ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހު ބާއްވާ އެފްއޭއެމްގެ ވެޓެރަންސް ފުޓުބޯޅަ ލީގުގެ ގްރޫޕް އޭގައި ދިވެހި ސިފައިން ކްލަބުން ކުޅުނު ފުރަތަމަ މެޗުގައި ތަފާތު ބޮޑުކޮށް، ޒެލޮޓް ބަލިކޮށްފިއެވެ.

ހެންވޭރު ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ސިފައިންގެ ކްލަބުން ޒެލޮޓް ބަލިކުރީ 5-0 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ސިފައިން ޖެހި ފަސް ގޯލުވެސް ފެނިގެން ގޮސްފައިވަނީ ދެވަނަ ހާފުގައެވެ. ދެވަނަ ހާފު ފެށިތަނާ މޫސާ މަޒުހަރުދީން ސިފައިންގެ ފުރަތަމަ ގޯލު ޖެހި އިރު، އޭގެ އިރުކޮޅެއްފަހުން މެޗުގެ 41 ވަނަ މިނެޓުގައި އަހުމަދު ރަޝާދު ވަނީ ސިފައިންނަށް ލީޑު ފުޅާކޮށްދީފައެވެ.

އެ ގޯލަށް ދެ މިނެޓް ހިނގިތަނާ އަހުމަދު ރަޝާދުގެ އިތުރު ގޯލެއް ފެނިގެން ގޮސްފައިވާ އިރު، ސިފައިން ޖެހި އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ އަލީ ހައިޝަމް އަދި އަހުމަދު ފަޒާލެވެ.

ވެޓެރަންސް ލީގު އެފްއޭއެމްއާ ގުޅިގެން މިއަހަރުވެސް އިންތިޒާމުކުރަނީ ކްލަބު އިވެންޓްސް އިންނެވެ. ޓީމުތައް ދެ ގްރޫޕަކަށް ބަހާލައިގެން ލީގު ބުރު ކުރިއަށްގެންދާ އިރު، ގްރޫޕް އޭގައި ހިމެނެނީ ޖެހިޖެހިގެން ތިން ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ހުޅުމާލޭ ވެޓެރަންސް ކްލަބާއި ވިލިމާލެ ޔުނައިޓެޑް، ދިވެހި ސިފައިންގެ ކްލަބް އަދި ޒެލޮޓްގެ އިތުރުން ހުއްރިއްޔާ އެވެ. ގްރޫޕް ބީގައި ހިމެނެނީ މިދިޔަ އަހަރުގެ ފައިނަލުގައި އެއްކޮޅުން ވާދަކުރި މުއިވެޔޮ ފްރެންޑްސްއާއި ދަ ގްރާންޑޭ، ސްޓެލްކޯ، ކްލަބް އީގަލްސް އަދި ޕޮލިސް ކްލަބެވެ.

އެފްއޭއެމް ވެޓެރަންސް ލީގުން ކުރީގެ މަޝްހޫރު ކުޅުންތެރިން ފެނިގެންދާ އިރު، މާދަމާ ހަވީރު އޮންނަ މެޗުގައި ސްޓެލްކޯ ނުކުންނާނީ ކްލަބު އީގަލްސްއާ ދެކޮޅަށެވެ. މެޗު ފަށާނީ ހަވީރު 4:30 ގައެވެ.