ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު، ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމުގެ ގޮތުން "ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު" އަށް އިސްލާހު ގެނައުމުގެ ބިލް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ، ޕީއެންސީގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. ހަމަ މިއަދު މަޖިލީހުން ވަނީ އެ ބިލު ކޮމިޓީއަށް ފޮނުވުމަށް ފާސްކޮށްފައެވެ.
އެ ބިލު މަޖިލީހަށް ބަލައިގަތީ އެ ވަގުތު ޖަލްސާގައި ތިއްބެވި، 78 މެންބަރުންގެ ތެރެއިން 64 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެމްޑީޕީގެ 12 މެންބަރުން ވޯޓު ދެއްވީ ބިލު ބަލައިނުގަތުމަށެވެ. އެ ޖަލްސާގައި ޕީއެންސީގެ ނުވަ މެންބަރަކު ބައިވެރިވެވަޑައިގެންފައި ނުވާ އިރު، ޕީއެންސީގެ ދެ މެންބަރަކު ވޯޓުގައި ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.
ބިލު ބަލައިގަނެ، ކޮމިޓީއަށް ފޮނުވުމަށް ފާސްކުރުމާއެކު މިއަދު ހަވީރު ވަނީ އެ ބިލު ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިފައެވެ. އެމްޑީޕީގެ މެންބަރުން އެ ބިލަށް އިސްލާހުތަކެއް ހުށަހެޅި ނަމަވެސް، ކޮމިޓީން އެ އިސްލާހުތައް ފާސްވެފައެއް ނުވެއެވެ.
ކޮމިޓީގައި ބިލު ދިރާސާކުރުމުގެ މަސައްކަތް ކުރިއަށްދިޔަ އިރު، ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރާއި އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވަނީ އިސްލާހުތައް ހުށަހެޅުމުގެ ފުރުސަތު ނުދީ، ކުރިއަށްނުދެވޭނެ ކަމަށް ވިދާޅުވެ އަޑުގަދަވެސް ކޮށްފައެވެ.
މައުރޫފް ޒާކިރާއި ނާޒިލް، ދެ ބޭފުޅުން ވެސް ފާހަގަކުރައްވާފައިވަނީ، ދުސްތޫރީ ހައްސާސް މައްސަލައެއް ސުޕްރީމް ކޯޓުގައި ކުރިއަށްދަނިކޮށް ގާނޫނަށް އެ އިސްލާހު ގެނައުމަކީ ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި އިސްލާހު ގެނައުމުގެ ބޭނުމަކީ ކޮބައިކަން ސާފުނުވާ ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ.
ނާޒިލް ވަނީ ފަނޑިޔާރުންގެ އަދަދު ހިމެނޭ މާއްދާއަށް އިސްލާހެއް ވެސް ހުށަހަޅުއްވައިފައެވެ. އެ ބިލުގައި މިހާރު ހިމެނޭ ފަސް ފަނޑިޔާރުންގެ އަދަދު ނުވަ ފަނޑިޔާރުންނަށް ބަދަލުކުރުމަށެވެ. އެ އިސްލާހަށް މައުރޫފް ތާއީދުކުރެއްވި ނަމަވެސް، އެގޮތަށް ފާސްކުރަން ވޯޓުދެއްވީ ނާޒިލް އާއި މައުރޫފް އެކަންޏެވެ. އެހެންކަމުން އެ އިސްލާހު ފާސްވެފައެއް ނުވެއެވެ.
ބިލުގެ ވަކިވަކި މާއްދާއަށް ވޯޓަށް އެހުމަށްފަހު، ހުށަހެޅި ގޮތަށް ބިލު ފާސްކުރުމަށް ވަނީ ވޯޓަށް އަހައިފައެވެ. އެ ބިލު ކޮމިޓީން ފާސްވީ ހަތް މެންބަރުންގެ ވޯޓާއެކުއެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވީ ނާޒިލް އާއި މައުރޫފެވެ. އަދި ހުރާ ދާއިރާގެ ޕީއެންސީ މެންބަރު ޑރ. އަނާރާ ނައީމް ވަކި ގޮތަކަށް ވޯޓެއް ނުދެއްވައެވެ.
އަބްދުއްސައްތާރު، މަޖިލީހަށް އެ ބިލު ހުށަހެޅުއްވި ބޭނުމެއްގެ ގޮތުގައި މި ބިލުގައި ވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު، ކުރީގެ ހާއްސަ މަޖިލީހުގައި ކުރެވުނު ބަހުސްތަކުގައި ވެސް ބަޔާންކުރެވިފައިވާ ފަދައިން ގާނޫނުއަސާސީއަކީ ވަރަށް ފޮނި އުންމީދަކާއެކު ދިވެހިން ލިބިގަތް ގާނޫނުއަސާސީއަކަށްވާ އިރު، ގާނޫނުއަސާސީން ދިވެހިން ކުރާ އެންމެ ފޮނި އުންމީދަކީ، ރައްޔިތުން އާންމު ހާލަތު ރަނގަޅުވެގެން އައުން ކަމުގައި ދެކޭތީ، އެ ބަދަލު އެންމެ އެކަށޭނެ ގޮތަކަށް ރައްޔިތުންނަށް ލިބިގެންދާނީ ގާނޫނުގެ ދަށުން ސުޕްރީމް ކޯޓު އެކުލެވިގެންދާ ގޮތް ކުރިއެކޭ ވެސް އެއްގޮތަށް އިސްލާހުތައް ގެނެސްގެން ކަމަށް ދެކޭތީ ކަމަށެވެ.
ބިލުގައި ވަނީ، މިހާރު ހަތް ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ސުޕްރީމް ކޯޓުގެ ބެންޗު، އުއްތަމަ ފަނޑިޔާރާ އެކު ފަސް ފަނޑިޔާރުންގެ މައްޗަށް ބަދަލުކުރުމެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޖުމުލަ އަދަދު ވާންވާނީ އޮނަހިރި އަދަދަކަށް ކަމަށް ވެސް ބިލްގައި ބުނެފައިވެއެވެ.
ބިލުގައިވާ ގޮތުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކޮށްފައިވާ ފަނޑިޔާރަކު، އޭނާގެ މަގާމުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަގާމަށް އެމީހަކު ގާބިލު ނޫން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ގަބޫލުކުރެވިގެން، އެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްވުމުންނެވެ.
ފަނޑިޔާރުން ވަކިކުރުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން، ޖޭއެސްސީން މަޖިލީހަށް ހުށަހަޅާ ފަނޑިޔާރުންގެ ނަންތައް ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި އެ ކޮމިޝަނުން މަޖިލީހަށް ހުށަހަޅަންވާނެ ކަމަށް ބިލުގައިވެއެވެ. އަދި މަޖިލީހަށް އެ ފަނޑިޔާރުންގެ ނަންތައް ހުށަހަޅާތާ ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި މަޖިލީހުން އެ ފަނޑިޔާރުން މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމަންވާނެ ކަމަށް ވެސް ބިލުގައި ބުނެފައިވެއެވެ.
ފަނޑިޔާރުންގެ އަދަދު މަދުކުރުމުގެ ގޮތުން، ޖޭއެސްސީން ނިންމާ ގޮތެއްގެ މަތިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރެވޭ ފަނޑިޔާރުން ފިޔަވައި، ސުޕްރީމް ކޯޓުގައި ދެން ތިބި ފަނޑިޔާރުން އެ ފަނޑިޔާރުން ތިބި މަގާމުގައި ދެމިތިބޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.
އެންމެ ފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް ބަދަލުކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ފަހުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަނެއްކާވެސް ހަތަކަށް ބަދަލުކުރިއެވެ.
މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބަވަނީ އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު މަހާޒު އަލީ ޒާހިރު، ފަނޑިޔާރު ހުސްނުއް ސުއޫދު، ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.
ޚަބަރު
ޚަބަރު
ޚަބަރު