ސްޕެނިޝް ކޮޕާ ޑެލް ރޭގެ ސެމީ ފައިނަލް ދެވަނަ މެޗުގެ ފުރަތަމަ ލެގުގައި ރެއާލް މެޑްރިޑުން ރަށުން ބޭރުގައި ރެއާލް ސޮސިއެދާދު ބަލިކޮށްފިއެވެ.

ކޮޕާ ޑެލް ރޭގެ ސެމީ ފައިނަލް މެޗުތައް ރޭ އަދި ރޭގެ ކުރީ ރޭގައި ކުރިއަށް ގޮސްފައިވާ އިރު، ދެން އަނެއްކޮޅުން ސެމީގައި ވާދަކުރަމުން ދަނީ ބާސެލޯނާއާއި އެތުލެޓިކޯ މެޑްރިޑެވެ. އެ ދެޓީމުން ކުޅުނު ފޯރިގަދަ ފުރަތަމަ ލެގު 4-4 އިން އެއްވަރުވެގެން ނިމުނު އިރު، ރޭ ރެއާލުން ސޮސިއެދާދު ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުގެ ކުރީކޮޅުގައި ރެއާލުން ލީޑުވެސް ނެގިއެވެ. ކައުންޓާ އެޓޭކް ފުރުސަތެއްގައި ޖޫޑް ބެލިނަހަމް ދުއްވާލި ބޯޅައެއް ރަނގަޅަށް ކޮންޓްރޯލް ކޮށްލާފައި އެންޑްރިކް ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ތިރީ ކަނަށެވެ. އެއީ 19 ވަނަ މިނެޓުގައި އޭނާ ޖެހި ގޯލެކެވެ.

އޭގެ އިރުކޮޅެއްފަހުން މިކެލް އޮޔަރުޒަބާލާއި އަމްޑާ ބަރެނެޓްޒިއާ ފޮނުވާލި ހަމަލާތައް އަންދްރީ ލުނިން މަތަކުރި އިރު، ވިނީޝިއަސް ޖޫނިއާ އަނެއްކޮޅުން ފޮނުވާލި ހަމަލާވެސް ގޯލަށް އަމާޒުކޮށްލެވޭ ގޮތެއް ނުވިއެވެ.

ދެވަނަ ހާފު ފެށިގެންވެސް ސޮސިއެދާދުން ނުރައްކާ ކުރިއެވެ. އޮޔަރުޒަބާލާއި ތަކެފޫސާ ކޫބޯގެ ހަމަލާތައްވެސް ލުނިން ދިފާއުކުރި އިރު، ރެއާލުން ނަތީޖާ ފުޅާކުރުމަށް އެންޑްރިކް ފޮނުވާލި ހަމަލާ ބޭރަށް ދިޔައީ ދަނޑީގައި ޖެހިފައެވެ. މެޗު ނިމެން ދަނިކޮށް، އޮރެލިއަން ޗުއެމީ ފޮނުވާލި ހަމަލާއެއްވެސް ގޯލަކަށް ބަދަލު ނުކޮށްލެވި، ދެވަނަ ލެގަށް ރެއާލް ދާނީ ހަނި ލީޑަކާއެކުގައެވެ.

ކޮޕާ ޑެލް ރޭ ސެމީ ފައިނަލް ދެވަނަ ލެގު އޮންނާނީ އަންނަ މަހުގެ ދެވަނަ ދުވަހުއެވެ.