ރައްޔިތުންގެ މަޖިލިސް މެންބަރުން ޕާޓީން ކަނޑާލައި، އަދި ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހަކީ ގާނޫނުއަސީއާ ހިލާފު އިސްލާހެއް ކަމަށް ބުނެ އެ އިސްލާހު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައާ މެދު އެ ކޯޓުން ގޮތެއް ނުނިންމަނީސް މެންބަރުން ވަކިނުކުރެވޭނެ ކަމުގެ އަމުރެއް ނެރެދިނުމަށް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލް އަލީ ހުސެއިން އެދިއްޖެއެވެ.
އަލީ ހުސައިން، އެ ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 24 ގައެވެ. ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައިގެންފައިވަނީ އެ މަހުގެ 27 ގަ އެވެ. ސުޕްރީމް ކޯޓުން އެ މައްސަލައިގެ ދެ އަޑުއެހުމެއް މިމަހުގެ ތެރޭގައި ބާއްވާފައި ނިންމާފައިވަނީ އެ ދުސްތޫރީ މައްސަލަ ބެލުމުގެ އިހުތިސޯސް އެ ކޯޓަށް ލިބިގެންވާ ކަމަށެވެ. ސުޕްރީމް ކޯޓުން އެގޮތަށް ނިންމީ އެ ދުސްތޫރީ މައްސަލަ ބެލުމުގެ އިހުތިސޯސް ސުޕްރީމް ކޯޓަށް ލިބިގެންނުވާ ކަމަށް ވިދާޅުވެ ދައުލަތުން އިޖުރާއީ ނުކުތާއެއް ނެންގެވުމާ ގުޅިގެންނެވެ.
އަލީ ހުސައިން "ވަން" އަށް މިއަދު ވިދާޅުވީ، މެންބަރުންނާ މެދު އެއްވެސް ފިޔަވަޅެއް އަދި މެންބަރުން ވަކިކުރުން ހުއްޓުވުމުގެ ގޮތުން ދައުލަތުގެ ހުރިހާ އިދާރާތަކެއްގެ މައްޗަށް އަމުރު ނެރެދެއްވުމަށް އެދުނީ، ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވާ އެ މައްސަލަ މައުލޫއީ ގޮތުން ނިންމުމުގެ ކުރިން މެންބަރެއްގެ ގޮނޑި ގެއްލިއްޖެނަމަ އަލުން އިންތިހާބެއް ބާއްވަން ދައުލަތުން ހަރަދުތަކެއް ކުރަން ޖެހޭނެތީ ކަމަށެވެ.
އަދި ވިދާޅުވީ މެންބަރެއް ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިފައި ވަނިކޮށް، ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ ބާތިލު ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިނަމަ، ބައެއް މައްސަލަތައް ނުކުންނާނެ ކަމަށެވެ.
"އެކަންތައް އެގޮތަށް ހުރުމުން މި އަމުރަކަށް އެދުނީ އަޅުގަނޑު އެދުނު" އަލީ ހުސައިން ވިދާޅުވިއެވެ.
މީގެ ކުރިން އަލީ ހުސައިން ވަނީ އެ މައްސަލަ ނުނިމެނީސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަގާމުން ވަކިނުކުރެވޭނެ ކަމުގެ އަމުރެއް ވެސް ނެރެދިނުމަށް އެދިފައެވެ. ނަމަވެސް އެ ހުށަހެޅުމާ މެދު އަދި ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމައިފައެއް ނުވެއެވެ. ފަނޑިޔާރުން މަގާމުން ވަކިކުރުން ހުއްޓުވުމުގެ އަމުރަކަށް އަލީ ހުސައިން އެދުނީ މިމަހުގެ 13 ގައެވެ.
އަލީ ހުސައިން އެފަދަ އަމުރުތަކެއް ނެރެދިނުމަށް އެދިފައިވާ އިރު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރުމަށް ބިލް ހުށަހަޅައި ވަނީ ބަހުސް ފަށައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު