ފީފާއިން ބާއްވަން ތައްޔާރުވަމުންދާ އާ ފޯމެޓްގެ ކްލަބު ވޯލްޑް ކަޕްގައި ބައިވެރިވާ ކްލަބުތަކަށް ބިލިއަން ޑޮލަރުގެ ފައިސާގެ އިނާމު ދޭނެ އެއްބަސްވުމަކަށް އަންނަން ގާތްވެފައިވާ ކަމަށް އިތުބާރު ނޫސްތައް ބުނެފިއެވެ.
ބީބީސީ ސްޕޯޓްސްއިން ބުނީ ކްލަބު ވޯލްޑް ކަޕުގައި ބައިވެރިވާ ޔޫރަޕްގެ ކްލަބުތަކުގެ ފަރާތުން ޔޫރަޕިއަން ކްލަބު އެސޯސިއޭޝަން (އީސީއޭ) އާއި އިތުރު ބައްރުތަކުގެ ކްލަބުތަކާއެކު ފީފާއިން މަޝްވަރާކުރަމުންދާ ކަމަށާއި، ފައިސާގެ އިނާމުގެ ގޮތުގައި ކްލަބުތަކަށް ދޭނެ އަދަދަކަށް ބިލިއަން ޑޮލަރަށް އެއްބަސްވުމާ ގާތުގައިވާ ކަމަށެވެ.
ކްލަބު ވޯލްޑް ކަޕްގައި 32 ޓީމުން ވާދަކުރާ އިރު، އޭގެ ތެރެއިން 12 ކްލަބަކީ ޔޫރަޕްގެ ކްލަބުތަކެވެ. ކޮންމެ ކްލަބަކަށްވެސް ހަތް މެޗު ކުޅެން ފުރުސަތު އޮންނަ އިރު، ފީފާއިން ދޭ ފައިސާގެ އިނާމު ދިނުމަށް ހަމަޖައްސާފައިވަނީ މުބާރާތުގެ އެކި ސްޓޭޖުތަކަށް ބަހާލައިގެންނެވެ.
އެގޮތުން ގްރޫޕް ސްޓޭޖަށް ނުކުންނަ ކޮންމެ ޓީމަކަށްވެސް ފައިސާގެ އިނާމެއް ދޭން ފީފާއިން ނިންމާފައިވާ އިރު، ކުރިއަށްދާ ވަރަކަށް ކްލަބުތަކަށް ދޭ ފައިސާގެ އިނާމު އިތުރުކުރަން ނިންމާފައިވެއެވެ.
ފީފާއާއި ކްލަބުތަކަށް އެއްބަސްވުމަކަށް އާދެވިއްޖެނަމަ، ބިލިއަން ޑޮލަރު ވެގެންދާނީ މުބާރާތެއްގައި ދޭ އެންމެ ބޮޑު ފައިސާގެ އިނާމަށެވެ.
ފީފާއިން ކްލަބު ވޯލްޑް ކަޕްގެ ސްޓްރީމިން ރައިޓްސް، ޑީއޭޒެޑްއެންއަށް ވިއްކާލީވެސް އެއް ބިލިއަން ޑޮލަރަށެވެ. ކްލަބުތަކާއެކު އެއްބަސްވާ އެއްބަސްވުމަކީ އިމޭޖް ރައިޓްސްވެސް ހިމެނިގެންވާ އެއްބަސްވުމެކެވެ.
ފީފާއިން މުޅިން އަލަށް ބާއްވާ އާ ފޯމެޓްގެ ކްލަބު ވޯލްޑް ކަޕް، އެމެރިކާގައި އޮންނާނީ ޖޫން 14 އިން ޖުލައި 13 އަށެވެ. ފައިނަލް ކުޅޭނީ އެމެރިކާގެ ނިއު ޖާޒީގައެވެ.
ފީފާ
ފީފާ
ފީފާ
ފީފާ