ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީން ވަކިކޮށް ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައާ މެދު އެ ކޯޓުން ގޮތެއް ނުނިންމަނީސް މެންބަރުން ވަކިނުކުރެވޭނެ ކަމުގެ އަމުރެއް ނެރެދިނުމަށް ހުށަހެޅި މައްސަލައާ ގުޅޭ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފިއެވެ.
މި މައްސަލައިގައި ވަގުތީ އަމުރެއް ނެރެދޭން ހުށަހެޅުއްވީ ގާނޫނުއަސާސީ ބަދަލުކުރި މަަައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިންއެވެ. ސުޕްރީމް ކޯޓުގައި އެ މައްސަލައިގެ އަޑުއެހުން ތާވަލުކުރީ މާދަމާގެ މެންދުރު 11:00 އަށެވެ.
އަލީ ހުސައިން "ވަން" އަށް މިއަދު ވިދާޅުވީ، މެންބަރުންނާ މެދު އެއްވެސް ފިޔަވަޅެއް އަދި މެންބަރުން ވަކިކުރުން ހުއްޓުވުމުގެ ގޮތުން ދައުލަތުގެ ހުރިހާ އިދާރާތަކެއްގެ މައްޗަށް އަމުރު ނެރެދެއްވުމަށް އެދުނީ، ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވާ އެ މައްސަލަ މައުލޫއީ ގޮތުން ނިންމުމުގެ ކުރިން މެންބަރެއްގެ ގޮނޑި ގެއްލިއްޖެނަމަ އަލުން އިންތިހާބެއް ބާއްވަން ދައުލަތުން ހަރަދުތަކެއް ކުރަން ޖެހޭނެތީ ކަމަށެވެ.
އަދި މެންބަރެއް ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިފައި ވަނިކޮށް، ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ ބާތިލު ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިނަމަ، ބައެއް މައްސަލަތައް ނުކުންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީން ވަކިކޮށް ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލައިގައި އެންމެ ފުރަތަމަ ބޭއްވި އަޑުއެހުމުގައި ސުޕްރީމް ކޯޓުގެ ބެންޗުން ވަނީ އެ ކޯޓަށް މައްސަލަ ބެލޭނެ ކަމަށް ނިންމައިފައެވެ. އަދި ދައުލަތުގެ އެދިގެން ދައުވާއަށް ޖަވާބުދާރީވާން 10 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު