އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއަރ ސްޓާމަރ ވަނީ ހުސްވި ހަފުތާގެ ތެރޭގައި އެމެރިކާއަށް ވަޑައިގެން ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލު ކުރައްވައި މަޝްވަރާތަކެއް ބާއްވަވައިފައެވެ. ދެ ލީޑަރުންގެ މަޝްވަރާގެ އެޖެންޑާގައި ފޯޅަވަހީގެ މައްސަލަވެސް ހިމެނުނެވެ. ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރަން އިނގިރޭސި ސަރުކާރުން ނިންމާފައިވާ ނިންމުން ތަންފީޒު ކުރުމުގެ ކުރިން މި ނިންމުމާއިމެދު ޓްރަމްޕު ދެކެވަޑައިގަންނަވާ ގޮތެއް ބެލުމަށްޓަކައި އިނގިރޭސި ސަރުކާރުން ވަނީ މޮރިޝަސްއާއި އިނގިރޭސިވިލާތުގެ މެދުގައި ގާއިމްކުރެވުނު އެއްބަސްވުމުގެ ކަރުދާހެއް ޓްރަމްޕަށް ފޮނުވައިފައެވެ. ދިރާސާ ކުރެއްވުމަށްޓަކައެވެ. ކޮންމެއަކަސް މި އެއްބަސްވުން ވީޓޯކުރުމާއި ނުކުރުމުގެ އިޚުތިޔާރުއޮތް ފަރާތަކީ ޓްރަމްޕު ކަމަށްވުމާއެކު ސްޓާމަރގެ ދަތުރުފުޅުގައި މިދެންނެވި އެއްބަސްވުމާމެދު ޓްރަމްޕުގެ ވިސްނުންފުޅު ހުރިގޮތް ކޮންމެވެސް މިންވަރަކަށް ވަނީ ހާމަވެގެން ގޮސްފައެވެ. ޓްރަމްޕު ވިދާޅުވީ ކީކޭބާވައެވެ.
ޓްރަމްޕު ވިދާޅުވީ މިހެންނެވެ. ފޯޅަވަހި އޮތީ އިނގިރޭސީންގެ ހުކޫމަތުގެ ދަށުގައެވެ. އެއީ އިނގިރޭސީންގެ ތަނެކެވެ. އަހަރެމެންގެ ތަނެއް ނޫނެވެ. އެހެންވީމާ ފޯޅަވަހީގެ ކުރިމަގާމެދު އިނގިރޭސި ސަރުކާރުން ގޮތެއް ނިންމީމާ އަހަރެންނަށް އޮތީ އެ ނިންމުމަށް އިހުތިރާމް ކުރުމެވެ. އެއީ އަހަރެން ނުރުހޭ ނިންމުމަކަށް ވިޔަސްމެއެވެ. ފޯޅަވައްސާމެދު އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ވެވިފައިވާ އެއްބަސްވުމަށް އަހަރެން ދެކޮޅުހަދާކަށް ނެތީމެވެ. މިހުރީ އިނގިރޭސިވިލާތާ އެކުގައެވެ. އެކިގޮތްގޮތަށް އެކިފަހަރު ނޫސްވެރިން ސުވާލުކުރީމާވެސް ޓްރަމްޕުގެ ވިދާޅުވުންތައް ހުރީ ހަމަމިފަދައިންނެވެ. އެންމެފަހުން ވިދާޅުވިއެވެ. އަހަރެން ގަބޫލުކުރާ ގޮތުގައި މި އެއްބަސްވުމުގެ ނަތީޖާ ގޯހެއް ނުވާނެއެވެ. ހުރިހާ ކަމެއްވެސް ފަހިވެގެންދާނީ އިނގިރޭސިވިލާތާއި އެމެރިކާއަށް ފައިދާކުރަނިވި ގޮތަކަށް ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. މީގެ މާނަޔަކީ ކޮބައިބާވައެވެ. މާނަވަރަށްވެސް ސާފެވެ.
އިނގިރޭސި ބޮޑުވަޒީރު ކިއަރ ސްޓާމަރގެ ހާޒިރުގައި ރައީސް ޓްރަމްޕު ދެއްކެވި ވާހަކަފުޅުތަކުން ދޭހަވާ އެއްޗަކީ މޮރިޝަސްއާއި އިނގިރޭސިވިލާތުގެ މެދުގައި ވެވުނު އެއްބަސްވުމަށް ދެކޮޅު ހައްދަވައި ވީޓޯ ކުރެއްވުމުގެ ވިސްނުންފުޅެއް ޓްރަމްޕު ނުގެންގުޅުއްވާ ކަމެވެ. ފޯޅަވަހީގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތުމާމެދު ޓްރަމްޕުގެ އިއުތިރާޒެއް ނެތްކަމެވެ. އެކަމަކު މިއީ ޓްރަމްޕުގެ ރިޕަބްލިކަން ޕާޓީގެ ކުރީސަފުގައި ތިއްބެވި އެހެނިހެން ބޭފުޅުންގެ ވިސްނުންފުޅާ ފުށުއަރާ ގޮތެކެވެ. ޓްރަމްޕުގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ މިހާތަނަށް ވިދާޅުވަމުން ގެންދެވީ މޮރިޝަސްއަކީ ޗައިނާއާއެކު އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވާ ގައުމަކަށްވެފައި ޗައިނާގެ ބައިވެރިއެއްގެ ގޮތުގައި ބެލެވޭ ކަމަށެވެ. އެހެންވީމާ އެފަދަ ބަޔަކަށް ފޯޅަވަހި ލިބުމަކީ އެމެރިކާގެ މަސްލަހަތާއި އެމެރިކާގެ ދުރުވިސްނުމާ މުޅިން ތައާރަޒުވާ ކަމެއް ކަމަށްވެސް ރޫބިއޯ ވަނީ ވިދާޅުވެފައެވެ. ރޫބިއޯ އެކަންޏެއް ނޫނެވެ.
އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގައި ތިއްބަވާ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ވަރަށް ގިނަ މެންބަރުންވެސް ހަމަ އެމޭރުމުން ވާހަކަފުޅު ދައްކަވާފައިވެއެވެ. މިއެންމެންވެސް އެނބުރެނީ ޓްރަމްޕުގެ ވަށައިގެންކަމަށް ވެފައި އެމީހުންގެ ސަރުދާރަކީ ޓްރަމްޕު ކަމަށްވުމާއެކު ދެން އެމީހުންވެސް މިކަމުގައި އެހެން ވިސްނުމެއް ގެންގުޅޭނެ ކަމަކަށް ނުފެނެއެވެ. މިވަގުތު ސާފުނުވާ އެއްޗަކީ ކިއާރ ސްޓާމަރ ވައިޓް ހައުސްއަށް ވަޑައިގެން ޓްރަމްޕާއެކު ހިއްސާކުރެއްވީ ކޮންކޮން މައުލޫމާތުތަކެއް ކަމެވެ. މީޑިއާއަށް އަދި ތިލަވެފައިނެތް ކިތަންމެ އެއްޗެއް ހިއްސާކުރައްވާފައިވާނޭ ކަމަށް ބެލެވެއެވެ. އެހެންނޫންނަމަ ކުރިން ވަކިގޮތަކަށް ހުންނަވައިފައި ރިޕަބްލިކަން ޕާޓީގެ ގިނަ ބޭފުޅުންގެ ރައުޔާ ޚިލާފު ވާހަކަފުޅެއް ޓްރަމްޕު ނުދައްކަވާނެއެވެ. ގަބޫލު ކުރެވޭގޮތުން ފޯޅަވަހީގެ ރަށްތަކުގެ ތެރެއިން ޑިއޭގޯ ގާރސިޔާއާމެދު އައު ނިންމުމެއް އެބައޮތެވެ. މިކަމުގެ ތެރެއަށް އެމެރިކާ ވަންނަން މެދުވެރިވާ ސަބަބަކީވެސް ޑިއޭގޯ ގާރސިޔާއެވެ.
