ފީފާގެ ކުރީގެ ރައިސް ސެޕް ބްލެޓާއާއި ޔޫއެފާގެ ކުރީގެ ރައީސް މިޝޭލް ޕްލެޓީނީގެ ހިޔާނާތުގެ މައްސަލަތަކުގެ އަޑުއެހުން ސްވިޒަލޭންޑްގެ ކޯޓުގައި އަލުން ފަށައިފިއެވެ.
މީގެ ކުރިން 2022 ވަނަ އަހަރުވެސް ޕްލެޓިނީއާއި ބްލެޓާގެ މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންގޮސްފައިވެއެވެ. ކޯޓުން ބަލަމުންދާ މައްސަލައަކީ 2011 ވަނަ އަހަރު ބްލެޓާ ފީފާ ރައީސަކަށް ހުރެ، ޕްލެޓިނީއަށް ޖަމާކުރި 1.6 މިލިއަން ޕައުންޑްގެ މައްސަލައެކެވެ.
އެ މައްސަލައިގައި ބްލެޓާއާއި ޕްލެޓިނީވެސް ވިދާޅުވީ އެއްވެސް ކަހަލަ ހިޔާނާތެއް އަދި ކޮރަޕްޝަނެއްވެސް ހިންގާފައި ނުވާނެ ކަމަށެވެ. އެ ފައިސާއަކީ ފީފާގެ ކޮންސަލްޓެންޓަކަށް ޕްލެޓިނީ ހުރި އިރު، ދޭން ޖެހޭ އުޖޫރައިގެ ގޮތުގައި ޖަމާކުރި ފައިސާއެއް ކަމަށްވެސް ދެމީހުން ވިދާޅުވެފައިވެއެވެ.
އެ މައްސަލައިގައި ސްވިޒަލޭންޑްގެ ފެޑަރަލް ޕްރޮސެކިއުޓާ އުފުލާފައިވާ މައްސަލައިގެ އަޑުއެހުމުގެ އެންމެ ފަހު މަރުހަލާ ކުރިއަށްދާ އިރު، ބުރާސްފަތި ދުވަހު އަޑުއެހުންތައް ނިންމާލާނެއެވެ. އަދި ހުކުމް ކުރަން ނިންމާފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ.
އުމުރުން 69 އަހަރުގެ ޕްލެޓިނީއަކީ ލެޖެންޑަރީ ކުޅުންތެރިއެކެވެ. އޭނާ ވަނީ ތިން ފަހަރު ބެލޮންޑިއޯވެސް ހޯދައިފައެވެ. ޕްލެޓިނީގެ ކެޕްޓަން ކަމުގެ ދަށުގައި ފްރާންސުން ވަނީ 1984 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށްފައެވެ. އަދި 1985 ވަނަ އަހަރު ޔުވެންޓަސްއާއެކު ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކޮށްފައެވެ. އޭނާ ޔޫއެފާ ރައީސަކަށް ނުކުތީ ފްރާންސް ގައުމީ ޓީމަށްވެސް ކޯޗުކަން ކޮށްދިނުމަށްފަހުއެވެ.
މީގެ ކުރިން ކުރިއަށްދިޔަ އަޑުއެހުންތަކުގައި ބްލެޓާ ވިދާޅުވީ ޕްލެޓިނީ ފީފާގެ އެޑްވައިޒަރެއްގެ ގޮތުގައި 1998 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރި ކަމަށާއި، 2002 ވަނަ އަހަރަށް އެ މަސައްކަތުގައި ދެމި ހުރި ނަމަވެސް ކުރިން ދީފައިވަނީ މުސާރައިގެ އެއްބައި ކަމަށެވެ. ފަހުން ޖަމާ ކުރީ އެ މުސާރައިގެ ބާކީ ބައި ކަމަށްވެސް ބްލެޓާ ވިދާޅުވެފައިވެއެވެ.
ފީފާ
ފީފާ
ފީފާ
ފީފާ