ހދ. ނައިވާދޫން، ރާއްޖޭގެ އެންމެ ބޮޑު، އެންމެ ވަރުގަދަ މުބާރާތް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ސެމީ ފައިނަލަށް ފުރަތަމަ ފަހަރު ދިޔައީ އދ. މަހިބަދޫއާ ވާދަކުރި ކުއާޓާ ފައިނަލް މެޗު، 7-4 އިން ކާމިޔާބުކޮށްގެންނެވެ.

އަނިޔާގެ ސަބަބުން ނައިވާދޫގެ ކެޕްޓަން އަބްދުﷲ ޝާފިއު (ޝާއްޕެ) އަށް މުބާރާތް ނިމިފައިވާ އިރު، އެޓީމުން ކުއާޓާ ކުޅުނީ ޝާއްޕެއާ ނުލައެވެ. އަދި ސެމީގައި ވެސް އޭނާ ނުފެންނާނެއެވެ. ޝާއްޕެ ނެތްތައް ފޫބައްދަން ޓީމުން ރަނގަޅު ކުޅުމެއް ދެއްކި އިރު، ކުއާޓާގައި ނައިވާދުއަށް އެންމެ މޮޅަށް ކުޅުނީ މުހައްމަދު ޝާއިންއެވެ. އޭނާ މެޗުގައި ހެޓްރިކް ވެސް ހެދިއެވެ.

"އަލްހަމްދުﷲ. މިއީ އަލަށް ހޯދުނު ކާމިޔާބީއެއް. 2023 ވަނަ އަހަރު ކުއާޓާއާ ހިސާބުން ކެޓީ. ދެން އެހިސާބުން އާ ހިތްވަރަކާއެކު މަސައްކަތް ކުރަނީ. މިދިޔަ އަހަރު ގަދަ 16 އިން ކެޓިޔަސް، މިފަހަރު އަނެއްކާވެސް ހިތްވަރުކޮށްގެން ސީދާ ތަށްޓަށް މި ނުކުތީ،" ޝާއިން މެޗަށްފަހު ބުންޏެވެ.

ޝާއިން ބުނީ ގޯލްޑަން އަންނަނީ އަހަރެއް އަހަރަކަށް ވަރުގަދަވަމުން ކަމަށާއި މުބާރާތަށް ނައިވާދޫން އަބަދުވެސް ވަމުންދާ ތައްޔާރީއަކީ އެޓީމުގެ ކާމިޔާބީތަކުގެ ސިއްރު ކަމަށެވެ.

"މަހެއްހާ ދުވަސް ކުރިން ފެށިގެން ކުރަމުން އަންނަ މަސައްކަތެއް މިއީ. ދެން މި މުބާރާތް މިހާރު އޮތް ގޮތުން، އެއް އަހަރުން އަނެއް އަހަރަށް ކުރިއަރަމުން މިދަނީ. އެއީ ވަރަށް ޓަފް، ސަޅި މުބާރާތެއް. ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މުބާރާތް، އެހެންވީމަ އެ ތައްޔާރީތައް ރަނގަޅުވަނީ،" ޝާއިން ބުންޏެވެ.

ޝާއްޕެ ނެތްތަންކޮޅު ޓީމަށް ދައްކާ ކަމަށް ޝާއިން ފާހަގަކުރި ނަމަވެސް، ނައިވާދޫން ސެމީ ފައިނަލަށް ނުކުތީ ޝާއްޕެގެ އިތުރުން މުޅި ރަށަށްޓަކައި މެޗު ނެގުމަށް ކަމަށެވެ. އަދި ޝާއްޕެއާ ނުލާވެސް ޓީމުން ބުރަކޮށް މަސައްކަތް ކުރަން ތައްޔާރަށް އޮތް ކަމަށްވެސް އޭނާ ފާހަގަ ކުރިއެވެ.

ނައިވާދޫން މިހާތަނަށް ގޯލްޑަންގެ ކުއާޓާގައި ކުޅުނީ ތިން ފަހަރުއެވެ. ސެމީއަށް މުޅިން އަލަށް ނުކުންނަން ތައްޔާރުވަމުންދާ އިރު، އެޓީމުން މިހާތަނަށް މިފަހަރު މުބާރާތުގައި އަތޮޅާއި ޒޯން ތަށި ހޯދާފައިވެއެވެ.

ނައިވާދޫން ވަރުގަދަ ލ. ގަމާ ދެކޮޅަށް ސެމީ ފައިނަލުގައި ނުކުންނަ މެޗު އޮންނާނީ ހުކުރު ދުވަހުގެ ރޭ 8:00 ގައެވެ.