މުހައްމަދު އައްޒާމްގެ މޭސްތެރިކަމުގެ ދަށުގައި ހދ. ނައިވާދޫ، އެ ރަށުގެ ކުޅިވަރު ތާރީހު ބަދަލުކޮށްލައިފިއެވެ. އެޓީމު މިވަގުތު އޮތީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް ފައިނަލަށް ނުކުންނަން ތައްޔާރުވެގެންނެވެ. މިހާތަނަށް ހަތް ފަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ތަށި ހޯދައި، ތިން ފަހަރު ޒޯން ތަށި ހޯދާފައިވާ ނައިވާދުއަށް މުބާރާތުގެ ފައިނަލް ވެގެންދާނީ މުޅިން އާ ހަރުފަތަކަށެވެ. ކުރިން ކުއާޓާގައި ދެ ފަހަރެއްގެ މަތިން ކުޅުމަށްފަހު، މިފަހަރު އެ ހަރުފަތް ގިރާކުރީ ސެމީ ފައިނަލުގައި ވަރުގަދަ ލ. ގަންވެސް ބަލިކޮށްގެންނެވެ.
"އަސްލު މިއީ ވަރަށް ބޮޑު މޮޅެއް. މިހާތަނަށް އައި އިރު ކުރި މަސައްކަތުގެ ނަތީޖާ އަހަރެމެންނަށް ފެނިފައި މިވަނީ. އެއްވެސް މީހަކު ނުބުނާނެ ނައިވާދޫ މިހާ ހިސާބަށް އަންނާނެއެކޭ. މިކަމުގެ ހުރިހާ ކްރެޑިޓެއް ވެސް ދޭން ބޭނުންވަނީ ހަމަ ކުޅުންތެރިންނަށް. އެ ކުޅުންތެރިން ކުރި މަސައްކަތް މިއީ،" ގަން ބަލިކުރި މެޗަށްފަހު އައްޒާމް ބުންޏެވެ.
އައްޒާމަކީ ފުޓުބޯޅަ އާއި ފުޓްސަލްގައި ވެސް އެންމެ މަތީ ފަންތީގެ ނަމެކެވެ. ނައިވާދޫއާ އޭނާ މިފަހަރު ހަވާލުވީ ވެސް އެ ރަށުގެ ތާރީހު ބަދަލުކޮށްލަން ވިސްނައިގެންނެވެ. ކޯޗިންގައި ވެސް ފިޔަ ޖަހަމުން އަންނަ އައްޒާމު ޗެލެންޖެއް ނަގައި، އެ ޗެލެންޖުގައި މިހާތަނަށް ކުރި ދަތުރު ކާމިޔާބެވެ.
އައްޒާމަށް ގަދަ 16 އާ ހަމައިން ބޮޑު މާޔޫސްކަމަކާ ވެސް ކުރިމަތިވިއެވެ. އެއީ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ އަބްދުﷲ ޝާފިއު (ޝާއްޕެ) އަށް އަނިޔާވުމެވެ. އެ އަނިޔާއާއެކު ޝާއްޕެއަށް މުބާރާތް ނިމުންވީ ޗެލެންޖަކަށް ނަމަވެސް، ގަދަ 16 އާއި ކުއާޓާ މެޗުން ނައިވާދޫ ތަފާތު ދައްކައި މޮޅުވިއެވެ.
"ފުރަތަމަ ކަމަކަށް ބުނިން ބިރު ނުގަންނާށޭ. ބިރު ގަނެގެން މިކަމެއް ނުވާނެއޭ ބުނިން. ދެން ބުނީ މީގައި އޮންނާނީ މަސައްކަތް ކުރުން ކަމަށް. އަބަދުވެސް ކޮންމެ މެޗެއްގައި ވެސް ދެކޮޅަށް ވެސް އެއްޗެހި ދާނެ. ދެކޮޅަށް ވެސް ގޯލު ޖަހަން ވެސް ފުރުސަތު ލިބޭނެ. ދެން ސްކޯ ކުރުން އޮންނާނީ. ފުރަތަމަ ގޯލެއް ޖެހިއްޖެއްޔާ އިރާދަކުރެއްވިއްޔާ އަހަރެމެން މޮޅުވާނެ ކަމަށް ބޮޑު ޔަގީން ކަމެއް އޮވޭ،" އައްޒާމް، ޓީމަށް އަބަދުވެސް ދޭ އިރުޝާދު ފާހަގަކުރަމުން ބުންޏެވެ.
މުބާރާތް 2023 ވަނަ އަހަރު ކާމިޔާބުކުރި ލ. ގަމާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލް މެޗަކީ މިހާތަނަށް އައްޒާމާއި ނައިވާދުއަށް ކުރިމަތިވި އެންމެ ވަރުގަދަ މެޗެވެ. އެ ކުރިމަތިލުން ކާމިޔާބު ކުރުމަށް އައްޒާމް ވަނީ ކުޅުންތެރިންނަށް ޓެކްޓިކަލް ލަފާގެ އިތުރުން، މެންޓަލީ އެ ގެންނަން ޖެހޭ ބަދަލު ވެސް ކިޔައިދީފައެވެ. ހާއްސަކޮށް ގަމުގެ ގޭމް ރަނގަޅަށް އޭނާ ދަސްކުރިއެވެ.
"ގަމުގެ ގޭމަކީ ވަރަށް އުނދަގޫ ގޭމެއް. އެ ގޭމަށް އެޖަސްޓް ވާން ކުޅުންތެރިންނަށް އުނދަގޫވި. ހާއްސަކޮށް ނައިވާދޫން ގޯލު ޖެހި ހިސާބުން އައި އުނދަގޫ ވަގުތުތަކެއް. ލާމުގެ ގޭމަށް އެޖަސްޓްވާން ވަގުތު ނެގީ. އެހެންވެ ކޮޅަށް ގޯލެއް ވެސް ޖެހި. އެއީ މޮޅެތި ކުޅުންތެރިން ވެސް ތިބުމާއެކު. އެހެންވިޔަސް އެ އަނބުރާލެވުނު،" އައްޒާމް ބުންޏެވެ.
އައްޒާމްގެ ވިސްނުމަށް ކުޅުންތެރިން ވެސް ފުރިހަމައަށް އިތުބާރު ކުރެއެވެ. ޝާއްޕެއަށް އަނިޔާވި ހިސާބުން ވެސް ޓީމުގެ ހިތްވަރު ގެއްލުވާ ނުލައި، ފައިނަލާ ހަމައަށް ކުރިއަށް ދިއުމުގެ އެންމެ ބޮޑު ސިއްރަކީ ވެސް ކޯޗު އައްޒާމެވެ. ސެމީ ފައިނަލް މެޗަށްފަހު މިހާތަނަށް މި މުބާރާތުގައި ނައިވާދުއަށް އެންމެ މޮޅަށް ކުޅުނު އެއް ކުޅުންތެރިޔާ، އަހުމަދު ހަމީދު (އަންމަޑޭ) ވެސް އެކަން ފާހަގަކުރިއެވެ. އަދި އޭގެ ކުރިން ނައިވާދޫގެ މުހައްމަދު ޝާއިން ވެސް ވަނީ ޝާއްޕެ ނެތްތަން "މެންޓަލީ" ފޫބެއްދުމަށް ކޯޗު އައްޒާމް އަދާކުރި ދައުރު ބޮޑު ކަމަށް ބުނެފައެވެ.
މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލް ވެގެންދާނީ އައްޒާމުގެ ކޯޗިން ކެރިއަރުގައި ދެވަނަ ފައިނަލަށެވެ. މީގެ ކުރިން ރަށު ޓީމަށް ވެސް ކޯޗުކަން ކޮށްދިން އައްޒާމް ވަނީ ކ. ގާފަރާއެކު 2022 ވަނަ އަހަރު މުބާރާތުގެ ފައިނަލަށް ކޯޗެއްގެ ގޮތުގައި ދަތުރުކޮށްފައެވެ. އެފަހަރު ފައިނަލުގައި ތ. ތިމަރަފުށި ކައިރިން ބަލިވީ ޕެނަލްޓީގައެވެ.
އެ ހިތި ތަޖުރިބާ އަލުން ކުރަން އައްޒާމް ބޭނުން ނުވާނެކަން ޔަގީނެވެ. އައްޒާމްގެ ކޯޗިން ކެރިއަރުގެ އެ ތަޖުރިބާ، އުފާވެރިކަމަށް ބަދަލުކުރަން އޭނާ ނައިވާދޫ ޓީމަށް އިތުބާރު ވެސް ކުރެއެވެ. ފައިނަލުގައި ހިތްވަރުގަދަ ކ. ކާށިދޫއާ ދެކޮޅަށް ނައިވާދޫން ނުކުންނަ އިރު، އިތުބާރު ކުރުމަކީ މުހިންމު ވެސް ވާނެ ކަމެކެވެ.
"ފައިނަލަށް ނުކުންނާނީ ސެމީ މެޗުގެ ޕޮސިޓިވްއާ ނެގެޓިވްވެސް ހިފައިގެން. ރަނގަޅު ކުރަން ހުރި ކަންކަން ރަނގަޅުކޮށްގެން، މިހާރަށްވުރެސް ރަނގަޅަށް ވިސްނައި، ތައްޔާރުވެގެން ނުކުންނާނީ،" އައްޒާމް ބުންޏެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް