"ކިންގްކަން ލިބޭނެ ކަމަކަށް އެއްވެސް ވަރަކަށް އުންމީދެއް ނުކުރަން. ހީކުރީ އެހެން ކުޅުންތެރިއަކަށް ކަމަށް ލިބޭނީ. އެއީ ކީޕަރަކަށް ކުރިން ނުދީ އޮތް މަގާމަކަށްވީމަ،"
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ، "ކިންގް އޮފް ދަ ޓޯނަމެންޓް،" ކ. ކާށިދޫގެ ގޯލްކީޕަރު މުހައްމަދު ސަލީލް، ފުޓްސަލްގެ ރަސްގެފާނުގެ ގޮނޑީގައި އިނދެ، އިހުސާސްތައް ކިޔައިދެން މަސައްކަތް ކުރަމުން ފުރަތަމަވެސް ބުނީ އެހެންނެވެ.
ސަލީލަކީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތާރީހުގައި ވެސް "ކިންގް" ގެ ގައުން އަޅާލައި، ރަސްކަމުގެ އަސާގަނޑާ އެކު ޝަރަފުވެރި ތާޖު އަޅާލި ފުރަތަމަ ގޯލްކީޕަރެވެ. ހަގީގަތުގައި އޭނާ މުޅި މުބާރާތަށް އިންގިލާބީ ބަދަލެއް ގެނެސްދިނީއެވެ. ފުޓްސަލްއަށް ވެސް އެއީ މުޅިން ތަފާތު ތަޖުރިބާއެކެވެ. ގޯލްކީޕަރަކަށް ރާއްޖޭގެ އެންމެ ބޮޑު މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބިގެން ދިޔުން ވެގެންދިޔައީ، އެހެން ހުރިހާ ގޯލްކީޕަރުން ވެސް ހެއްވާލި ފަހުރަކަށެވެ.
"އިހުސާސްތައް ބުނެދޭކަށް ވެސް ނޭނގެ. އުންމީދު ވެސް ނުކުރާ އެއްޗެއް (ކިންގްގެ މަގާމް) އަކީ،" ސަލީލް ރޭގެ މެޗަށްފަހު "ތަހުތުގައި" އިނދެ ބުންޏެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލް މެޗުގައި ވަރުގަދަ ކުޅުމަކާ އެކު ނައިވާދޫ މާޔޫސްކޮށްލުމަށްފަހު، ކާށިދޫން ޗެމްޕިއަންކަން ހޯދީ 4-1ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. އަލަށް ފައިނަލަށް ނުކުމެ، މުޅި ރާއްޖޭގެ ލޯބިވެސް ހޯދައި، ކާށިދޫން ލިޔެލީ ރަން އަކުރުގެ ތާރީހެކެވެ.
ސެމީ މެޗުގައި ކާށިދޫން 2023 ވަނަ އަހަރު ފައިނަލުގައި ކުޅުނު ގދ. ވާދޫ ރޮއްވާލި އިރު، އޭގެ ކުރިން އެޓީމުން ވަނީ ވަރުގަދަ ތ. ތިމަރަފުއްޓާއި ކ. ގާފަރުގެ އިތުރުން ވިލިމާލެ ވެސް މުބާރާތުން ކަޓުވާލައިފައެވެ.
"އެންމެ ފުރަތަމަ އަތޮޅު ތަށި ގެއްލި، ޒޯން ތަށިވެސް ގެއްލުނީ. އެހިސާބުން ވެސް އެކަމަކު އުންމީދު ކަނޑައެއް ނުލަން. ދެން އެއަށްފަހު ހަމަ މެޗަކަށްފަހު މެޗަކަށް ވިސްނީ. އެންމެ އުނދަގޫ ތަށި، މުބާރާތުގެ ތަށި މި ހޯދުނީ އެހާ ކުރިން ފައިނަލަށް ނޫނީ ސީދާ ތަށްޓަށް ވިސްނައިގެން ނޫން. ހަމަ މެޗަކަށްފަހު މެޗަކަށް ވިސްނީ،" ކާށިދޫން ކުރި ދަތުރަށް ސަލީލް ބުންޏެވެ.
