ކްލަބުގެ ހަރަދު ބޮޑުވެ، ގެއްލުންވަމުންދާތީ، އެކަމަށް އަވަސް ހައްލެއް ގެނައުމަށް އާ މެނޭޖުމަންޓުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، މެންޗެސްޓާ ޔުނައިޓެޑްގެ އިތުރު 200 މީހަކު ވަޒީފާއިން ވަކިކުރަން ނިންމައިފިއެވެ.
ޔުނައިޓެޑްގެ ބޮޑު ހިއްސާއެއް ގަނެ، އެ ކްލަބުގެ ހިންގުމާ ސާ ޖިމް ރެޓްކްލިފް ހަވާލުވިފަހުން މިހާތަނަށް ހަރަދު ކުޑަކުރަން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން މިދިޔަ އަހަރުވެސް ކްލަބުގެ އެކިއެކި ވަޒީފާތަކުގައި ތިބި 250 މީހަކު ވަނީ ވަޒީފާއިން ވަކި ކޮށްފައެވެ.
ކްލަބުގެ ޗީފް އެގްޒެކެޓިވް އޮމަރް ބެރާދާ ކްލަބުގެ ވަޒީފާގައި ތިބި މީހުންނާ ދާދި ފަހުން ބައްދަލުކުރައްވައިފައިވާއިރު، އޭނާ މުވައްޒަފުންނަށް ވިދާޅުވީ ކްލަބުން ހަރަދު ކުޑަކުރަން އިތުރު މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. އެގޮތުން 200 އެއްހައި މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ އިތުރުން ކުރީން ދެމުންދިޔަ ސްޓާފް ކެންޓީނުގެ ހިދުމަތްވެސް ހުއްޓާލަން ނިންމާފައިވެއެވެ.
މުވައްޒަފުންނަށް ހިލޭ ދެމުންދިޔަ މެންދުރުގެ ކެއުން ހުއްޓާލުމުން އެ ކްލަބަށް އަހަރަކު މިލިއަނެއް ފައިދާ ވާކަމަށްވެސް ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޔުނައިޓެޑްގައި 1140 މުވައްޒަފުން ތިއްބެވެ. އެހެންކަމުން 450 މުވައްޒަފުން ވަކިކުރުމުން 39 ޕަސެންޓް މީހުންނަށް ވަޒީފާ ގެއްލިފައިވެއެވެ.
ކްލަބަށް 2019 ވަނަ އަހަރުން ފެށިގެން ގެއްލުންވަމުންދާ އިރު، މިދިޔަ ހަފުތާގައި ނެރުނު ބަޔާނުގައި ބުނީ މިއަހަރުގެ މިހާތަނަށް 27.7 މިލިއަން ޕައުންޑްގެ ގެއްލުން ވެފައިވާ ކަމަށެވެ. އެހެންކަމުން މިދިޔަ ތިން އަހަރުގައި ގާތްގަނޑަކަށް 300 މިލިއަން ޕައުންޑްގެ ގެއްލުމެއް އެ ކްލަބަށް ވެފައިވެއެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް