ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކޮށް، ދެ ފަނިޑިޔާރުން އުނިކުރަން ޖެހޭގޮތަށް، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ ގާނޫނުއަސާސީއާ ހިލާފް ބިލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު، އަހުމަދު އަޒާން މަރުޒޫގު ވިދާޅުވެއްޖެއެވެ.
ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ އިއްޔެ މަޖިލީހަށް ހުށަހަޅައި، އެދުވަހުން އެދުވަހަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައި އެ ކޮމިޓީން ނިންމައި މަޖިލިސް ތަޅުމަށް ފޮނުވި ބިލެކެވެ. އެބިލް މިއަދުގެ ޖަލްސާއިން ވަނީ ފާސްކޮށްފައެވެ.
ނަމަވެސް މަޖިލީހުގެ އިލެކްޓްރޯނިމް ވޯޓިން ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ވަކިވަކި މެންބަރުންނަށް ދަންނަވައިގެން ވޯޓަށް އެހުން ކުރިއަށްގެންދިޔަ މިއަދުގެ ޖަލްސާގެ ވޯޓުގަޑީގައި އަޒާން ވަނީ ބިލަށް ވޯޓު ނުދެއްވައި މަޖިލީހުގެ ތަޅުމުން ނުކުންނަވައިފައެވެ.
އެއަށްފަހު މިއަދު ނެރުއްވި ނޫސްބަޔާނެއްގައި އަޒާން ވިދާޅުވެފައި ވަނީ، މަޖިލިސް އިންތިހާބުގައި ދާއިރާގެ ރައްޔިތުންނަށް ދެއްވި ޔަގީން ކަމަކީ، އެ ރައްޔިތުންގެ މަސްލަހަތާއި ގައުމީ މަސްލަހަތު އިސްކުރައްވާނެކަމުގެ ޔަގީންކަން ކަމަށެވެ. އެހެންކަމުން އެއަށްވުރެ އިސްކުރަންޖެހޭ މަސްލަހަތެއް ނޯންނާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އެބިލަށް ވޯޓު ނުދެއްވި ސަބަބު ބަޔާން ކުރައްވައި އަޒާން ވިދާޅުވީ ކުރި އާއި މިހާރު ގާނޫނީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި ގާނޫނީ ބޭފުޅުންގެ އިތުރުން އޭނާ ތަމްސީލު ކުރާ ރައްޔިތުންނާއި މި ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރުން ވެސް އެ ބިލަށް ތާއީދު ނުކުރަން މަޝްވަރާ ދެއްވި ކަމަށެވެ.
"މި ބިލަކީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާ ހިލާފް ބިލަކަށްވާތީ އެފަދަ ބިލަކަށް ތާއީދު ކުރުމަކީ ގާނޫނުއަސާސީގެ 75 ވަނަ މާއްދާއާ ހިލާފް ކަމެއް،"
އަޒާން ވިދާޅުވީ، ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް އޮތް ނަމަ ޖުޑީޝަލް ސާވިސް ކޮމިޝަން މެދުވެރިކޮށް އެ މައްސަލަ ބަލައި އެފަދަ މައްސަލައެއް ސާބިތުވާ ނަމަ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފަނޑިޔާރުން ވަކި ކުރެވިދާނެ ކަމަށެވެ.
އެކަން އެގޮތަށް ނުކޮށް، މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕީއެންސީއަށް އޮއްވައި ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައި ދެ ފަނޑިޔާރަކު މަގާމުން ވަކި ކުރަން މަޖިލީހުން ނިންމުމަކީ ގާނޫނީ ގޮތުން ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އަމުދުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބަލަމުން ދަނިކޮށް އެ ކޯޓުގެ ދެ ފަނޑިޔާރެއް މަގާމުން ވަކިކުރުމަށް ގާނޫނަށް އިސްލާހު ގެނައުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ގަބޫލެއް ނުކުރެވޭ، އެއީ ހުޅުވައިލެވިފައިވާ މިނިވަން ދިމިގުރާތީ މުޖުތަމައުތަކުގައި އަމަލުކުރާ އުސޫލުތަކާއި ދިވެހިރާއްޖެއިން ބަލައިގަނެފައިވާ މުއާހަދާތަކާ ބީރައްޓެހި އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ކަނޑައެޅިގެން ހިލާފަށް ކުރެވިގެންދާ ކަމެއް ކަމަށް ވާތީ އެފަދަ ކަމެއްގައި ބައިވެރިވެ ތާއީދު ނުކުރެވޭނެ،" އަޒާން ވިދާޅުވިއެވެ.
އަޒާން އިތުރަށް ވިދާޅުވީ އޭނާ އަދިވެސް ހުންނެވީ މި ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރެއްގެ ގޮތުގައި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު