ރެއާލް މެޑްރިޑުން އޮސަސޫނާއާ ދެކޮޅަށް ކުޅުނު މެޗުގައި ޖޫޑް ބެލިންހަމްއަށް ދެއްކި ރަތް ކާޑުގެ މައްސަލައިގައި ރެފްރީ ދިން ބަޔާނަށް ބަލައި، އޭނާ އިތުރު މެޗަކަށް ސަސްޕެންޑް ކޮށްފިއެވެ.

ރެއާލުން އޮސަސޫނާ ކައިރިން 1-1 އިން އެއްވަރުވި މެޗުގައި ބެލިންހަމްއަށް ރަތް ކާޑު ދެއްކީ ރެފްރީ ޖޯސޭ ލުއިސް މުނޭރާ މޮންޓޭރޯއަށް އަމާޒުކޮށް، ބޭއަދަބީ ބަސްތަކުން މުހާތަބު ކުރުމުން ކަމަށް ބުނެއެވެ.

އެ ރަތް ކާޑާއެކު މޮންޓޭރޯއަށް ތަފާތު އެކި ގޮތްގޮތުން ފުރައްސާރަތަކާ ކުރިމަތިވެފައިވާ ކަމަށް ސްޕެއިންގެ ފުޓުބޯޅަ އިދާރާއިން ބުނެފައިވާ އިރު، އެ އިދާރާގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމީ ރަތް ކާޑަށްފަހުވެސް ބެލިންހަމްގެ އަމަލުތައް ހުރި ގޮތުން އޭނާއަށް އިތުރު ފިޔަވަޅެއް އެޅުމަށެވެ. އެހެންވެ، މައްސަލަ ބެލުމަށްފަހު ނިންމާފައި ވަނީ އިތުރު ލީގު މެޗަކަށް ބެލިންހަމް ސަސްޕެންޑް ކުރާށެވެ.

ބެލިންހަމްގެ ސަސްޕެންޝަނާއެކު ރެއާލުން ލީގުގައި ގިރޯނާއާއި ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅޭ މެޗު އޭނާއަށް ގެއްލޭނެއެވެ.

ރެފްރީއާ ހުތުރު ބަހުން މުއާމަލާތްކުރި ކަމަށް ބުނާ މައްސަލައިގައި އުމުރުން 21 އަހަރުގެ ބެލިންހަމް ބުނީ، ރެފްރީއަށް އަމާޒުކޮށް އެއްވެސް ބަހެއް ބުނެފައި ނުވާ ކަމަށާއި ބޭއަދަބީ އެއްވެސް ބަހެއް ވެސް ރެފްރީއަށް ނިސްބަތްކޮށް ބޭނުން ނުކުރާ ކަމަށެވެ.

އެ މައްސަލައިގައި ރެއާލުން ވީޑިއޯ ހެއްކާއި، ކަމުގެ މާހިރުންގެ ރިޕޯޓުތައް ހުށަހަޅާފައިވީ ނަމަވެސް، ރަތް ކާޑު މައާފުނުކުރަންވެސް ކުރިން އޮތީ ނިންމާފައެވެ. ނޫސްތަކުން ބުނީ ދެ މެޗުގެ ސަސްޕެންޝަނު އުވާލައިދިނުމަށް އެދިވެސް ރެއާލުން މިހާރު ވަނީ ހުށަހަޅައިފައެވެ.