ފުލުހުންގެ ވެލްފެއާ ކުންފުނި، ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ)ގެ ސީއީއޯގެ މަގާމުގައި ހުންނެވި އަހުމަދު އަނީސް އެ މަގާމުން ސަސްޕެންޑު ކޮށްފައިވާތީ ޕޮލްކޯގެ ހިންގުން އެ ކުންފުނީގެ ސެކްރެޓަރީ އިބްރާހީމް ހާލީލްއާ ހަވާލުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ އަނީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ޕޮލްކޯގެ ބޯޑަށް ހުށަހަޅާފައިވާތީ، އެ މައްސަލައާ މެދު ގޮތެއް ނިމެންދެން ސީއީއޯގެ މަގާމުގެ ޒިންމާތަކުން އޭނާ އެކަހެރި ކުރުމަށް އާދިއްތަ ދުވަހު ބޭއްވި ޕޮލްކޯގެ ބޯޑް ބައްދަލުވުމުގައި ނިންމައިފައިވާ ކަމަށެވެ.
އަދި އެ ބޯޑު ބައްދަލުވުމުގައި ވަނީ ޕޮލްކޯގެ ދުވަހުން ދުވަހަށް ހިންގައި ބެލެހެއްޓުމުގެ ޒިންމާ އެ ކުންފުނީގެ ސެކްރެޓަރީ އިބްރާހިމް ހަލީލްއާ ހަވާލުކުރައްވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އިބްރާހިމް ހަލީލްއަކީ 2020 ޖުލައިން ފެށިގެން ޕޮލްކޯގެ ސެކްރެޓަރީގެ މަގާމު އަދާކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ ހައުސިން ޕްރޮޖެކްޓް، ބްލޫސް ހައުސިން ޕްރޮޖެކްޓާ ގުޅިގެން ކުރެވޭ ކޮރަޕްޝަން ތުހުމަތުތަކާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ ދެ ފަހަރެއްގެ މަތިން އިސްކަންދަރު ކޮށީގައި ހުންނަ ޕޮލްކޯގެ އޮފީސް ބަލައި ފާސްކޮށްފައެވެ.
އެންމެ ފުރަތަމަ އޭސީސީން، ޕޮލްކޯގެ އޮފީހަށް ވަދެ އެތަން ބަލައިފާސްކޮށްފައިވަނީ މިމަހުގެ ތިންވަނަ ދުވަހުގައެވެ. އެފަހުން އޭސީސީން ވަނީ މިމަހުގެ 19 ވަނަ ދުވަހުވެސް ޕޮލްކޯގެ އޮފީހަށް ވަދެ ބަލައިފާސްކޮށްފައެވެ. އެ ދެފަހަރު ވެސް ޕޮލްކޯގެ އޮފީސް ބަލައިފާސްކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
ބްލޫސް ހައުސިން ޕްރޮޖެކްޓްގެ ދަށުން 300 ހައުސިން ޔުނިޓު ހެދުމަށް ޕޮލްކޯއިން ކޮރަޕްޝަންގެ ގިނަ އަމަލުތަކެއް ހިންގާފައިވާކަން ފެންމަތިވެފައިވަނީ އޮޑިޓް އޮފީހުން މިދިޔަ މަހުގެ 24 ވަނަ ދަވަހު އާންމުކުރި ހާއްސަ އޮޑިޓް ރިޕޯޓުންނެވެ.
އެ ރިޕޯޓްގައިވާ ގޮތުން ބްލޫސް ހައުސިން ޕްރޮޖެކްޓް މަޝްރޫއަށް ޖުމްލަ 1.06 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި އެއީ އަކަފޫޓަކަށް (ޖުމްލަ 573،332 އަކަފޫޓު) 1851 ރުފިޔާގެ ރޭޓުން ކަމަށެވެ. ނަމަވެސް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ ޓެންޑާ އިވެލުއޭޝަން ބޯޑުން ހޯދި މައުލޫމާތުތަކާއި އަމިއްލަ ފަރާތްތަކުގެ ކޮންސްޓްރަކްޝަން މަސައްކަތްތަކުގެ އަގުތަކަށް ބަލާ އިރު، މިފަދަ ކޮންސްޓްރަކްޝަން މަސައްކަތުގެ އެވަރެޖު އަގަކީ އަކަފޫޓަކަށް 1300 އާއި 1500 ރުފިޔާ ކަމަށް ވެސް ރިޕޯޓްގައިވެއެވެ.
މި ރޭޓުތަކަށް ބަލާނަމަ މި މަޝްރޫއުގެ އަގަށް ޖެހޭނީ 745.3 މިލިއަން ރުފިޔާ ކަމަށާއި އެންމެ ބޮޑުވެގެން ވެސް ހަރަދުވާނެ ކަމަށް ބެލެވެނީ 859.9 މިލިއަން ރުފިޔާ ކަމަށެވެ. އެހެންކަމުން މި މަޝްރޫއަށް 354.7 މިލިއަން ރުފިޔާ އިތުރަށް ހަރަދު ކޮށްފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައިވެއެވެ.
މި މަޝްރޫއުގެ ފުރަތަމަ އެއްބަސްވުމުގެ އަގު ކަމުގައި 580 މިލިއަން ރުފިޔާއާ އަޅައި ބަލާ އިރު، މި މަޝްރޫއަށް މިހާތަނަށް ހިނގާފައިވާ 481 މިލިއަން ރުފިޔާ އިތުރުވެ، ގާތްގަނޑަކަށް ދެގުނަ ހަރަދުކޮށްފައިވުމުން، ދައްކައިދެނީ މިފަދަ ބޮޑެތި ޕްރޮޖެކްޓްތައް ހިންގުމުގެ ފަންނީ ގާބިލްކަން ޕޮލްކޯގައި ނެތް ކަމާއި ކޮންޓްރެކްޓަރުންނަށް ފައިދާވާގޮތަށް އެއްބަސްވުންތަކަށް ބަދަލު ގެނެސްފައިވުމާއި އަދި ފްރޯޑާއި ކޮރަޕްޝަންގެ އަމަލުތަކަށް ޝައްކުކުރެވޭ ކަންކަން މި މަޝްރޫއުގެ ތެރޭގައި ހިނގާފައިވާ ކަމެވެ،" އޮޑިޓް ރިޕޯޓްގައިވެއެވެ.
އޮޑިޓް ރިޕޯޓްގައިވާ ގޮތުން މި މަޝްރޫއުގެ ބީލަމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތާ ހިލާފަށެވެ.
އެގޮތުން 30 ޖޫން 2013 ގައި ނޫމަޑިއަށް 500 މިލިއަން ރުފިޔާއަށް 300 ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ ކޮންޓްރެކްޓް ހަވާލުކޮށްފައިވަނީ ބީލަން ސަރުކާރުގެ ގެޒެޓުގައި އިއުލާން ނުކޮށް ކަމަށާއި އަދި މަސައްކަތް ހަވާލު ކުރާނެ ފަރާތެއް ހޮވުމަށްޓަކައި ޓެންޑާ އިވޭލުއޭޝަން ބޯޑަށް ހުށަހަޅާފައިނުވާ ކަމަށެވެ. އަދި ކޮންޓްރެކްޓަރުގެ މާލީ އަދި ފަންނީ ގާބިލުކަމާއި ތަޖުރިބާ ވަޒަން ކޮށްފައިނުވުމުގެ ސަބަބުން ވަކި ހިސާބަކުން ކޮންޓްރެކްޓަރު މަސައްކަތުން ވަކިކޮށް އެހެންފަރާތަކަށް މަސައްކަތް ހަވާލުކުރަންޖެހި، މަޝްރޫއުގެ ހަރަދު އިތުރުވެގެން ގޮސްފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައިވެއެވެ.
މީގެ އިތުރުން ނޫމަޑިއާއެކު ވެފައިވާ އެއްބަސްވުން ބާތިލުކުރުމުގެ ގޮތުން، ދެ ފަރާތުން ސޮއިކޮށްފައިވާ ޓާމިނޭޝަން އެގްރީމެންޓުގައިވާ ގޮތުން ޕޮލްކޯ އިން ނޫމަޑިއަށް ޖުމުލަ 96،324،296 (ނުވަދިހަ ހަ މިލިއަން ތިން ލައްކަ ސައުވީސް ހާސް ދުއިސައްތަ ނުވަދިހަ ހައެއް) ރުފިޔާ ދައްކާފައިވާ އިރު، ނޫމަޑިން ކޮށްފައިވާ މަސައްކަތުގެ އަގަކީ 38،202،432 ރުފިޔާއެވެ. އަދި ނޫމަޑިއަށް ދައްކަންޖެހޭ ފައިސާގެ އަދަދަކީ 64.3 މިލިއަން ރުފިޔާ ކަމަށާއި އެހެންކަމުން އެކުންފުންޏަށް ދައްކަން ޖެހޭ ފައިސާގެ އިތުރަށް 20 މިލިއަން ރުފިޔާ، ޕޮލްކޯއިން ދިން ކަމަށް އެ މަޝްރޫއާ ގުޅޭ ހާއްސަ އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު