އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވިދާޅުވުންތަކަށް ޖަވާބުދާރީވުމާއި އޭނާގެ ތުހުމަތުތަކުން ރެކި ދިފާއުވުން ފިޔަވައި މާބޮޑު އެހެންކަމެއް މިދުވަސްވަރު ދުނިޔޭގެ ގައުމުތަކަށް ކުރެވޭ މަންޒަރެއް ނުފެނެއެވެ. ޓްރަމްޕު ކޮންމެ އެއްޗެއް ވިދާޅުވިޔަސް އެކަމާ ވިއްދައިގެން ރައްދެއްނުދީ ޓްރަމްޕަކީ މުހިންމު މީހެއް ކަމަށް ނުބަލާ ބަޔަކުވެސް އެބަތިއްބެވެ. އެއީ މިސާލަކަށް ޗައިނާ އާއި އީރާނެވެ. މަދުފަހަރެއްގައި އީރާނުން އެއްޗެކޭ ބުންޏަސް ޗައިނާއަކުން އެވަރެއްވެސް ނުކުރެއެވެ. ޓްރަމްޕު ވިދާޅުވާ ކޮންމެ އެއްޗަކަށް ޗައިނާއިން ރައްދުދޭކަމަށްވީނަމަ އައު ހަގުރާމައެއްގެ ވިލާތައް ދުނިޔޭގެ އުދަރެހުގައި މިހާރު ހުންނާނީ ފެތުރިފައެވެ. ޓްރަމްޕުގެ ތުހުމަތުތަކާއި އިންޒާރުތަކުގެ ހިޔަނި ނޭޅޭ ތިބީ ވަރަށް މަދުބައެކެވެ. އަޖައިބު ކުރުވަނިވި ގޮތަކަށް ރަޝިޔާ ހިމެނެނީ މިބައިގައެވެ. ޓްރަމްޕު އަބަދުވެސް ރުހުމުގެ ލޮލަކުން ނޫނީ ނުބައްލަވާ އިޒްރޭލް އޮތީ އޭނާގެ ފުރިހަމަ ރައްކާތެރިކަމުގެ ދަށުގައެވެ.

ދުނިޔޭގެ އެންމެ ގިނަ ބަޔަކަށް ސިހުމާއި ހައިރާންކަން ލިބުނީ މިހާތަނަށް އެމެރިކާ ބުނިއްޔާ ބުނިހާ ގޮތަކަށް ހަދައިގެން އެމެރިކާއަށްޓަކައި ބޮޑު ހަގުރާމައެއްގެ ތެރެއަށް ބޯމަހާލައިގެން އޮތް ޔުކްރޭނަށްވެސް ޓްރަމްޕުގެ ބަހުގެ ހަމަލާތައް އަމާޒުވުމުންނެވެ. ރަޝިޔާއާ ދެކޮޅަށް ހަގުރާމަ ފެށީވެސް ޔުކްރޭނުންނޭ، އެމެރިކާގެ ރައްޔިތުންގެ ޓެކްސް ފައިސާ ތަޅައި ބުރުއްސުން ނޫންކަމެއް ޔުކްރޭނަކުން ނުކުރެޔޭ ވިދާޅުވަމުންގޮސް އެންމެފަހުން ޔުކްރޭނުގެ ރައީސް ލޮޑޮމީރް ޒެލެންސްކީއަކީ އިންތިޚާބަކާނުލައި ވެރިކަމުގައި ބަގުޑި ބައްދައިގެންހުރި ޑިކްޓޭޓަރެކޭ ވެސް އަދި އޭނާއަކީ ގާނޫނީ ހައިސިއްޔަތެއް ނެތް ވެރިއެކޭވެސް ވިދާޅުވެއްޖެއެވެ. މިކަންކަމަށް ޔުކްރޭނުން ދިނީ ކޮންރައްދެއްކަން ބަލައިލަމާބަހީއެވެ. ވަރަށް ޝައުގުކުރަނިވި ކަންތައްތަކެއް ޔުކްރޭނުންވެސް އެބަފެނެއެވެ. ތެދެކެވެ. ޔުކްރޭނުގެ ރައީސް ޒެލެންސްކީ މިވަގުތު ވެރިކަމުގައި އެހުންނެވީ އިންތިޚާބަކާ ނުލައެވެ. އެކަމަކު ވަރަށްބޮޑު ސަބަބަކާ ލައިގެންނެވެ.

ޔުކްރޭނު އެއޮތީ ބޮޑުވެގެންވާ ހަގުރާމައެއްގެ ތެރޭގައެވެ. އެ ހާލަތުގައި އިންތިޚާބެއްް ބޭއްވޭނެ ގޮތެެއް ނެތެވެ. ޒެލެންސްކީގެ ދައުރު ހަމަވުމުގެ ކުރިން ޔުކްރޭނުގެ ޕާލަމެންޓުން ވަނީ ހަގުރާމަ ނިމި އަމާންކަން ލިބެންދެން އިންތިޚާބަކާ ނުލައި ވެރިކަމުގައި ދެމިހުންނެވުމުގެ ފުރުސަތު ޒެލެންސްކީއަށް ފަހިކޮށްދީފައެވެ. އެހެންވީމާ އޭނާއަކީ ގާނޫނީ ހައިސިއްޔަތެއް ނެތް ޑިކްޓޭޓަރެކޭ ބުނުމުގެ ފުރުސަތެއް ނެތެވެ. އެހެންވިޔަސް ޓްރަމްޕު އެގޮތަށް ވިދާޅުވީތާއެވެ. ޓްރަމްޕުގެ ވިދާޅުވުމާ ގުޅިގެން ޔުކްރޭނުގެ ޕާލަމަންޓުން އަނެއްކާވެސް އައު ގަރާރެއް މިހަފުތާގައި ވަނީ ފާސްކޮށްފައެވެ. މި ގަރާރުގައި ވަނީ ހަގުރާމައިގެ ހާލަތު ނިމެންދެން ޒެލެންސްކީ މަގާމުގައި ދެމިހުންނެވުން ޖާއިޒުކޮށްފައެވެ. ޕާލަމަންޓުގެ މި ވޯޓުގައި ބައިވެރިވެވަޑައިގެންނެވީ 268 މެންބަރުންނެވެ. ގަރާރު ފާސްވީ އިއްތިފާގުންނެވެ. ކޮންމެވެސް ސަބަބުތަކާހެދި ވޯޓުގައި ބައިވެރިވެވަޑައިނުގެންނެވޭ ބާރަ މެންބަރަކު ތިއްބެވިއެވެ. މިއީ ރައީސް ޓްރަމްޕަށް ޔުކްރޭނުގެ ޕާލަމެންޓުން ދިން ވަރަށް ސާފު ރައްދެކެވެ.

އެމީހުން ބުނާކަހަލައެވެ. ކޮބާކޮބާ ފެނިއްޖެ ހެއްޔެވެ. ތިޔަ ބުނަނީ ކޮން ހައިސިއްޔަތެއްގެ ވާހަކަ ހެއްޔެވެ. ބަލަގަ ގާނޫނު ހަދަން ތިބީ އަހަރެމެންނެވެ. އަހަރެމެން ނިންމާފައިވާ ގޮތަކީ މިއެވެ. ރައީސް ޒެލެންސްކީގެ އިންތިޚާބީ ދައުރު ހުސްވި 2024 ވަނަ އަހަރުގެ މެއިމަހު ނިމިފައިވިޔަސް ހަގުރާމަ ނިމެންދެން ވެރިޔަކީ އޭނާއެވެ. ކަލޭމެންވެސް އަދި އެނޫންބަޔަކު ވިޔަސް މުއާމަލާތު ކުރަންޖެހޭނީ ހަމަ ޒެލެންސްކީއާއެވެ. ހުރިހައި ހައިސިއްޔަތެއްވެސް އޮތީ އޭނާއަށެވެ. އަހަރެމެން ތަބާވަނީ އަހަރެމެން ލިޔެ ފާސްކޮށްފައިވާ ދުސްތޫރަކަށެވެ. އެދުސްތޫރުގައި ބުނަނީ ގައުމުގައި ކުއްލި އަމުރުގެ ގާނޫނު ހިންގިފައިވާ ދަނޑިވަޅެއްގައި އިންތިޚާބެއް ނުބޭއްވޭނެ ވާހަކައެވެ. ބާއްވަންވެސް ނުޖެހޭ ވާހަކައެވެ. ރަޝިޔާ ސިފައިން 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޔުކްރޭނަށް އަރައިގަތުމާ ގުޅިގެން ހިންގުނު ކުއްލި އަމުރު އެގޮތުގައި ދެމިއެބައޮތެވެ. އެކަން ނިމޭނީ ހަގުރާމަވެސް ނިމިގެންނެވެ.

ޒެލެންސްކީއަކީ އިންތިޚާބަކާ ނުލައި ވެރިކަމުގައި ހުރި ޑިކްޓޭޓަރެކޭ ވިދާޅުވުމުގެ އިތުރަށް ޔުކްރޭނުގެ ރައްޔިތުންގެ ތާއީދެއްވެސް ނެތް މީހެކޭ ޓްރަމްޕު ވިދާޅުވެއެވެ. އޭނާގެ ބަހުރުވައިންނަމަ ޒެލެންސްކީއަށް ތާއީދުކުރާ މީހުންގެ ނިސްބަތަކީ އެންމެ ހަތަރު އިންސައްތައެވެ. މި އަދަދުތައް ނުވަތަ ތަފާސްހިސާބުތައް ޓްރަމްޕު ހޯއްދެވި ތަނަކާއި ގޮތެއް ނޭގެއެވެ. ޔަގީންވާ އެއްޗަކީ މިއީ ރަޝިޔާގެ މީޑިއާއިން ދޭތެރެ ދޭތެެރެއިން ތަކުރާރުކޮށް ގެނެސްދޭ ވާހަކަތަކެއް ކަމެވެ. އަދި ޒެލެންސްކީގެ ގާނޫނީ ހައިސިއްޔަތާމެދުވެސް ސުވާލު އުފައްދަނީ ރަޝިޔާއިން އެކަނިކަމެވެ. އެހެންވީމާ ޓްރަމްޕު ބަރޯސާ ކުރެއްވީ ރަޝިޔާގެ މައުލޫމާތަށް ކަމަށް ބެލެވެއެވެ. ޚުދު ޒެލެންސްކީވެސް ވިދާޅުވީ އެހެންނެވެ. އޭނާ ވިދާޅުވިއެވެ. ވަރަށްވެސް ދެރައެވެ. ޓްރަމްޕުވެސް އެންމެފަހުން ރޫސީންގެ މަޅީގައި ޖެހުނީއެވެ. ރޫސީންގެ ދޮގުތަކަށް ލެނބޭގޮތްވީއެވެ. ދެންއޮތީ ޓްރަމްޕު ވިދާޅުވި އެއްޗެއް ވިދާޅުވީ ހަގީގަތުގައިވެސް ރޫސީންގެ ރިވާޔަތަށް ތަބާވެވަޑައިގެންތޯ ބެލުމެވެ. ހިޔެެއްނުވެއެވެ.

ޓްރަމްޕުގެ އަދި އެހެން މަގުސަދެއް އޮންނާނެއެވެ. އެބައޮތެވެ. ޓްރަމްޕުގެ ސިޔާސަތަކީ ހުރިހައި ގޮތަކުންވެސް ޕްރެޝަރު ޖައްސައިގެން ޓްރަމްޕު ބޭނުންފުޅުވާ ގޮތަށް ކަންކަން ނިންމުމަށް ގައުމުތަކަށް މަޖުބޫރު ކުރުމެވެ. ޓްރަމްޕު މިހާރު އެއުޅުއްވަނީ ޔުކްރޭނުގެ ގުދުރަތީ ވަސީލަތްތައް ލިބިގަތުމާއި އެއިން ވިޔަފާރި ކުރުމުގައި އެމެރިކާގެ ކުންފުނިތަކަށް ޚާއްސަ އިސްކަމެއް ލިބިދޭ މުއާހަދާއެއްގައި ޔުކްރޭނު ލައްވައި ސޮއިކުރުވުމަށެވެ. ޓްރަމްޕު އެބަވިދާޅުވެއެވެ. ބިޔަ ގައުމެކެވެ. ވަރަށް ބައިވަރު މައުދަންތައް އެބަހުއްޓެވެ. އެތަކެތި އަހަރެމެންގެ ކުންފުނިތަކަށެވެ. އެހެންޏާ ބިލިއަނުން ބިލިއަނުން ޔުކްރޭނުގެ ހަގުރާމައަށް އަހަރެމެންގެ ރައްޔިތުންގެ ޓެކްސް ފައިސާ އެޅުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ. އެއްބަސްވުމުގައި ސޮއިކުރާށެވެ. ޝުކުރުވެރިވާން ދަންނާށެވެ. އެހެންނޫނީ އެހީތައް މިހާރުން މިހާރަށް ކަނޑައިލަނީއެވެ. ކޮންމެއަކަސް މި އުކުޅު ބަރާބަރަށް މަސައްކަތްކޮށްފި ކަމަށް ފެނެއެވެ.

ޒެލެންސްކީ އެހުންނެވީ އެއްބަސްވުމުގައި ސޮއިކުރައްވާ ގޮތަށެވެ. ޔުކްރޭނުގެ ޕާލަމެންޓުވެސް އެއޮތީ އެއްބަސްވުމަށް ރުހުންދޭ ގޮތަށެވެ. އިއްޔެގެ ވޯޓުން ފެނިގެންދިޔައީ އެރޫހެވެ. ޒެލެންސްކީ ކޮންމެ އެއްޗެއްގައި ސޮއިކުރެއްވިޔަސް ރުހޭނަމޭ ގާނޫނީ ހައިސިއްޔަތުވެސް އޮންނާނެއޭ އެއޮތީ ބުނެފައެވެ. ސާފު ބަހުންނެވެ. މިޔަގީންކަން ލިބުނީމާ އެމެރިކާ ސަރުކާރުގެ ބަސްމަގުވެސް މިހާރު ތަފާތުވެއްޖެ ކަމަށް ފެނެއެވެ. ޔުކްރޭނުގެ މައްސަލަ ހައްލު ކުރުމަށް ޓްރަމްޕު ކަނޑައަޅުއްވާފައިވާ މަންދޫބު ޖެނެރަލް ކީތު ކެލޮގް މިހަފުތާގައި ވިދާޅުވިއެވެ. އަސްތަ އަސްތާއެވެ. ރައީސް ޒެލެންސްކީއަކީ ވަރަށް ހިތްވަރުފުޅުގަދަ ހިކުމަތްތެރި ލީޑަރެކެވެ. އޭނާއަށް ދެރަވާ ގޮތަކަށް އަހަރެމެން ކަންތަކެއް ނުކުރާހުށީމެވެ. ހަމައެފަދައިން އަހަރެމެންނަށް ދެރަވާ ގޮތަކަށް އޭނާވެސް ކަންތަކެއް ނުކުރައްވާނެއެވެ. ޖެނެރަލް ކެލޮގް މިވިދާޅުވި އެއްޗެއް އެންމެނަށްވެސް ވަރަށް ސާފުނޫންތޯއެވެ. އެމެރިކާ ބޭނުންވާ އެއްޗަކީ ޔުކްރޭނުގެ މައުދަންތަކެވެ. ގުދުރަތީ ވަސީލަތްތަކެވެ.