ހުޅުމާލޭގެ ނިރޮޅުމަގުގައި ހުންނަ އެލް މޯބައިލް ތިނެއް ފިހާރަ ކައިރިން މަގު ހުރަސްކުރި ހަ އަހަރުގެ ކުއްޖެއްގެ ގައިގައި ސައިކަލަކުން ޖެހި އެ ކުއްޖާއަށް އަނިޔާވެއްޖެއެވެ.
ފުލުހުން މިރޭ ބުނީ އެ އެކްސިޑެންޓް ހިނގާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ 15:50 ހާއިރު ކަމަށެވެ.
"މި އެކްސިޑެންޓުގައި ހަ އަހަރުގެ ކުޑަކުއްޖާގެ ކަކޫ މަށައިގެން ގޮސް ކަނާތްފަރާތު ތުންފަތްމަތިން ބައި އިންޗިއެއްހާ ތަން ފަޅައިގެން ގޮސް އަދި ކުދި އިތުރު އަނިޔާވެފައިވޭ،" ފުލުހުން ބުންޏެވެ.
ކުއްޖާގެ ގައިގައި ޖެހުނު ސައިކަލް ދުއްވަން އިން މީހާއަކީ ލައިސަންސް އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
އެ އެކްސިޑެންޓުގައި ކުއްޖާއާއެކު މަގު ހުރަސްކުރި އެހެން މީހެއްގެ ގައިގައި ސައިކަލް ޖެހިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް އެ މީހާއަށް އަނިޔާވިކަމެއް ފުލުހުން ނުބުނެއެވެ.
އެ އެކްސިޑެންޓުގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު