ގޯލްޑަން ފުޓްސަލް ޗެލެންޖު 2025ގެ ފައިނަލުގައި ހދ. ނައިވާދޫ ބަލިކޮށް، ކ. ކާށިދޫން ރާއްޖޭގެ ފުޓްސަލް ރަސްކަން ހޯދައި، ތާރީހު ލިޔެލައިފިއެވެ.
ހުޅުމާލޭ ރެހެންދި ދަނޑުގައި މިރޭ ކުޅުނު ފައިނަލް މެޗުގައި ވަރުގަދަ ކުޅުމަކާއެކު ނައިވާދޫ މާޔޫސްކޮށްލުމަށްފަހު، ކާށިދޫން ޗެމްޕިއަންކަން ހޯދީ 4-1ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މިއީ ކާށިދޫން މުބާރާތުގެ ފައިނަލުގައިވެސް ކުޅުނު ފުރަތަމަ ފަހަރެވެ. ތާރީހީ ކާމިޔާބީއެއް ހޯދައި، ކާށިދޫ ވެފައި ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތަށި ހޯދީ ހަތްވަނަ ރަށަށެވެ.
މިހާތަނަށް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ކާމިޔާބު ނުވަ މުބާރާތެއްގައި ހަތް ޗެމްޕިއަނުން ފެނިފައިވެއެވެ. އެއީ ތިންފަހަރު މުބާރާތުގެ ތަށި ނެގި ތ. ތިމަރަފުއްޓާއި، ބ. ހިތާދޫގެ އިތުރުން މާލޭގެ މާފަންނާއި ހެންވޭރުގެ އިތުރުން ލ. ގަން، ބ. އޭދަފުށި އަދި ކ. ކާށިދުއެވެ. އެ ތާރީހީ ލިސްޓަށް އަލަށް އެރި ކާށިދޫން ފުޓްސަލް ރަސްކަމަށް އައި ދަތުރަކީވެސް ތަފާތު ނަތީޖާތަކެއް ފެނިގެން ދިޔަ ޖާދުވީ ދަތުރެކެވެ.
ފައިނަލް މެޗު ފެށިގެންވެސް ކާށިދޫގެ ފަރާތުން ރަނގަޅު ކުޅުމެއް ފެންނަމުން ގޮސް، ތިންވަނަ މިނެޓުގައި އެޓީމުން ލީޑު ނެގިއެވެ. އެއީ މުބާރާތުގައި ރަނގަޅު ފޯމެއްގައި ކުޅެމުން އައި އަޖުލާން އަބްދުލް ހައްނާން ޖެހި ގޯލެކެވެ. އެ ގޯލުން ލީޑު ނެގި ތަނާ ނައިވާދޫން ކުރިއަށް ޕްރެސްކޮށް، ކާށިދޫ ހާސްކޮށްލެވޭތޯ މަސައްކަތް ފެށިއެވެ.
އެ މަސައްކަތުގައި ނައިވާދޫން ހިތްވަރުވެސް ހޯދިއެވެ. އެއީ އަހުމަދު ހަމީދު (އަންމަޑޭ) ހަތްވަނަ މިނެޓުގައި ޖެހި ގޯލަކުންނެވެ. އެ ގޯލާއެކު ނައިވާދޫން އުންމީދެއް ހޯދި ނަމަވެސް، ކާށިދޫން މަޑެއް ނުޖެހުނެވެ. އެޓީމުން ހާފު ނިންމާލީ އިތުރު ދެ ގޯލު ޖަހައިގެންނެވެ. އެއީ އަޖުލާނާއި އަބްދުﷲ ސުޒައިރު ޖެހި ގޯލުތަކުންނެވެ. ސުޒައިރު ގޯލު ޖެހީ ހިލޭ ޖެހުމަކުންނެވެ.
ދެވަނަ ހާފުގައި ކާށިދޫ އެކުގައި ކަހަލަ ގޮތަކަށް ޑިފެންސް ކުރުމަށް ފައިބާ ބުރަކޮށް މަސައްކަތް ކޮށްފައިވާ އިރު، އެޓީމުގެ ގޯލު ސަލާމަތް ކުރުމަށް ކީޕަރު މުހައްމަދު ސަލީލް ވަނީ ތަފާތު މަސައްކަތެއް ކޮށްފައެވެ. އޭނާގެ ފަރާތުން ފެނިގެން ދިޔަ މޮޅު ސޭވްތަކާއެކު އެންމެ ފަހުވަގުތާ ހަމައަށްވެސް ކާށިދޫ މަސައްކަތް ކުރި އިރު، އެޓީމުގެ ހަތަރު ވަނަ ގޯލު ފެނުނީ މެޗު ނިމެން ދެމިނެޓަށް ވެފައި ވަނިކޮށެވެ.
ނައިވާދޫ އެއްކޮށް ކުރިއަށް ޖެހި، ކީޕަރުވެސް ކުރީގައި އޮއްވާ، ފަހަތުން ޑިފެންސް ކުރި ބޯޅައެއްގައި ސުޒައިރު ފޮނުވާލި ބޯޅަ ގޮސް ވަނީ ހުސް ގޯލަކަށެވެ. އެހިސާބުން ކާށިދުއަށް ތަށި ޔަގީންވެ، ރާއްޖޭގެ ފުޓްސަލް ރަސްކަން ޔަގީންވިއެވެ.
މެޗުގެ މޮޅު ކުޅުންތެރިޔަކީ މުބާރާތުގެ މޮޅު ކުޅުންތެރިޔާ، ކާށިދޫގެ ކީޕަރު ސަލީލެވެ.
މުބާރާތް ނިންމުމުގެ ރަސްމިއްޔާތު މިރޭ ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގެ ނައިބު ރައީސް، އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ކޮމެންޓް