ޔޫއެފާ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުގެ ޕްލޭ އޮފްއިން މެންޗެސްޓާ ސިޓީ ކަޓުވާލައި، ރެއާލް މެޑްރިޑް ގަދަ 16 ޔަގީންކޮށްފިއެވެ.

މިއަހަރުގެ ޗެމްޕިއަންސް ލީގު މުޅިން އާ ފޯމެޓަކަށް ކުޅެފައިވާ އިރު، ފުރަތަމަ ހުރިހާ ޓީމުތައް ވާދަކުރީ ލީގު ބުރެއްގައެވެ. އޭގެ ތެރެއިން ގަދަ އަށް ޓީމަށް ގަދަ 16 ގެ ސީދާ ޖާގައެއް ޔަގީންކުރެވިފައިވާ އިރު، ދެން ގަދަ 16 އަށް ދާ ޓީމު ކަނޑައަޅަނީ 16 ޓީމުގެ މެދުގައި ކުޅެވޭ ޕްލޭ އޮފް ދެ ލެގުންނެވެ.

ރެއާލާއި ސިޓީން، ސިޓީ ދަނޑުގައި ކުޅުނު ފުރަތަމަ މެޗު ރެއާލުން އޮތީ 3-2 އިން ކާމިޔާބުކޮށްފައެވެ. އެ މެޗުން ވެސް މޮޅުވެފައި އޮވެ، ރޭ އަމިއްލަ ދަނޑުގައި ރެއާލުން ސިޓީ ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

މި ސީޒަނުގެ މިހާތަނަށް އުނދަގޫ ހާލަތެއްގައި އޮތް ސިޓީއަށް އިތުރު ނާކާމިޔާބީއަކާ ކުރިމަތިވެފައިވާ އިރު، ރޭވެސް އެޓީމުން ނުކުންނަން ޖެހުނީ ފުރަތަމަ 11 ގައި އާލިން ހާލަންޑް ވެސް ނުހިމަނައެވެ. އެއީ އަނިޔާގެ ސަބަބުންނެވެ. އޭގެ އިތުރުން ކެވިން ޑި ބްރޭނާ ވެސް ރޭ މެޗު ފަށައިފައެއް ނުވެއެވެ.

ރެއާލުން ވަރުގަދަކޮށް މެޗު ފަށައި، ހަތަރުވަނަ މިނެޓުގައި ލީޑުވެސް ނެގިއެވެ. އެމްބާޕޭގެ އެ ގޯލަށް މާ ގިނައިރެއް ވެސް ނުވަނީސް، ސިޓީގެ ޑިފެންޑަރު ޖޯން ސްޓޯންސްއަށް އަނިޔާވެގެން ބާލަން ޖެހިއްޖެއެވެ.

ސިޓީގެ މެދުތެރެއަށް ކުޅެމުންދިޔަ އިލްކާއީ ގުންޑޮގަން އާއި ބަނާޑޯ ސިލްވާއަށް ރެއާލްގެ ކުޅުން ހުއްޓުވާލަން އުނދަގޫ ކަމަކަށްވެފައިވާ އިރު، މުޅި މެޗުގައި ވެސް ޖޫޑް ބެލިންހަމް ވަނީ މޮޅަށް ކުޅެފައެވެ. އަދި ރެއާލްގެ ކީޕަރު ތިބޯ ކޯޓުއާ މެޗު ނިންމާލީ މާ ބޮޑު ހާސްކަމެއް ނެތިއެވެ.

ހާފު ނިމުމުގެ ކުރިން އެމްބާޕޭ އޭނާގެ ދެވަނަ ގޯލާއެކު މެޗުގެ ލީޑު ފުޅާކުރި އިރު، ދެވަނަ ހާފުގައި ފެޑެރީކޯ ވަލްވާޑޭ ދިން ބޯޅައެއްގައި ހެޓްރިފް ފުރިހަމަ ކުރިއެވެ. ސިޓީން މެޗުގައި ޖެހި ހަމައެކަނި ގޯލު، އިތުރު ވަގުތުގައި ޖަހައިދިނީ ނިކޯ ގޮންޒާލޭސްއެވެ.