ރޯދަމަހުގެ ފުރަތަމަ ދުވަހު، އިއްޔެ ކަރަންޓު ބޭނުންކުރި މިންވަރު ދަށްވެފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯ އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އިއްޔެ ކަރަންޓު ބޭނުންކުރި މިންވަރު ދަށްވެފައިވަނީ ވިއްސާރަ ދުވަހަކަށްވުމުންނާއި ސްކޫލުތަކާއި އޮފީސްތަކަކީ އިއްޔެ ބަންދު ދުވަހަކަށްވުމުގެ ސަބަބުން ކަމަށެވެ.

"އެންމެ ޕީކްގައި 78 މެގަވޮޓް ހޮނިހިރު ދުވަހު ބޭނުންކޮށްފައިވާ އިރު، ރޯދަމަހުގެ ކުރިން ޕީކް ގަޑީގައި ކަރަންޓު ބޭނުންކުރާ މިންވަރު އެވްރެޖުކޮށް ހުރީ 100 މެގަވޮޓްއިން މަތީގައި،" ސްޓެލްކޯ އިން ބުންޏެވެ.

ރޯދަމަހަކީ އާންމު ގޮތެއްގައި ކަރަންޓު ބިލު ބޮޑުވާ މަހެކެވެ.

އެހެންވެ ސަރުކާރުން ވަނީ ރޯދަމަހުގެ ކަރަންޓު ބިލުން 10 ޕަސަންޓު ޑިސްކައުންޓު ވެސް ދިނުމަށް ނިންމައިފައެވެ. ކަރަންޓު ބިލުން 10 ޕަސަންޓު ޑިސްކައުންޓް ދިނުމަށް ނިންމައި އެކަން ހާމަކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނުވަވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު، އއ. މަތިވެރިއަށް ކުރެއްވި ދަތުރުފުޅުގައެވެ.

ސްޓެލްކޯ އިން މިދިޔަ މަހުގެ 26 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ކަސްޓަމާ ސާވިސް އެންޑް ބިލިންގެ ޖެނެރަލް މެނޭޖަރު މުހައްމަދު ސަލީމް ވިދާޅުވެފައިވަނީ ފެބްރުއަރީ މަހުގެ ބިލް ދީފައިވާނީ 20 ވަނަ ދުވަހު ކަމަށާއި ނަމަވެސް އެ މަހު އަދި އެހެން ބިލެއް ކަސްޓަމަރުންނަށް ދާނެ ކަމަށެވެ. އެއީ 20 ވަނަ ދުވަހުން 27 ވަނަ ދުވަހަށް ހަދާ ބިލެއް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އެ ބިލު އެގޮތަށް ހަދަނީ ރޯދަ މަހަށް ހާއްސަކޮށް ވަކި ބިލެއް ހެދުމަށް ކަމަށާއި ނަމަވެސް ފެބްރުއަރީގައި ދެން ދޭ ބިލަށް ފައިސާ ދައްކަން ޖެހޭ މުއްދަތު އެހެން ބިލުތަކަށްވުރެ އިތުރުވާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

"މި މަހު ދާނެ އެހެން ބިލެއް. ފަހަރެއްގައި ރައްޔިތުން ބުނެފާނެ ދެ ބިލު ދަނީއޭ. ފަހުން އަޅުގަނޑުމެން މިދޭ ބިލަށް ފައިސާ ދައްކަން އަޅުގަނޑުމެން އިތުރު މުއްދަތު ދޭނަން. ދެން އަންނަ މަހެއްގެ މުސާރަ ލިބުމުން އެ ބިލަށް ބާޑަން އަކަށް ނުވާ ގޮތަށް ފައިސާ ދެއްކޭނެ،" ސަލީމް ވިދާޅުވެފައިވެއެވެ.

ސަލީމް ވިދާޅުވެފައިވަނީ ރޯދަ މަހުގެ ބިލުން ޑިސްކައުންޓު ދޭނީ މީގެ ކުރީގެ ނުވަ މަހުގެ އެވްރެޖު ބިލާއި ރޯދަ މަހުގެ ބިލުގެ ފަރަގު ކަމަށެވެ. އަދި ކޮންމެ ބިލަކުން ދިހަ ޕަސަންޓުގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް ވިދާޅުވެފައިވެއެވެ.

"މިހެން ހެދީމާ ބައެއް ކަސްޓަމަރުންގެ ބިލްތައް ވަރަށް ކުޑަވެގެންދާނެ،" ސަލީމް ވިދާޅުވެފައިވެއެވެ.