ސަލީލަކީ ބައެއް ފަހަރު ކުޅެން އަރާލާ ކުޅުންތެރިއެއް ނަމަވެސް، މުބާރާތްތަކުގައި އަބަދުވެސް ކީޕަރެކެވެ. ވެމްކޯއާ އެކު ކްލަބު މޯލްޑިވްސް ކާމިޔާބު ކުރި ސަލީލަށް ފުޓްސަލްގެ ތެރެއަށް ބޮޑަށް ވަދެވުނީ ވެސް އެޓީމާއެކު ފަރިތަކުރުންތަކުގެ ތެރެއިންނެވެ. އޭގެފަހުން ރިސޯޓުގައި މަސައްކަތް ކުރަން ގޮސް، މިހާތަނަށް އައިއިރު ރިސޯޓުގެ މުބާރާތްތައް ވެސް ކުޅެ، މަޑުމަޑުން ތަޖުރިބާ ހޯދިއެވެ.
ސަލީލަށް ގޯލްޑަން ކާމިޔާބުކުރެވުމަކީ ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ. ހާއްސަކޮށް ގޯލްޑަން ކާމިޔާބުކުރެވުމަކީ ފުޓްސަލް ކުޅެގެން ހަޔާތުގައި ހޯދުނު އެންމެ ބޮޑު އުފަލެވެ. އެ އުފާ އިތުރަށް ހާއްސަ ވެގެން ދިޔައީ ރޭ ހޯދުނު "ކިންގް"ގެ މަގާމާ އެކުގައެވެ.
ސަލީލް ބުނީ ކާށިދޫން ނުކުތީ އަތޮޅު ތަށްޓަށް ކަމަށާއި ފުރަތަމަ މުބާރާތަށް ނުކުތް އިރު، ޒޯނާ ހަމައަށް ވެސް ޓީމުގެ ވިސްނުން ނުގެންދާ ކަމަށެވެ. އެހެން ނަމަވެސް އެ ދަތުރު ސަލީލްގެ އިތުރުން މުޅި ރާއްޖެވެސް ހީނުކުރާ ކަހަލަ ގޮތަކަށް އަނބުރާލައި، ކާށިދޫން ރާއްޖޭގެ ފުޓްސަލްގެ ރަސްކަން ހޯދީ އާދަޔާހިލާފު ކޮށެވެ.
އެތައް ބަޔަކު ހީވެސް ނުކުރާ ކަހަލަ ގޮތަކަށް ގޮސް އެންމެން ހައިރާން ކޮށްލައިފައެވެ. ކާށިދޫ ވެފައި ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތަށި ހޯދީ ހަތްވަނަ ރަށަށެވެ.
މިހާތަނަށް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ކާމިޔާބު ނުވަ މުބާރާތެއްގައި ހަތް ޗެމްޕިއަނުން ފެނިފައިވެއެވެ. އެއީ ތިންފަހަރު މުބާރާތުގެ ތަށި ނެގި ތ. ތިމަރަފުއްޓާއި، ބ. ހިތާދޫގެ އިތުރުން މާލޭގެ މާފަންނާއި ހެންވޭރުގެ އިތުރުން ލ. ގަން، ބ. އޭދަފުށި އަދި ކ. ކާށިދުއެވެ. އެ ތާރީހީ ލިސްޓަށް އަލަށް އެރި ކާށިދޫން ފުޓްސަލް ރަސްކަމަށް އައި ދަތުރަކީވެސް ތަފާތު ނަތީޖާތަކެއް ފެނިގެން ދިޔަ ޖާދުވީ ދަތުރެކެވެ.
"ކާށިދޫން ފުރަތަމަ ނުކުތްއިރު މުޅި މުބާރާތުގެ ތަށި ސިކުނޑީގައި ނުވެސް ނެތް. އަތޮޅު ތަށްޓަށް ނުކުތީ. އޭރު ޒޯނަށް ވެސް ނުވިސްނަން. ދެން އެ ތަށި ގެއްލިގެން ޒޯނަށް ނުކުމެ، ޒޯން ތަށިވެސް ގެއްލުނީ. އެހިސާބުން ވެސް އުންމީދު ކަނޑައެއް ނުލަން. ކާށިދޫގެ ސިއްރަކީ ބުރަ މަސައްކަތް. ހުއްޓާނުލައި އެކީ އެކައްޗެއް ކިޔައިގެން ކުރި ބުރަ މަސައްކަތް މި ނަތީޖާގެ ތަފާތަކީ،" ސަލީލް ބުންޏެވެ.
