ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން ނޫން ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމުގެ ގޮތުން "ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު" އަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިދިޔަ މަހުގެ 26 ގައި ހުށަހެޅުއްވި ބިލު އެ ދުވަހުން ދުވަހަށް ކޮމިޓީއަށް ފޮނުވައި، ކޮމިޓީން ފާސްކޮށް، މަޖިލީހުގެ ތަޅުމުން ވަނީ ފާސްކޮށްފައެވެ.

އެ ބިލު ފާސްކޮށްފައިވަނިކޮށް އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީއަށް ލިބިދޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލަމުންދަނިކޮށް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ސަސްޕެންޑްކޮށްފައެވެ.

މަގާމުން ސަސްޕެންޑް ކޮށްފައިވަނިކޮށް ހުސްނުއްސުއޫދު ވަނީ ރައީސް މުއިއްޒު، ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފައެވެ. އެއާއެކު މި ސަރުކާރުން ޝަރުއީ ދާއިރާގެ މިނިވަންކަން ނަގާލަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސަރުކާރާ ދެކޮޅަށް ފާޑުކިޔަމުންނެވެ.

އެ ފާޑުކިޔުންތަކައް ރައްދުދެއްވައި ފަލާހު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒަކީ ޑިމޮކްރަސީގެ ހަމަތަކަށް އިހުތިރާމު ކުރައްވާ އިންސާފުވެރި އަދި އަދުލުވެރިކަމާއެކު ވެރިކަން ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ. އަދި ސިފައިން ލައްވައި ބަރު ހަތިޔާރު ބޭނުންކޮށްގެން ފަނޑިޔާރުން ހައްޔަރުކޮށް، ފުރަގަހަށް ބިޑި އަޅުވައި، ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން ފަނޑިޔާރުން ފަހަތުން ދުވުން ފަދަ ކަންކަން ރައީސް މުއިއްޒު ނުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ޕާލިމެންޓްރީ ސުޕްރިމެސީއަކީ ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމެއްގައި އަމުދުން ދަމަހައްޓަން ޖެހޭ ކަމެކެވެ. ފަނޑިޔާރުގޭގެ އަދަދު ކަނޑައެޅުން މަޖިލީހުން ގާނޫނަށް އިސްލާހު ގެނައުމަކީ އެ މަޖިލީހަށް ގާނޫނު އަސާސީއާއި ގާނޫނުތަކުން ލިބިދޭ މުތުލަގު ބާރެކެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އަންގަވައިގެން މަޖިލީހުން ނިންނި ނިންމުމެއް ނޫނެވެ" ފަލާހު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރަށް މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ ލިބިފައި އޮތަސް ޝަރުއީ ނިޒާމަށް އެ މަނިކުފާނު ނުފޫޒު ނުފޯރުވާނެ ކަމަށެވެ. އަދި ޝަރުއީ ނިޒާމަށް އަތާއި ފަޔާއި ބާނައި، ފަނޑިޔާރުން ހައްޔަރުކޮށް، ސުޕްރީމް ކޯޓުގެ ފުރާޅުގެ ޓިނު ނެގުންފަދަ ދިމުގްރާތީ އުސޫލުތަކާއި ރޫލް އޮފް ލޯއާ ހިލާފު ކަންކަން ރައީސް ނުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.