ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޖުޑިޝަލް ކޮމިޓީތަކެއް އެކުލަވާލަން މި މަހުގެ 15 ވަނަ ދުވަހުގެ ރެޔަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ތާވަލުކޮށްފިއެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ސުޖާއު "ވަން ސްޕޯޓްސް" އަށް ވިދާޅުވީ 15 ވަނަ ދުވަހުގެ ރޭ މީރުމާ އިވެންޓްސްގައި އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ނިންމާފައިވާ ކަމަށާއި އެ ކޮންގްރެސްގައި ފީފާގެ އޮބްޒާވަރުންވެސް ބައިވެރިވާނެ ކަމަށެވެ.

ސުޖާއު ވިދާޅުވީ ކޮންގްރެސްގައި ކުރިއަށްދާނީ ޖުޑިޝަލް ބޮޑީތަކެއް އެކުލަވާލުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން ފިޔަވަޅު އަޅާ ކޮމިޓީ އާއި އިސްތިއުނާފު ކޮމިޓީ އަދި އެތިކްސް ކޮމިޓީ ކޮންގްރެސްގައި އެކުލަވާލަން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ރާއްޖޭގެ ފުޓްބޯޅަ ހާލަތު ބޮއްސުންލައިގެން ދިއުމުން ފީފާ އިން އެ މައްސަލައަށް ވަދެ، އެފްއޭއެމް ނޯމަލައިޒް ކުރީ މިދިޔަ އަހަރު އޮގަސްޓް މަހުގެ ތެރޭގައެވެ. ނޯމަލައިޒޭޝަން ކޮމިޓީގެ ކުރީކޮޅުގައި ޕްރެސްއެއް ބޭއްވި ނަމަވެސް، އެ ފަހުން ގިނަ ދުވަސްތަކެއް ވަންދެން ކޮމިޓީ އޮތީ ހުއްޓިފައެވެ. އެހެން އެކަން އޮތުމާއެކު ފީފާ އިން އެ ކޮމިޓީގެ ކޮމްޕޮސިޝަންއަށް ބަދަލު ގެނެސް، ކޮމިޓީގެ އަދަދު ފަހަކުން ތިނަކަށް ވަނީ ކުޑަކޮށްފައެވެ.

އެ ބަދަލާއެކު ކުރިން ޗެއާމަންކަމުގައި ހުރި އަހުމަދު ޒުހޫރަށް މަގާމު ގެއްލިފައިވާއިރު، މިހާރު ޗެއާމަނަކީ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒެވެ.

އެފްއޭއެމްގެ އަސާސީ ގަވާއިދަށްވެސް ބަދަލުތަކެއް ގެންނަންވެސް ފީފާއިން ހުށަހަޅާފައިވާއިރު، މިއީ ނޯމަލައިޒް ކުރި ފަހުންވެސް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވާ ފުރަތަމަ ފަހަރެވެ.