ގޯލްޑަން ފުޓްސަލް ޗެލެންޖު 2025ގެ ޗެމްޕިއަންކަން ހޯދި ކ. ކާށިދޫއަށް އެރަށު ރައްޔިތުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ހުޅުމާލޭ ރެހެންދި ދަނޑުގައި އަންގާރު ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުގައި ވަރުގަދަ ކުޅުމަކާއެކު ނައިވާދޫ މާޔޫސްކޮށްލުމަށްފަހު، ކާށިދޫން ޗެމްޕިއަންކަން ހޯދީ 4-1ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މިއީ ކާށިދޫން މުބާރާތުގެ ފައިނަލުގައިވެސް ކުޅުނު ފުރަތަމަ ފަހަރެވެ. ތާރީހީ ކާމިޔާބީއެއް ހޯދައި، ކާށިދޫ ވެފައި ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތަށި ހޯދީ ހަތް ވަނަ ރަށަށެވެ.
މިހާތަނަށް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ކާމިޔާބު ނުވަ މުބާރާތެއްގައި ހަތް ޗެމްޕިއަނުން ފެނިފައިވެއެވެ. އެއީ ތިންފަހަރު މުބާރާތުގެ ތަށި ހޯދި ތ. ތިމަރަފުއްޓާއި، ބ. ހިތާދޫގެ އިތުރުން މާލޭގެ މާފަންނާއި ހެންވޭރުގެ އިތުރުން ލ. ގަން، ބ. އޭދަފުށި އަދި ކ. ކާށިދޫ އެވެ. އެ ތާރީހީ ލިސްޓަށް އަލަށް އެރި ކާށިދޫން ފުޓްސަލް ރަސްކަމަށް އައި ދަތުރަކީވެސް ތަފާތު ނަތީޖާތަކެއް ފެނިގެން ދިޔަ ޖާދުވީ ދަތުރެކެވެ.
ކާށިދޫން ތަށްޓާއެކު ރަށަށް ދިޔައީ އިއްޔެ ހަވީރުއެވެ. އެ ރަށުގެ ރައްޔިތުން ރަތް ދޫލައިގެ މަރުހަބާއެއް ޓީމަށް ކިޔައިފައިވާ އިރު، ސަގާފީ ބައެއް ހަރަކާތްތައްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
ކައުންސިލުން އިސްވެ ރަށު ޓީމަށް ކީ މަރުހަބާގެ ތެރެއިން ރައްޔިތުން ޓީމާ ދޭތެރޭ ޝުއޫރުފާޅުކޮށްފައިވާ އިރު، ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތަށި ހޯދުމަކީ ކާށިދޫގެ ކުޅިވަރު ހަޔާތުގައިވެސް ހޯދި އެންމެ ފުރިހަމަ އެންމެ ބޮޑު އެއް ކާމިޔާބީއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް