ގޯލްކީޕަރުންނާ ގުޅޭ ގަވާއިދަކަށް ބޮޑު ބަދަލެއް ގެންނަން އިންޓަނޭޝަނަލް ފުޓުބޯލް އެސޯސިއޭޝަން ބޯޑް (އައިއެފްއޭބީ) އިން ނިންމައިފިއެވެ.
ފީފާގެ ފުޓުބޯޅަ ގަވާއިދުގެ 12.2 އަކަށް ގެންނަން އައިއެފްއޭބީން ނިންމާފައިވާ ބަދަލަކީ، އަށް ސިކުންތަށްވުރެ ގިނަ އިރަށް ކީޕަރު އަތުގައި ބޯޅަ ބާއްވައިފިނަމަ، އިދިކޮޅު ޓީމަށް ކޯނަރެއް ދޭ ގޮތަށް ގެންނަ ބަދަލެކެވެ. އެ ބަދަލު ގެންނަން އައިއެފްއޭބީން ނިންމާފައިވަނީ މެޗުތަކުން ގެއްލޭ ވަގުތު ކުޑަކޮށް، ކީޕަރުންގެ ފަރާތުން ފެންނަ ވަގުތު ބޭކާރު ކުރުމަށް ހުއްޓުމެއް ގެނައުމުގެ މަގުސަދުގައި ކަމަށް ބުނެފައިވެއެވެ.
ކީޕަރުންގެ ގަވާއިދަށް އެ ބަދަލު ގެންނަން ނިންމާފައިވަނީ އައިއެފްއޭބީން ނިންމާފައިވަނީ ބެލްފެސްޓްގައި ބޭއްވި އެ ބޯޑުގެ އާންމު ބައްދަލުވުމުގައެވެ. ބަދަލަށް ރަސްމީކޮށް އަމަލުކުރަން ފަށާނީ މިއަހަރުގެ ޖުލައި މަހުން ފެށިގެންނެވެ. އެހެންކަމުން ކުރިއަށް އޮތް ފީފާ ކްލަބު ވޯލްޑް ކަޕުގައިވެސް އެ ބަދަލު ފެންނާނެއެވެ. އަދި އަންނަ ސީޒަނުން ފެށިގެން ލީގުތަކަށްވެސް އެ ބަދަލު ގެންނަން މަޖުބޫރެވެ.
މީގެ ކުރިން ގަވާއިދުގައި އޮންނަ ގޮތުން ކީޕަރުގެ އަތުގައި ބޯޅަ ބޭއްވޭނީ ހަ ސިކުންތު ހަމަވަން ދެނެވެ. ހަ ސިކުންތަށްވުރެ އިތުރަށް ބޯޅަ ހިފަހައްޓައިފިނަމަ، އިދިކޮޅު ޓީމަށް އޭރިއާ ތެރެއިން ދެނީ ނުރަސްމީ ޖެހުމެކެވެ.
އެގޮތަށް އެކަން އޮތް ނަމަވެސް، އާންމު ގޮތެއްގައި ކީޕަރުން އަތަށް ބޯޅަ ދިއުމާއެކު ގިނަ ކީޕަރުން އިތުރު ވަގުތު ނަގާތަން ފެނިފައިވެއެވެ. އަދި ވަގުތަށް ރެފްރީ ހަރުކަށިކޮށް ނުބަލާތީ ކީޕަރުން ވަގުތު ބޭކާރު ކުރާތަންވެސް ފެނިފައިވެއެވެ.
އައިއެފްއޭބީން ބޭއްވި ބައްދަލުވުމުގައި ގަވާއިދުގެ 3.10 އަކަށްވެސް ބަދަލެއް ގެންނަން ނިންމާފައިވެއެވެ. އެއީ ކެޕްޓަނުންގެ ރޯލަށެވެ. އެގޮތުން މިހާރު ނިންމާފައިވަނީ ރެފްރީއަށް ޝަކުވާކުރުމަށް ދެވޭނީ ކެޕްޓަނަށް އެކަނި ކަމަށެވެ. އެކަމުވެސް އެއީ ހާލަތަށް ބަލައިގެން އަމަލުކުރާނެ ގަވާއިދެކެވެ.
ފީފާ
ފީފާ
ފީފާ
ފީފާ