ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކޮށް، ދެ ފަނޑިޔާރުން އުނިކުރަން ޖެހޭގޮތަށް، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ ގާނޫނުއަސާސީއާ ހިލާފު ބިލެއް ކަމަށް ވިދާޅުވެ، އެ ބިލު ފާސްކުރަން ވޯޓު ނުދިން ނަމަވެސް، އަދިވެސް ހުންނެވީ ސަރުކާރާއެކުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު، އަހުމަދު އަޒާން މަރުޒޫގު ވިދާޅުވެއްޖެއެވެ.
"އަޅުގަނޑު އަދިވެސް މިހުރީ ސަރުކާރަށް ތާއީދުކުރާ މެންބަރެއްގެ ގޮތުގައި، އައްޑޫއަށް ތަރައްގީ ގެނައުމަށް ސަރުކާރާ ގުޅިގެން މަސައްކަތްކުރުމަށް، ސަރުކާރުން އައްޑޫއަށް ވެފައިވާ ވައުދުތައް ނުފުއްދޭނަމަ ނުވަތަ ދާއިރާގެ ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލު ނުކުރެވޭނަމަ ނުވަތަ ލަސްވާނަމަ ސަރުކާރާއި ދައުލަތުގެ މުއައްސަސާތައް ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރުމުގައި ދެމިހުންނަން،" އަޒާން މިއަދު ނެރުއްވި ނޫސްބަޔާނުގައި ވެއެވެ.
އެ ނޫސްބަޔާނުގައި އޭނާ ވިދާޅުވީ ފަސް އަހަރު ދުވަހަށް ރައްޔިތުން ހަވާލުކުރި މަސްއޫލިއްޔަތު އެ ރައްޔިތުންނަށް އޭނާ ވައުދުވީގޮތަށް އަދާނުކޮށް އަނެއްކާވެސް ރައްޔިތުންގެ ގާތަށް ވޯޓު ހޯދަން ދާ މީހަކަށް ނުވާނެ ކަމަށެވެ.
ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް މިއަދު ފާސްކުރި ބިލަކީ އިއްޔެ މަޖިލީހަށް ހުށަހަޅައި، އެ ދުވަހުން އެ ދުވަހަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައި އެ ކޮމިޓީން ނިންމައި މަޖިލިސް ތަޅުމަށް ފޮނުވި ބިލެކެވެ. އެ ބިލު މިއަދުގެ ޖަލްސާއިން ވަނީ ފާސްކޮށްފައެވެ.
ނަމަވެސް މަޖިލީހުގެ އިލެކްޓްރޯނިކް ވޯޓިން ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ވަކިވަކި މެންބަރުންނަށް ދަންނަވައިގެން ވޯޓަށް އެހުން ކުރިއަށްގެންދިޔަ މިއަދުގެ ޖަލްސާގެ ވޯޓުގަޑީގައި އަޒާން ވަނީ ބިލަށް ވޯޓު ނުދެއްވައި މަޖިލީހުގެ ތަޅުމުން ނުކުންނަވައިފައެވެ.
އެކަމާ ގުޅިގެން ނޫސްބަޔާނުގައި އަޒާން ވިދާޅުވެފައިވަނީ، މަޖިލިސް އިންތިހާބުގައި ދާއިރާގެ ރައްޔިތުންނަށް ދެއްވި ޔަގީން ކަމަކީ، އެ ރައްޔިތުންގެ މަސްލަހަތާއި ގައުމީ މަސްލަހަތު އިސްކުރައްވާނެކަމުގެ ޔަގީންކަން ކަމަށެވެ. އެހެންކަމުން އެއަށްވުރެ އިސްކުރަންޖެހޭ މަސްލަހަތެއް ނޯންނާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އެ ބިލަށް ވޯޓު ނުދެއްވި ސަބަބު ބަޔާންކުރައްވައި އަޒާން ވިދާޅުވީ ކުރި އާއި މިހާރު ގާނޫނީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި ގާނޫނީ ބޭފުޅުންގެ އިތުރުން އޭނާ ތަމްސީލު ކުރާ ރައްޔިތުންނާއި މި ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރުން ވެސް އެ ބިލަށް ތާއީދު ނުކުރަން މަޝްވަރާދެއްވި ކަމަށެވެ.
"މި ބިލަކީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާ ހިލާފު ބިލަކަށްވާތީ އެފަދަ ބިލަކަށް ތާއީދުކުރުމަކީ ގާނޫނުއަސާސީގެ 75 ވަނަ މާއްދާއާ ހިލާފު ކަމެއް،" އޭނާ ވިދާޅުވިއެވެ.
އަޒާން ވިދާޅުވީ، ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް އޮތް ނަމަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މެދުވެރިކޮށް އެ މައްސަލަ ބަލައި އެފަދަ މައްސަލައެއް ސާބިތުވާ ނަމަ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފަނޑިޔާރުން ވަކި ކުރެވިދާނެ ކަމަށެވެ.
އެކަން އެގޮތަށް ނުކޮށް، މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕީއެންސީއަށް އޮއްވައި ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައި ދެ ފަނޑިޔާރަކު މަގާމުން ވަކިކުރަން މަޖިލީހުން ނިންމުމަކީ ގާނޫނީ ގޮތުން ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އަމުދުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބަލަމުން ދަނިކޮށް އެ ކޯޓުގެ ދެ ފަނޑިޔާރެއް މަގާމުން ވަކިކުރުމަށް ގާނޫނަށް އިސްލާހު ގެނައުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ގަބޫލެއް ނުކުރެވޭ، އެއީ ހުޅުވައިލެވިފައިވާ މިނިވަން ދިމިގުރާތީ މުޖުތަމައުތަކުގައި އަމަލުކުރާ އުސޫލުތަކާއި ދިވެހިރާއްޖެއިން ބަލައިގަނެފައިވާ މުއާހަދާތަކާ ބީރައްޓެހި އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ކަނޑައެޅިގެން ހިލާފަށް ކުރެވިގެންދާ ކަމެއް ކަމަށްވާތީ އެފަދަ ކަމެއްގައި ބައިވެރިވެ ތާއީދު ނުކުރެވޭނެ،" އަޒާން ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު