެ. (ކައުސާހިބާ صلي الله عليه وسلم އެހެން ޙަދީޘްކުރެއްވުމަށްފަހު އިޝާރާތްކުރެއްވީ އެމާތްސާހިބާގެ ދެއިނގިލިފުޅު ކައިރިކުރެއްވުމަށްފަހު އެދެއިނގިލިފުޅަށެވެ.]

(جامع ترمزي، ابواب البرّ والصّلة، باب ماجاء في النفقة علي البنات والاخوات، 1914 ، صحيح الالباني)

ابن عبّاس رضي الله عنهما ރިވާކުރައްވައިފައިވެއެވެ. رسول الله صلي الله عليه وسلم ޙަދީޘް ކުރައްވަނިކޮށް ތިމަން އަޑުއެއްސެވީމެވެ.

[ مَامِنْ رَجُلٍ تُدْرِكُ لَهُ ابْنَتَانِ فَيُحْسِنُ إِلَيْهِمَا مَاصَحِبَتَاهُ أَوْ صَحِبَحُمَا إِلاَّ اَدْخَلْتَاهُ الْجَنَّةَ ]

[މީހެއްގެ ދެއަންހެންކުދީން ތިބެފައި އޭނާގެ ގާތުގައި އެކުދިންތިބިހައިދުވަހަކު އެކުދީންނަށް ހެޔޮކޮށްހިތައި ރިވެތި ސްލޫކުން ޢަމަލުކޮށްފި ކަމުގައިވާނަމަ އެކަންވާނީ އެމީހަކަށް ސުވަރުގެ ވަދެވުމުގެ ސަބަބެއްކަމުގައެވެ.]

(سنن ابن ماجه، ابواب الادب، باب برالوالد والاحسان الي البنات: 3670)

عقبة بن عامر رضي الله عنه ވިދާޅުވެފައިވެއެވެ. رسول الله صلي الله عليه وسلم އިރުޝާދު ދެއްވަނިކޮށް ތިމަން އަޑުއެއްސެވީމެވެ.

[مَنْ كَانَ لَهُ ثَلاَثُ بَنَاتٍ فَصَبَرَ عَلَيْهِنَّ وَاَطْعَمَهُنَّ وَسَقَاهُنَّ وَكَسَاهُنَّ مِنْ جِدَّتِهِ كُنَّ لَهُ حِجَابًا مِنَ النَّارِيَوْمَ الْقِيَامَةِ]

[މީހެއްގެ ތިންއަންހެންދަރީން ތިބެފައި އެމީހާ އެކުދީންގެ ކަންތައްތަކަށް ކެތްތެރިވެ އެމީހެއްގެ ހައިސިއްޔަތުން އެކުދީންނަށް ކާންބޯންދީ އަންނައުނުދީ ހަދައިފި ކަމުގައިވާނަމަ އެކަންވާނީ ޤިޔާމަތްދުވަހުން އެމީހަކު ނަރަކައިން ރައްކައުތެރިވުމުގެ ސަބަބެއްކަމުގައެވެ.]

(سنن ابن ماجه، ابواب الادب، باب برّالوالد والاحسان الي البنات: 3669 صححه الالباني، مسند احمد: 4/154)

أمّ المؤمنين السيدة عائشة رضي الله عنها ބަޔާންކުރައްވައިފައިވެއެވެ. [އެއްދުވަހަކު އަހަރެންގެ ގާތަށް އަންހެނަކު އަތުވެއްޖެއެވެ. އޭނާއައީ އޭނާގެ ދެއަންހެންދަރީން ގޮވައިގެންނެވެ. އެދުވަހު އެމީހުނަށް ދޭން އަހަރެންގެ ގޭގައި އެންމެ ކަދުރެއްފިޔަވައި އެހެން ފަދައެއް ނެތެވެ. އަހަރެން އެކަނބުލޭގެއަށް އެކަދުރު ދީފީމެވެ. އެކަނބުލޭގެ އެކަދުރު ދެފަޅިކޮށްލައިފައި އެދެކުދީންނަށް ދީފިއެވެ. އޭނާ އެޔަކުންބޭނުމެއް ނުކުރެއެވެ. ދެންއޭނާ ތެދުވެގެން ހިނގާއްޖެއެވެ. އެމީހުން ދިޔަތާ އިރުކޮޅެއްގެފަހުން ކައުސާހިބާ صلي الله عليه وسلم ވަޑައިގެންފިއެވެ. އަހަރެން އެއަންހެންމީހާގެ ވާހަކަ ދެންނެވުމުން ޙަދީޘްކުރެއްވިއެވެ.

[ مَنِ ابْتُلِيَ مِنْ هَذِهِ الْبَنَاتِ بِشَئٍ فَأَحْسَنَ اِلَيْهِنَّ كُنَّ لَهُ سِتْرًا مِنَ النَّارِ]

[އެކަނބުލޭގެ އެކުދިންގެ ސަބަބުން އެވަނީ އިމްތިޙާނަކަށް ހުށަހެޅިފައެވެ. އެވަގުތު އޭނާ އެކުދީންނަށް ހެޔޮކޮށް ހިތުމުން އެކަންވާނީ އެކަނބުލޭގެ ނަރަކައިން މިންޖުވުމުގެ ސަބަބެއްކަމުގައެވެ.]

أمّ المؤمنين السيدة عائشة رضي الله عنها ގެއަރިހުން މިމައުޟޫޢުގައި ރިވާވެފައިވާ ދެވަނަ ރިވާޔަތުގައި ވެއެވެ. أمّ المؤمنين އެކަނބުލޭގެއަށް ދެއްވީ ތިންއޮށް ކަދުރެވެ. (މިއީ ދެވަނަ ދުވަހަކާބެހޭ ރިވާޔަތެއް ކަމުގައިވެސް ވެދާނެއެވެ.) އެކަނބުލޭގެ ދެކުދީންނަށް ދެއޮށް ކަދުރު ދީފައި އަނެއްކަދުރުއޮށް ކާންއަޅަމުން އެދެކުދީން އެކަދުރުއޮށްވެސް ބޭނުންވެއްޖެއެވެ. އޭނާ އެކަދުރުއޮށް ދެފަޅިކޮށްފައި އެދެކުދީންނަށް ދީފިއެވެ. أمّ المؤمنين ވިދާޅުވާގޮތުން އެކަނބުލޭގެ ކަންތައްކުރިގޮތާމެދު އެކަމަނާ ނުހަނުބޮޑަށް ރުހިވަޑައިގެންނެވިއެވެ. ކައުސާހިބާ صلي الله عليه وسلم ގެކޮޅަށް ފައިންޕުޅު ބީއްސެވުމުން އެކަމަނާ އެވާހަކަ ވިދާޅުވެދެއްވިއެވެ. ކައުސާހިބާ صلي الله عليه وسلم އެވާހަކަ އަޑުއައްސަވައިފައި ޙަދީޘްކުރެއްވިއެވެ.

[إِنَّ اللهَ قَدْاَوْجَبَ لَهَابِهَاالْجَنَّةَ اَوْاَعْتَقَهَابِهَا مِنَ النَّارِ]

[ހަމަކަށަވަރުން މާތް الله އެކަނބުލޭގެ އެޢަމަލުގެ ބަދަލުގައި އެކަނބުލޭގެއަށް ސުވަރުގެ ވާޖިބުކުރައްވައިފިއެވެ. (ނުވަތަ) ނަރަކައިން މުއްތިކުރައްވައިފިއެވެ.]

(صحيح مسلم، كتاب البرّوالصّلة، باب فضل الاحسان الي البنات : 2630)

އަންހެންކުދީންނަށް ކިޔަވައިދީ ރަނގަޅަށް ތަރުބިޔަތުކުރުން

ކައުސާހިބާ صلي الله عليه وسلم ވަނީ އަންހެންކުދީންނަށް ތަޢުލީމުދީ ރަނގަޅަށް ތަރުބިޔަތު ކުރުމަށްވެސް ނިހާޔަތަށް ބާރުއަޅުއްވައިފައެވެ. އެކަމުގެ ޘަވާބުބޮޑުކަން ބަޔާންކުރައްވައިފައެވެ. އަންހެންކުދީންގެ މާއްދީ ބޭނުންތައް ފުއްދައިދިނުމުގެ އިތުރުން އެކުދީންނަށް އަދަބު އަޚްލާޤު ދަސްކޮށްދީ އެކުދީން ހެޔޮގޮތުގައި ތަރުބިޔަތުކޮށް ޢިލްމުގެ ގަހަނާއިން ޒީނަތްތެރިކޮށްދިނުމަކީ ތިމާއަށް ސުވަރުގެ ލިބޭނެކަން ކަށަވަރުކުރުމެވެ.

(ނިމުނީ)