ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން އިންޑިއާއާ ދެކޮޅަށް ކުޅެން ތައްޔާރުވެފައިވާ އެކުވެރިކަމުގެ މެޗުގެ އިތުރުން އޭޝިއަން ކަޕް ކޮލިފިކޭޝަން މެޗުތަކުގައިވެސް ޓީމަށް އިރުޝާދު ދޭނީ މިހާރުގެވެސް ކޯޗު އަލީ ސުޒޭން ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.
އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަން ތިންވަނަ ބުރުގައި ރާއްޖެއިން ފުރަތަމަ ކުޅޭ މެޗު 25 ވަނަ ދުވަހު އޮންނާނީ ފިލިޕީންސްގައެވެ. ފިލިޕީންސާ ދެކޮޅަށް ކުޅޭ އެ މެޗުން ރާއްޖޭގެ ކޮލިފިކޭޝަން މެޗުތައް ފަށާ އިރު، ދެން ކުޅޭ މެޗުގައި ޖޫން 10 ވަނަ ދުވަހު ނުކުންނާނީ ޓިމޯ ލެސްޓޭއާ ދެކޮޅަށެވެ. އެވެސް އެ ގައުމުގައެވެ. ދެން ރާއްޖެ ހިމެނޭ ގްރޫޕްގައި ހިމެނެނީ ތަޖިކިސްތާނެވެ.
ރާއްޖެއިން ފިލިޕީންސް މެޗުގެ ކުރިން އިންޑިއާއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅެން ނިންމާފައިވާ އިރު، އެ މެޗު އޮންނާނީ މިމަހުގެ 19 ވަނަ ދުވަހު، ރާއްޖެ ގަޑިން އިރުއޮއްސި 6:30 ގައެވެ.
އެ މެޗުތަކަށް ގައުމީ ޓީމުން ފަރިތަކުރުންތައް ފަށަން ތައްޔާރުވެފައިވާ އިރު، އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ސުޖާއު "ވަން ސްޕޯޓްސް"އަށް ވިދާޅުވީ ގައުމީ ޓީމަށް އިރުޝާދު ދޭނީ ކޯޗު ސުޒޭން ކަމަށެވެ.
ކޯޗު ސުޒޭންއަކީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗެވެ. ނެދަލެންޑްސްގެ މާޓިން ކޫޕްމަން އަދި އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯއާއެކުވެސް ސުޒޭން ގައުމީ ޓީމާއެކު މަސައްކަތް ކޮށްފައިވާ އިރު، ކޫޕްމަން ވަކިކުރުމުން 2021 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގައިވެސް ގައުމީ ޓީމުގެ ހެޑް ކޯޗަކަށް ހުރީ ސުޒޭނެވެ.
އޭގެފަހުން 2023 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގައި މޮރިއޭރޯގެ އެސިސްޓެންޓަކަށް ހުރުމަށް ސުޒޭން ހެޑް ކޯޗުކަމާ ހަވާލުވީ މޮރިއޭރޯ މަގާމުން ވަކިކުރި ހިސާބުންނެވެ.
އޭގެފަހުން ބަންގުލަދޭޝްއާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ރާއްޖޭ ޓީމުން ކުޅުނު އިރު، އޭގެ ތެރެއިން އެއް މެޗުން ރާއްޖެ މޮޅުވިއެވެ.
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު