ހުޅުމާލޭގައި އަލަށް އިމާރަތްކުރާ މަސްޖިދު އުންމުލްމުއުމިނީން އާއިޝާ رضی اللہ عنھا ގެ ބިންގާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އަޅުއްވައިދެއްވައިފިއެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ވަގުތީ މިސްކިތް ކުރިން ހުރި ބިމުގައި ބިނާކުރާ އެ މިސްކިތުގެ ބިންގާ ރައީސް އަޅުއްވައިދެއްވީ، މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ރައީސް އޮފީހުން މިއަދު ބުނީ މަދީނާ އިންވެސްޓްމަންޓްގެ މެނޭޖްމަންޓުގެ ދަށުން އިމާރާތްކުރާ އެ މިސްކިތަކީ، މ. ތައިބާ ފަޟީލަތުއްޝައިހު އިސްމާއީލު މުހައްމަދުގެ އެހީގައި ބިނާކުރާ މިސްކިތެއް ކަމަށެވެ. އެ މިސްކިތް އިމާރަތް ކުރަނީ 2،000 މީހުންނަށް ނަމާދު ކުރެވޭ ގޮތަށް ދެ ފަންގިފިލާއަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އަދި އެ މިސްކިތުގައި ރިސާޗް ލައިބްރަރީއަކާއި އަންހެނުންނަށް ނަމާދު ކުރެވޭ ޖާގައަކާއި، އަންހެނުންނަށް ހާއްސަ ފާހަނާއެއް ވެސް ހިމެނުމަށް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެ މިސްކިތުގައި ކަރަންޓު އުފެއްދުމަށް ނިންމާފައިވަނީ، އިރުގެ ހަކަތަ ބޭނުންކޮށްގެން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ މިސްކިތް ނިސްބަތްކޮށްފައިވަނީ ކީރިތި ރަސޫލާ މުހައްމަދު صلى الله عليه وسلم ގެ އަނބިކަނބަލުން އުންމުލްމުއުމިނީން އާއިޝާ رضی اللہ عنھا އަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.