އެމެރިކާއާއި އިނގިރޭސިން ގުޅިގެން ހިންގާ ބިޔަ އަސްކަރީ މަރުކަޒު އޮންނަނީ ޑިއޭގޯ ގާރސިޔާގައެވެ. އެއީ ފޯޅަވަހީގެ އެންމެ ދެކުނުން ފުލުގައި އޮންނަ އަތޮޅެވެ. ރަށެވެ. މޮރިޝަސްއާއި އިނގިރޭސިވިލާތާ ދެމެދު ވެވިފައިވާ އެއްބަސްވުމުގެ ދަށުން ޑިއޭގޯ ގާރސިޔާ ދެންވެސް އޮންނާނީ އެމެރިކާ އާއި އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒެއްގެ ގޮތުގައެވެ. ކުރިއަށްއޮތް 99 އަހަރަށެވެ. އެ މުއްދަތު އައުކުރެވޭ ގޮތަށެވެ. ފޯޅަވަހީގެ އެހެން ހުރިހައި ރަށެއްގެ މައްޗަށް ވެރިކަން ހިންގާނީ މޮރިޝަސްއިންނެވެ. އެރަށްރަށުގައި ރިސޯޓްހަދައި ފެކްޓަރީ ގާއިމުކޮށް ދެންވެސް އެވެރީން ހިތާވާހައި ކަމެއް ކުރާނެއެވެ. ފޯޅަވަހީގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުވެސް މޮރިޝަސްއަށެވެ. ދުނިޔޭގެ މަސްވެރިކަމުގެ ބޮޑެތި ފްލީޓްތަކަށް ދައުވަތުދީގެން ގެނެސް ކުޑަވަރެއްގެ ރޯޔަލްޓީއެއް އަތުލައިފައި ދާއަޅައިގެން މަސްހިފުމުގެ އިޚުތިޔާރުވެސް މޮރިޝަސްއަށް ލިބޭނެއެވެ. އަދި ޑިއޭގޯ ގާރސިއާގެ ކުލިވެސް މޮރިޝަސްއަށް ލިބޭނެއެވެ.
މޮރިޝަސްއަށް ފޯޅަވަހި ލިބުމުގެ މާނަޔަކީ ކޮބައިހެއްޔެވެ. މޮރިޝަސް ވެގެންދާނީ އެއް ބައްރަކަށްވުރެ ގިނަ ބައްރަށް ނިސްބަތްވާ ގައުމަކަށެވެ. އެއީ އޭޝިއާ ބައްރުގެ ގައުމަކަށްވެސް ވާނެއެވެ. އެވަރަކުން އަދި ނުފުދެއެވެ. ތަފާތު ދެ ގައުމެއް ނުވަތަ ތަފާތު ދެ ބާރެއްގެ އަސްކަރީ މަރުކަޒުތައް ގާއިމު ކުރެވިފައިވާ ގައުމަކަށްވެސް މޮރިޝަސް ވާނެއެވެ. މިހާރުވެސް އިންޑިޔާގެ ސިއްރު އަސްކަރީ މަރުކަޒެއް މޮރިޝަސްގައި އެބައޮތެވެ. އެބަހިނގައެވެ. އިންޑިޔާ ކަނޑަކީ ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސްދޮޅަސް އިންސައްތަ ހުރަސްކުރާ ކަނޑު ކަމަށްވެފައި މޮރިޝަސް ވެގެންދާނީ އެކަނޑުގެ ދަތުރުފަތުރު ކޮންޓްރޯލްކުރާ ދޮރާށި ކަމުގައެވެ. މިއީ ފޯޅަވައްސާއި ޖެހިގެންއޮތް ދިވެހިރާއްޖޭގެ ރައްޔިތުންނާއި ވެރިން މާބޮޑު ފަރުވާލެއް ނުބަހައްޓާ ކަންކަމަށްވިޔަސް މޮރިޝަސްގެ ފިޔަފަޅައިގެން އުދުއްސައިގަތީމާ ދިވެހީންގެ ބޮލަށް އޭގެ ނަޖިސް ނުފައިބާނެ ކަމަށް ހީކޮށްގެން ތިބުމަކީ ވަރަށްވެސް ދެރަކަމެކެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