ރެފްރީގެ ނިންމުންތަކަށް ފާޑުކިޔައި، ރެފްރީއާ ދިމާލަށް ބޭ އަދަބީ ބަސްތަކުން މުހާތަބު ކުރުމަކީ ބޭކާރު ކަމެއް ކަމަށާއި އެވާހަކަ އަބަދުވެސް ކުޅުންތެރިން ގާތުގައި ބުނާ ކަމަށް ބާސެލޯނާގެ ކޯޗު ހާންސީ ފްލިކް ބުނެފިއެވެ.

ފްލިކް އެފަދަ ގޮތަކަށް ވާހަކަ ދައްކާފައި ވަނީ ރެފްރީއާ ދިމާލަށް އެއްޗެއް ބުނި ކަމަށް ބުނެ، ރެއާލް މެޑްރިޑްގެ ޖޫޑް ބެލިންހަމްއަށް ރަތް ކާޑު ދެއްކުމާ ގުޅިގެންނެވެ.

ބެލިންހަމްއަށް ރެފްރީ ޖޯސޭ ލުއިސް މުނުއޭރާ ރަތް ކާޑު ދެއްކީ، ރެފްރީއާ ދިމާލަށް ބޭއަދަބީ ބަސްތަކުން މުހާތަބު ކުރުމުން ކަމަށް ބުނެއެވެ. އެ މެޗަށްފަހު ބެލިންހަމް ބުނީ ރެފްރީއަށް އަމާޒުކޮށް އެއްވެސް ބަހެއް ބުނެފައި ނުވާ ކަމަށާއި ބޭއަދަބީ އެއްވެސް ބަހެއް ވެސް ރެފްރީއަށް ނިސްބަތްކޮށް ބޭނުން ނުކުރާ ކަމަށެވެ.

ފްލިކް ބުނީ ރަތް ކާޑު ދެއްކީ އެންމެ ރަނގަޅު ހާލަތުގައި ނޫން ނަމަވެސް، އޭގެފަހުން ބެލިންހަމް ކަންތައް ކުރި ގޮތް ރަނގަޅު ނޫން ކަމަށެވެ.

"އަހަރެން ގަޔާވާ ގޮތެއް ނޫން އެއީ ރެފްރީއަށް ޝަކުވާ ކުރުމާއި ފާޑު ކިޔުމަކީ ވެސް. އަހަރެން އަބަދު ވެސް ކުޅުންތެރިން ގާތުގައި ބުނަން ރެފްރީއަށް ޝަކުވާ ކުރުމަކީ ބޭކާރު ވަގުތު ދިޔުމުގެ އިތުރުން ޓީމަށް ގެއްލުންވާ ކަމެއް ކަމަށް. ހާއްސަކޮށް ރަތް ކާޑެއް ލިބުމަކީ ވަރަށް ބޮޑު ވެއްޓުމަކަށް ވާނެ،" ފްލިކް ބުންޏެވެ.

ފްލިކް ބުނީ ދަނޑުމަތީގައި ރެފްރީއާ ވާހަކަ ދައްކަން ކުޅުންތެރިންގެ ފަރާތުން ހުންނާނީ ކެޕްޓަން ކަމަށާއި އެކަން ގަބޫލުކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ބާސާއިން މިރޭ ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ނުކުންނަ އިރު، އެ މެޗުން މޮޅުވެ އެއްވަނައަށް އެރުމަށް ފުރުސަތު އެބައޮތެވެ.