ޗެމްޕިއަންސް ޓްރޮފީގައި އިންގްލެންޑާ ކުރިމަތިވި ނާކާމިޔާބީއާއެކު ޖޯސް ބަޓްލާ، އިންގްލެންޑްގެ ވައިޓް-ބޯލް ކެޕްޓަންކަން ދޫކޮށްލައިފިއެވެ.

ޗެމްޕިއަންސް ޓްރޮފީން އިންގްލެންޑް ކެޓީ މިދިޔަ ބުދަ ދުވަހު އަފްގާނިސްތާން ކައިރިން ބަލިވުމުންނެވެ. އެއާއެކު އިންގްލެންޑަށް ބާކީ އޮތީ ސައުތު އެފްރިކާއާ ދެކޮޅަށް ކުޅޭ ގްރޫޕް ސްޓޭޖު މެޗެވެ. އެ މެޗު ވެގެންދާނީ އުމުރުން 34 އަހަރުގެ ބަޓްލާގެ ކެޕްޓަނުކަމުގެ ދަށުގައި އިންގްލެންޑް ކުޅޭ ފަހު މެޗަށެވެ.

ބަޓްލާ ކެޕްޓަންކަން ދޫކޮށްލީ، އެންމެ ފަހުން އޭނާގެ ކެޕްޓަންކަމުގެ ދަށުގައި ކުޅުނު ތިން މެޗުގެވެސް ނަތީޖާ ދަށްވުމުންނެވެ. 50 އޯވަރުގެ ވޯލްޑް ކަޕްގެ ތަށި ދިފާއުކުރަން ނުކުތް އިންގްލެންޑަށް 2023 ގައިވެސް ނާކާމިޔާބީއާ ކުރިމަތިވި އިރު، ޓީ20 ވޯލްޑް ކަޕްގައިވެސް އިންގްލެންޑަށް ކުރިމަތިވީ ނާކާމިޔާބީއާއެވެ.

އަފްގާނިސްތާން މެޗަށްފަހު ޕާކިސްތާނުގައި ހުރެ ބަޓްލާ ބުނީ މިއީ ނިންމުން ނިންމަން ޖެހޭ ވަގުތު ކަމަށާއި، އިންގްލެންޑް ކަޓަން މިފަަހަރު ދިމާވި ސަބަބަކީ ކުރީގެ ނާކާމިޔާބީތަކުގެ ހިތްދަތިކަމުގައި ޓީމު އޮތުމުން ކަމަށްވެސް ބަޓްލާ ބުންޏެވެ.

ބަޓްލާއަކީ 2019 ވަނަ އަހަރު އިންގްލެންޑާއެކު ވޯލްޑް ކަޕް ހޯދި ކުޅުންތެރިއެކެވެ. އޭނާ ކެޕްޓަންކަމާ ހަވާލުވީ 2022 ވަނަ އަހަރުއެވެ. އެއީ އެއޯން މޯގަން ބައިނަލްއަގުވާމީ ކްރިކެޓުން ރިޓަޔާ ކުރުމުންނެވެ.