ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ކ. ކާށިދޫން މިހާތަނަށް ނެރުނު ނަތީޖާތަކުގެ ތަފާތަކީ ޓީމުގެ ބަދަހިކަމާއި މަސައްކަތު ރޭޓް ކަމަށް ކުއާޓާ ފައިނަލް މެޗުގައި މޮޅަށް ކުޅުނު އަޖުލާން އަބްދުލް ހަންނާން ބުނެފިއެވެ.

ކާށިދޫން އެ ރަށުގެ ތާރީހުގައި މުޅިން އަލަށް ސެމީ ފައިނަލަށް ނުކުންނަނީ، މުޅިން އަލަށް ކުޅުނު ކުއާޓާ ފައިނަލުގައި ވަރުގަދަ ވިލިމާލެ ކައިރިން 3-2 އިން މޮޅުވެގެންނެވެ.

މިދިޔަ އަހަރު ސެމީ ފައިނަލްގައި ކުޅުނު ވިލިމާލެ ކައިރިން ކާށިދޫ މޮޅުވީ ފަހަތުން އަރައި ތިން ގޯލު ޖަހައިގެންނެވެ. ކާށިދޫން ގަދަ 16 ގައި ތ. ތިމަރަފުށިވެސް ކަޓުވާލާފައިވާ އިރު، އޭގެ ކުރިން އަތޮޅު ސެމީ ފައިނަލުގައި އެޓީމުން ވަނީ ކ. ގާފަރުވެސް ކަޓުވާލައިފައެވެ. އެހެންކަމުން އެޓީމު ވެގެން ގޮސްފައި ވަނީ މިއަހަރު މުބާޜާތުގައި އެންމެ ތަފާތު ނަތީޖާތަކެއް ނެރުނު ޓީމަށެވެ.

"އަލްހަމްދުﷲ. ޓީމުގެ ބުރަ މަސައްކަތް އަދި އެއްބައިވަންތަ މިފެނިގެންދަނީ. މެޗަކަށްފަހު މެޗަކަށް ވިސްނައިގެން، މެޗުތައް ނަގަމުން މިދަނީ. ސެމީ ފައިނަލުގައިވެސް ނުކުންނާނީ ހަމަ ވަރުގަދަކޮށް، އިރާދަކުރެއްވިއްޔާ މިގޮތަށް ގޮސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތަށި މިފަހަރު އުުފުލާލަން މި ޓާގެޓް ކުރަނީ. ނަތީޖާ އަނބުރާލަން ހަމަ ޓީމު އެއްކޮށް މި ކިޔަނީ ހިއްލާލާށޭ. އަދި ބައްޔެއް ނުވޭ. އަދި ބައްޔެއް ނުވޭ. އެހެންވީމަ ޓީމުގެ އެއްޗަކީ ހަމަ މަސައްކަތް، މަސައްކަތް،" އަޖުލާން ބުންޏެވެ.

އަޖުލާން ބުނީ ކުއާޓާ މެޗުގައި ވިލިމާލެ ކައިރިން ނަތީޖާ އަނބުރާލެވުނީ ވަރަށް ހިތްވަރު ކޮށްގެން ކަމަށެވެ. އެގޮތުން ފަހުކޮޅަށް ދިޔަ އިރު ޓީމު ވަރުބަލިވެފައި އޮވެގެންވެސް ނަތީޖާ އަނބުރާލެވުމަކީ ވަރަށް ހިތްހަމަ ޖެހުނު ވަގުތު ކޮޅެއް ކަމަށްވެސް އޭނާ ފާހަގަކުރިއެވެ. ހާއްސަކޮށް ބޮޑު ޓީމެއް ކަޓުވާލެވުމާއެކު އެ އިހުސާސް ކިޔައިދެންވެސް ނޭނގޭ ކަމަށް އަޖުލާން ފާހަގަކުރިއެވެ.

ކާށިދޫގެ ތަފާތަކީ މަސައްކަތު ރޭޓް ކަމަށް އަޖުލާން ފާހަގަކުރި އިރު، އޭނާ ބުނީ ސެމީ މެޗަށްވެސް ޓީމަށް ވަރަށް ބޮޑަށް އިތުބާރު އެބައޮތް ކަމަށާއި، ކޮންމެ މެޗަކަށްވެސް އެޓީމުން ނުކުންނާނީ 100 ޕަސެންޓް ޔަގީންކަމާއެކުގައި ކަމަށެވެ.

ކާށިދުއާއި ގދ. ވާދޫ ބައްދަލުކުރާ ސެމީ ފައިނަލް މެޗު އޮންނާނީ މިރޭ 10:00 ގައެވެ.