ޕާކިސްތާން ފުޓްބޯލް ފެޑަރޭޝަން (ޕީއެފްއެފް)ގެ ސަސްޕެންޝަން އުވާލަން ފީފާ އިން ނިންމައިފިއެވެ.

ފީފާ އިން ޕާކިސްތާނުގެ ފުޓްބޯޅަ އިދާރާ ސަސްޕެންޑް ކުރީ މިދިޔަ މަސް ތެރޭގައެވެ. އެއީ ފީފާ އާއި އޭއެފްސީ އެކުވެގެން ހުށަހެޅި އާ ހިންގާ ގަވައިދަށް އަމަލުނުކުރާން ޕީއެފްއެފް އިން ނިންމުމުންނެވެ. ފީފާ އިން ރަސްމީކޮށް އެ ގައުމުގެ ސަސްޕެންޝަން އުވާލާފައި ވަނީ މިދިޔަ ހަފުތާ ލަހޯރުގައި ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި، އާ ހިންގާ ގަވާއިދަށް ތާއީދުކުރަން އެކްސްކޯ އިން ނިންމުމުންނެވެ.

އެ ނިންމުމާއެކު ޕާކިސްތާނަށް އަނެއްކާވެސް ބައިނަލްއަގުވާމީ ފުޓުބޯޅައިގައި ވާދަކުރަން ފުރުސަތު ލިބިފައިވުމާއެކު އެ ގައުމުގެ ފެޑަރޭޝަނުން ނިންމާފައިވަނީ ކުރިއަށް އޮތް އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަން ގްރޫޕް އީގެ މެޗުތަކުގައި ވާދަކުރުމަށެވެ.

ޕާކިސްތާނާ އެއް ގްރޫޕެއްގައި ސީރިއާ، އަފްގާނިސްތާން އަދި މިޔަންމާ ހިމެނޭއިރު، އެ ޓީމުން ފުރަތަމަ ސީރިއާއާ ދެކޮޅަށް ޕާކިސްތާނުގެ އަލް އަހްސާގައި ކުޅޭނީ މި މަހު 25 ވަނަ ދުވަހުއެވެ. އެ މެޗަށް ފުރިހަމައަށް ތައްޔާރުވުމުގެ ގޮތުން ކޯޗަކަށް ސްޓެފަން ކޮންސްޓަންޓީން ވެސް ވަނީ ހަމަޖައްސައިފައެވެ.

ކޮންސްޓަންޓީން މީގެ ކުރިންވެސް ޕާކިސްތާނާ ހަވާލުވެ ކޯޗުކަން ކޮށްދީފައިވެއެވެ. އެގޮތުން އޭނާއަކީ ޕާކިސްތާން ވޯލްޑް ކަޕް ކޮލިފިކޭޝަން ދެވަނަ ބުރަކަށް ގެންގޮސްދިން ފުރަތަމަ ކޯޗެކެވެ. މީގެ ކުރިން އިންޑިއާ އާއި ނޭޕާލްގައިވެސް ކޮންސްޓަންޓީން މަސައްކަތް ކުރި އިރު، އޭނާގެ އެންމެ ކާމިޔާބު އެއް މަސައްކަތަކީ އިންޑިއާ އާއެކު ކުރި މަސައްކަތެވެ.

ޕާކިސްތާނުގެ ފުޓްބޯޅައަށް މިދިޔަ ހަތް ވަރަކަށް އަހަރު ދުވަހު ވަނީ ގިނަ މައްސަލަތަކާ ކުރިމަތިވެފައެވެ. އެގޮތުން 2017 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ތިން ފަހަރެއްގެ މަތިން ފީފާގެ ސަސްޕެންޝަންވެސް އައިސްފައިވެއެވެ.