ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލާފައިވާ ކަމަށް ވިދާޅުވެ ބަންޑާރަ ނައިބް އަހުމަދު އުޝާމަށް ފިޔަވަޅު އަޅައި ދިނުމަށް އެދި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންގެ އަރިހުން އެދިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީ އިސްލާހު ކުރުމަށް ބަޔާންކޮށްފައިވާ އިޖުރާއަތުގެ ތެރެއިން ގާނޫނުއަސާސީއަށް ގެންނަ އިސްލާހެއްގެ މައްސަލަ ބެލުމުގެ އިހުތިސޯސް ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމަށް ކަނޑައަޅައި، ކުރިއަށް ގެންދިއުމަށް ސުޕްރީމް ކޯޓުން ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 18 ގައި ނިންމައިފައެވެ.

މިއީ ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި އެ އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށް ބުނެ އެ އިސްލާހު ބާތިލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައެކެވެ. 24 ނޮވެމްބަރު 2024 ގައި ހުށަހެޅި އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތީ އެ މަހުގެ 27 ގައެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ދައުލަތުން ވަނީ އިޖުރާއީ ނުކުތާއެއްގެ ގޮތުގައި އެ މައްސަލަ ބެލުމުގެ އިހުތިސޯސް ސުޕްރީމް ކޯޓަށް ލިބިގެންނުވާކަން ފާހަގަކޮށްފައެވެ. ނަމަވެސް އެ ބެލުމުގެ އިހުތިސޯސް ލިބިގެންވާ ކަމަށް ނިންމައި ސުޕްރީމް ކޯޓުން ވަނީ މައްސަލައިގައި ޖަވާބުދާރީވުމަށް 10 ދުވަހުގެ މުއްދަތެއް ދައުލަތަށް ދީފައެވެ.

އަލީ ހުސައިން މިއަދު އުއްތަމަ ފަނޑިޔާރަށް ފޮނުއްވި ސިޓީގައި ވިދާޅުވީ މައްސަލައިގައި ޖަވާބުދާރީވުމަށް ދައުލަތައް ދިން މުއްދަތު މިދިޔަ ފެބްރުއަރީ މަހުގެ 28 އަށް ހަމަވެފައިވާ ކަމަށާއި ނަމަވެސް ދައުލަތުން މައްސަލައަށް ޖަވާބުދާރީވެފައިނުވާ ކަމަށެވެ. އަދި އެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ދައުލަތުގެ ފަރާތުން ހުށަހެޅުމެއްވެސް ހުށަހަޅާފައިނުވާއިރު، ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުންކުރާ އަމުރުތަކަށް ކިޔަވަމުންވުމަކީ އެ އަމުރެއް ރައްދުވާ ފަރާތުގެ މައްޗަށް ލާޒިމުކަމެއް ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

"ވީމާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަމުރާ ހިލާފުވެ ކޯޓުގެ ހުރުމަތް ކަނޑާލާފައިވާތީ ބަންޑާރަ ނައިބުގެ މައްޗަށް ފިޔަވަޅު އަޅުއްވައި ދެއްވުމަށާއި ސުރުހީގައި ދެންނެވިފައިވާ މައްސަލައިގެ ޖަވާބު ފޯމު ހުށަހެޅުއްވުމަށް ބަންޑާރަ ނައިބަށް އަންގަވައި ދެއްވުން އެދޭ ވާހަކަ ދެންނެވީމެވެ" އަލީ ހުސައިން ވިދާޅުވިއެވެ.