ގޯލްޑަން ފުޓްސަލް ޗެލެންޖު 2025ގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު، "ކިންގް" އޮފް ދަ ޓޯނަމެންޓަކަށް ކާށިދޫގެ ކީޕަރު މުހައްމަދު ސަލީލް ހޮވިއްޖެއެވެ.

ހުޅުމާލޭ ރެހެންދި ދަނޑުގައި މިރޭ ކުޅުނު މިއަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލް މެޗުގައި ވަރުގަދަ ކުޅުމަކާއެކު ނައިވާދޫ މާޔޫސްކޮށްލުމަށްފަހު، ކާށިދޫން ޗެމްޕިއަންކަން ހޯދީ 4-1ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މިއީ ކާށިދޫން މުބާރާތުގެ ފައިނަލުގައިވެސް ކުޅުނު ފުރަތަމަ ފަހަރެވެ. ތާރީހީ ކާމިޔާބީއެއް ހޯދައި، ކާށިދޫ ވެފައި ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތަށި ހޯދީ ހަތްވަނަ ރަށަށެވެ.

ކާށިދޫން އަތޮޅު ބުރުގައި ކ. ގާފަރު ކަޓުވާލުމުގެ އިތުރުން ފައިނަލަށް ކުރި ދަތުރުގައި ވަރުގަދަ ތ. ތިމަރަފުއްޓާއި ވިލިމާލޭގެ އިތުރުން ގދ. ވާދޫވެސް ބަލިކުރިއެވެ. އެ މެޗުތަކުގައިވެސް މޮޅަށް ކުޅުނު ސަލީލަށް "ކިންގް"ގެ މަގާމު މިރޭ ލިބުމާއެކު އޭނާއަށް ވަނީ ހާއްސަ ޝަރަފެއް އަރުވައިފައެވެ.

ސަލީލަށް ރަސްމީކޮށް ޓްރޮފީ ހަވާލުކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު، އަބްދުﷲ ރާފިއުއެވެ. އަދި ކިންގްގެ ތާޖު އަޅުއްވައިދެއްވީ މެޗުގެ ޝަރަފުވެރި މެހެމާން ރާއްޖޭގެ ނައިބު ރައީސް، އަލްއުސްތާޒް ހުސައިން މުހައްމަދު ލަތީފެވެ.

ސަލީލަކީ މިހާތަނަށް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ހަމައެކަނި ގޯލްކީޕަރެވެ. އޭނާއަށް މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމުވެސް ލިބިފައިވެއެވެ. އޭގެ އިތުރުން މިރޭ ވަނީ ގަދަ ފަސް ކުޅުންތެރިންނާއި އެންމެ އުންމީދީ ކުޅުންތެރިޔާ، އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަދި އެންމެ މޮޅު ކޯޗުވެސް ހޮވައިފައެވެ.

  • ކީޕަރުގެ އިތުރުން އެންމެ މޮޅު ފަސް ކުޅުންތެރިން
  • އަހުމަދު ހަމީދު (އަންމަޑޭ) / ހދ. ނައިވާދޫ
  • އަޔާޒް އަހުމަދު (އަޔާ) / ގދ. ވާދޫ
  • އަބްދުﷲ ސުޒައިރު / ކ. ކާށިދޫ
  • އަޖުލާން އަބްދުލް ހަންނާން / ކ. ކާށިދޫ
  • ޔާމިން މުހައްމަދު (ޔާންޓެ) / ހދ. ނައިވާދޫ

މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމު ހޯދީ ކ. ކާށިދޫގެ އިސްމާއީލް ރަޔާނެވެ. އެންމެ ގިނަ ގޯލު ޖެހީ ނައިވާދޫގެ މުހައްމަދު ޝާއިން (ޝާއިންޓެ) އެވެ. އޭނާ ވަނީ ޖުމުލަ 15 ގޯލު މުބާރާތުގައި ޖަހައިފައެވެ. އެންމެ މޮޅު ކޯޗަކަށް ކާށިދޫގެ ކޯޗު އަލީ ހައިޝަމް (ޗުމްޕު) ހޮވުނު އިރު، ބެސްޓް ސަޕޯޓިން ޓީމަކީ ފައިނަލުގައި ބަލިވި ނައިވާދުއެވެ.

މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށްވެސް ކާށިދޫ ހޮވުނު އިރު، އެޓީމުންވެސް މިއީ ފައިނަލް ކުޅުނު ފުރަތަމަ ފަހަރެވެ.