ސަލީލްގެ އެ ވާހަކަ ޔަގީންވެސް މެއެވެ. ކާށިދޫ ދެއްކި ހިތްވަރާއި ބުންވަރަކީ މުޅި ފުޓްސަލްއަށް ގެނެސްދިން އިންގިލާބެކެވެ. ނަގާކިޔާ ފުޓްސަލްގެ ތަރިއެއް ޓީމުގައި ނެތް ނަމަވެސް، "ޓީމުގައި ތިބީ ހުސް ތަރިންނެވެ." އެކަކު އަނެކަކަށް އިތުބާރު ކުރުމުގެ ވެސް ނަމޫނާ ދެއްކިއެވެ. މަސައްކަތް ކުރުމުގައި ކާމިޔާބުވާކަން ސާބިތުކޮށްދިންވެސް މެއެވެ.
ސަލީލްގެ ހާއްސަ ކާމިޔާބީއަކީ ރާއްޖޭގެ ހުރިހާ ގޯލްކީޕަރުންނަށްވެސް ލިބުނު ފަހުރުވެރި ކާމިޔާބީއެއްކަން ޔަގީނެވެ. ސަލީލް ހޯދައިދިނީ އެ ހުރިހާ ކީޕަރުންނަށް މުޅިން އާ ހިތްވަރެކެވެ. ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ކީޕަރެކެވެ. އެއީ ބޮޑު މެސެޖަކަށް ފުދޭނެ މެސެޖެކެވެ.
"ކީޕަރުންނަށް ބުނަން އޮތީ ހުއްޓާނުލާ، ހިތްވަރާއެކު ކުރިއަށްދާށޭ. އަގުވަޒަން ކުރެވޭނެއޭ. އުފާވޭ އަސްލު ކީޕަރަކަށް މި މަގާމު ލިބުނީމަ،" ސަލީލް ބުންޏެވެ.
ސަލީލްގެ ކާމިޔާބީއަށް އެތައް ބަޔަކު މަރުހަބާ ކިޔަމުންދާ އިރު، ރާއްޖޭގެ ގައުމީ ޓީމަށްވެސް ކުޅުނު، ފުޓްސަލްގައި އެންމެ ވަރުގަދަކޮށް ފެންނަ އެއް ކީޕަރު، އިސްމާއީލް ފާތިހު (ތާޑޭ)ވެސް ސޯޝަލް މީޑިއާގައި ބުނީ "ކީޕަރުންގެ އަގު ވަޒަންކުރުމުގައި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނާއި ރައީސް މޫސާ ރިލުވާން ނިންމި ނިންމުމަށް،" ސާބަސް ދޭ ކަމަށެވެ.
އެއީ ހަގީގާތުގައި ސަލީލްގެ ކާމިޔާބީން ގެނެސްދިން ބަދަލެވެ. މުޅި ރާއްޖެއަށް ނަމޫނާ މުބާރާތެއް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އެއްވަނަ ކުޅުންތެރިޔަކީ ކީޕަރަކަށްވީކަމީ، ހައްގު ގޮތުގައި ކީޕަރުންނަށްވެސް އެމަގާމު ހޯދޭނެ ކަމުގެ ލާމަސީލު މިސާލެކެވެ.
ސަލީލްގެ ކާމިޔާބީ ހާއްސަ ކުރާ އެތައް ބަޔަކު ތިބިއިރު، އޭނާގެ ޝުކުރުގެ ލިސްޓުގައި އެންމެ ހާއްސަ ވަނީ އާއިލާއާއި ޓީމެވެ.
"ހެއްދެވި ފަރާތަށް ޝުކުރު އަދާކުރުމަށްފަހު ދެން ޝުކުރު އަދާކުރަން ބޭނުންވާ އެންމެ މުހިއްމު ފަރާތްތަކަކީ އާއިލާ އެންމެންނާ، ޓީމުގެ ހުރިހާ ކުޅުންތެރިންގެ އިތުރުން ވަކިން ހާއްސަކޮށް ކޯޗު ޗުމްޕުއަށް. ދެން ހުރިހާ ސަޕޯޓަރުންނާއި ކާއްޓޭއަށްވެސް ޝުކުރު އަދާކުރަން،" ސަލީލް ބުންޏެވެ.
ސަލީލް ފައިނަލް މެޗުގައި ދެއްކި ކުޅުމާއެކުވެސް އެތައް ބައެއްގެ ލޯތްބާއި އިހުތިރާމް ޔަގީންކުރިއެވެ. މުބާރާތުގައި ކާށިދޫ ކުރިއަށް ދިޔަ ވަރަކަށް ސަލީލްގެ ތަފާތު ފެނިގެން ދިޔަ އިރު، އެންމެ މެޗެއްގައިވެސް ގޭމުން ބޭރު ނުވެ، ސަލީލް ދެއްކީ ތަފާތު މޮޅު ހުނަރުވެރިކަމެކެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް