އެޕަލްއިން އާ ޖީލުގެ އައިޕެޑް އެއާ އަދި އައިޕެޑް 11 މޮޑެލް އާ އެކްސެސަރީޒްތަކާއެކު ދުނިޔޭގެ ބާޒާރަށް ނެރެފިއެވެ.
ދާދި ފަހުން އެޕަލްގެ ސީއީއޯ ޓިމް ކުކް ވަނީ އާ އުފެއްދުމެއް ނެރުމާ ގުޅޭ ޓީޒާ ވީޑިއޯއެއް ހިއްސާކޮށްފައެވެ. އެ ވީޑިއޯގައި ބުނެފައިވަނީ "ވައިގައި އެއްޗެއް އެބައޮތް" މިހެންނެވެ. މި އާ އުފެއްދުމަކީ އަޕްގްރޭޑްކޮށްފައިވާ މެކްބުކް އެއާ ކަމަށް އެއިރުވެސް އޮތީ ލަފާ ކުރެވިފައެވެ. ނަމަވެސް، އިއްޔެ، އެޕަލް އިން ވަނީ އިންތިޒާރުކުރެވެމުންދިޔަ އައިޕެޑް މޮޑެލްތައް އަޕްގްރޭޑްކޮށްފައިވާ ސްޕެސިފިކޭޝަންތަކާއި ފީޗާތަކާއެކު އިއުލާނުކޮށްފައެވެ.
އާ އައިޕެޑް އެއާއަށް ވަނީ އެމް1 އާއެކުގައިވާ އައިޕެޑް އެއާއަށްވުރެ ފާހަގަކޮށްލެވޭ ފަންނީ އަޕްގްރޭޑްތަކެއް ލިބިފައެވެ. އާ މޮޑެލްގައި ބޭނުންކޮށްފައިވަނީ އެމް3 ޗިޕެވެ. މި ޗިޕަކީ ކުރީގެ އައިޕެޑް އެއަރ މޮޑެލާ އަޅައިބަލާއިރު 2 ގުނަ އަވަސް އަދި ހަކަތަ ޚަރަދު ކުޑަ ޗިޕެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އާ އައިޕެޑް އެއަރ މޮޑެލާއެކު، އެޕަލްއިން ވަނީ 2 އަހަރަށްވުރެ ގިނަ ދުވަހަށްފަހު 11 ވަނަ ޖީލުގެ އައިޕެޑް ނެރުމާއެކު އަސާސީ އައިޕެޑް މޮޑެލް އަޕްޑޭޓްކޮށްފައެވެ. 11 ވަނަ ޖީލުގެ އައިޕެޑްގައި ހުރީ ބޮޑެތި ސްޓޯރޭޖް އޮޕްޝަންތަކަކާއި އަވަސް ޗިޕްސެޓެކެވެ. ނަމަވެސް، އޭއައި އަޕްގްރޭޑެއް ނުހިމެނެއެވެ. އެހެންނަމަވެސް، އާ އައިޕެޑް 11 އިން ކުރީގެ ޖީލުގެ މޮޑެލްތަކާ އަޅައިބަލާއިރު ބޭނުންކުރާ މީހުންނަށް ގިނަ ފައިދާތަކެއް ލިބޭނެއެވެ.
އެހެންކަމުން، ތިބާއަކީ އަގުހެޔޮ އޮޕްޝަނެއް ހޯދަން އުޅޭ މީހެއް ނަމަވެސް އައިޕެޑްއޯއެސް އިކޯސިސްޓަމް ތަޖުރިބާކުރަން ބޭނުންވާ މީހެއްނަމަ، 11 ވަނަ ޖީލުގެ އައިޕެޑަކީ އެންމެ އެކަށީގެންވާ ޗޮއިސް ކަމުގައި ވެދާނެއެވެ.
އެމް3 ޗިޕް ހަރުކޮށްފައިވާ އައިޕެޑް އެއަރ އަންނާނީ ދެ ސައިޒެއްގައެވެ. އެއީ 11 އިންޗި އަދި 13 އިންޗިއެވެ. މި ދެ ސައިޒުގައިވެސް ހުންނާނީ ރެޓީނާ ޓްރޫ ޓޯން ޑިސްޕްލޭއެކެވެ. މި ޑިސްޕްލޭގެ އެންމެ މަތީ އަލިކަމަކީ 500 ނިޓްސްއެވެ. އާ އެމް3 ޗިޕްގައި ހުންނާނީ 8-ކޯ ސީޕީޔޫއެއް، 9-ކޯ ޖީޕީޔޫއެއް، 16-ކޯ ނިއުރަލް އެންޖިނެއް އަދި 8ޖީބީ ރޭމްއެވެ.
އެޕަލްއިން ބުނާގޮތުގައި މި އާ ޗިޕްގެ ސަބަބުން އައިޕެޑް އެއަރގެ ސީޕީޔޫގެ ފަންނީ ކުޅަދާނަކަން އެމް1 ޗިޕާ އަޅައިބަލާއިރު 35 ޕަސެންޓް އަވަސްވެފައިވާއިރު، ގްރެފިކްސް ފަންނީ ކުޅަދާނަކަން 40 ޕަސެންޓް އަވަސްވެފައިވެއެވެ. އެޕަލްއިން ބުނެފައިވަނީ، ގްރެފިކްސްއަށް ބޮޑަށް ބަރޯސާވާ ރެންޑަރިން ވޯކްފްލޯތަކަށް، އެމް3 އާއެކުގައިވާ އައިޕެޑް އެއަރ އިން އެމް1 އާއެކުގައިވާ އައިޕެޑް އެއަރ އާ އަޅައިބަލާއިރު 4 ގުނަ އަވަސް ފަންނީ ކުޅަދާނަކަމެއް ފޯރުކޮށްދޭނެ ކަމަށެވެ. މިއާއެކު އިތުރު އަލިކަމާއި، ރިފްލެކްޝަންތަކާއި، ހިޔަނިތަކާއި އަދި ވަރަށް ހަގީގީ ގޭމިން ތަޖުރިބާތައް ލިބިދޭނެއެވެ.
އެންމެ ފަހުގެ އައިޕެޑް އެއާގައި ހުންނާނީ 12އެމްޕީ ފަހަތު ކެމެރާއަކާއި 12އެމްޕީ އަލްޓްރާވައިޑް ކުރިމަތީ ކެމެރާއެކެވެ. މީގައި ހިމެނެނީ ޓްރޫ ޓޯންއާއެކު ރެޓީނާ ފްލޭޝް އެވެ. މި އައިޕެޑް ހިންގާނީ އައިޕެޑްއޯއެސް 18 ގައެވެ. ބޭނުންކުރާ މީހުންނަށް ލިބޭނީ ކްލީން އަޕް ޓޫލް، އިމޭޖް ވޯންޑް، އިމޭޖް ޕްލޭގްރައުންޑް، ރައިޓިން ޓޫލްސް، ޗެޓްޖީޕީޓީ އިންޓެގްރޭޝަން އަދި އިތުރު ގިނަ އަދަދެއްގެ އެޕަލް އިންޓެލިޖެންސް ފީޗަރތަކުގެ ސަޕޯޓެވެ.
11 ވަނަ ޖީލުގެ އައިޕެޑްގައި ހުންނާނީ 11 އިންޗީގެ ލިކުއިޑް ރެޓީނާ ޑިސްޕްލޭއެކެވެ. މީގައި އެޕަލް ޕެންސިލް އަދި މެޖިކް ކީބޯޑް ފަދަ އެޑްވާންސްޑް އެޕަލް އެކްސެސަރީޒްތަކަށް ސަޕޯޓް ލިބޭނެ އެވެ. މި އައިޕެޑް ހިންގަނީ އޭ16 ޗިޕުންނެވެ. މި ޗިޕަކީ އޭ13 ބައޮނިކް ޗިޕާ އަޅައިބަލާއިރު 30 އިންސައްތަ އަވަސް ޗިޕެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. މިއާއެކު މުޅި ފަންނީ ކުޅަދާނަކަން 50 އިންސައްތައަށްވުރެ ރަނގަޅުވެފައިވާ ކަމަށް އެޕަލްއިން ބުނެއެވެ. ނަމަވެސް، މިއީ ކުރީގެ ޗިޕެއް ކަމަށްވާތީ، އައިޕެޑްއޯއެސް 18 ވަރޝަން ހިންގި ނަމަވެސް މި އައިޕެޑަކީ އެޕަލް އިންޓެލިޖެންސާ އެއްގޮތްވާ އުފެއްދުމަކަށް ނުވާނެއެވެ.
އައިޕެޑްއޯއެސް 18 އާއެކު، އައިޕެޑް 11 ބޭނުންކުރާ މީހުންނަށް ނޯޓްސް އެޕްގައި ހުންނަ ސްމާޓް ސްކްރިޕްޓް، އާ އޯޑިއޯ ރެކޯޑިން އަދި ޓްރާންސްކްރިޕްޝަން، ކަސްޓަމައިޒްކުރެވޭ ހޯމް ސްކްރީން، އަދި އާ ކެލްކިއުލޭޓަރު އެޕް ފަދަ އުފެއްދުންތެރިކަން އިތުރުކުރާ ގިނަ ފީޗަރތަކެއް ބޭނުންކުރެވޭނެއެވެ. މި އައިޕެޑްގައި ހުންނާނީ މައިކްރޯފޯނު ތަކަކާއި ލޭންޑްސްކޭޕް ސްޓީރިއޯ ސްޕީކަރުތަކެކެވެ. މިއާއެކު ބޭނުންކުރާ މީހުންނަށް އުފެއްދުންތެރި އަޑުގެ ޕްރޮޖެކްޓްތަކުގައި މަސައްކަތްކުރެވޭނެއެވެ.
މީގެ އިތުރުން މީގައި ހުންނާނީ 12އެމްޕީ ވައިޑް-އޭންގަލް ފަހަތު ކެމެރާއަކާއި 12އެމްޕީ ސެންޓަރ-ސްޓޭޖް ކެމެރާއެކެވެ. މި ކެމެރާއިން ވިޝުއަލް ލުކް އަޕް ފީޗަރ ބޭނުންކޮށްގެން ލިޔެކިޔުންތައް ސްކޭންކޮށް މާކްއަޕްކުރެވޭނެއެވެ.
މި ދެ އައިޕެޑްގައި ވެސް 128 ޖީބީ، 256 ޖީބީ އަދި 512 ޖީބީ ސްޓޯރޭޖް ލިބޭނެއެވެ. ނަމަވެސް އައިޕެޑް އެއަރ އެމް3 އިތުރަށް ފުރިހަމަ ކޮށްދެނީ 1 ޓީބީ ސްޓޯރޭޖާއެކުއެވެ. އަލަށް ނެރުނު މި ދެ އައިޕެޑްވެސް މިހާރު ޕްރީ އޯޑަރ ކުރަން ގިނަ ގައުމުތަކުގައި ވަނީ ހުޅުވައިލައިފައެވެ.
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