ރައްޔިތުންގެ މަޖިލީހުން ގާނޫނު އަސާސީ އިސްލާހު ކުރުމަށް ބަޔާންކޮށްފައިވާ އިޖުރާއަތުގެ ތެރެއިން ގާނޫނުއަސާސީއަށް ގެންނަ އިސްލާހެއްގެ މައްސަލަ ބެލުމުގެ އިހުތިސޯސް ސުޕްރީމް ކޯޓަށް ލިބިފައިނުވާ ކަމަށް ދައުލަތުން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިސް މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ، ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހަކީ ގާނޫނުއަސީއާ ހިލާފު އިސްލާހެއް ކަމަށް ބުނެ އެ އިސްލާހު ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިންއެވެ. އޭނާ ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހަޅައިފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 24 ގައެވެ. ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައިގެންފައިވަނީ އެ މަހުގެ 27 ގައެވެ.

ސުޕްރީމް ކޯޓުގައި މިއަދު އެ މައްސަލައިގެ އަޑުއެހުންތައް ފަށާފައިވާ އިރު، އެ މައްސަލަ ބައްލަވަނީ އެ ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއްތަސިމް އަދުނާންގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު، ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރު ޑރ. އިބްރާހިމް ދީދީ، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރެވެ. މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ އުއްތަމަ ފަނޑިޔާރެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވިދާޅުވީ ދުސްތޫރީ މައްސަލަތަކަކީ ކޮބައިކަން ގާނޫނުއަސާސީގައި ސާފުކޮށް ބަޔާންކޮށްދީފައިވާ ކަމަށެވެ. ގާނޫނުއަސާސީގައިވާ ގޮތުން ދުސްތޫރީ މައްސަލައަކީ ގާނޫނުއަސާސީގެ މާއްދާއެއް ނުވަތަ މާއްދާއެއްގެ ބައެއް ވިޔަސް މާނަކުރާން ޖެހިއްޖެ ނަމަ އެކަމުގައި ގޮތެއް ކަނޑައެޅުމަށްޓަކައި އިހުތިސޯސް ލިބިގެންވާ ކޯޓަކުން ބަލާ މައްސަލަ ކަމަށެވެ. ދުސްތޫރީ މައްސަލަތަކުގެ ތެރޭގައި ގަވާއިދެއް ނުވަތަ ގަވާއިދުން ބައެއް ނުވަތަ ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ނުވަތަ އެއިން އިދާރާއެއްގެ މުވައްޒަފަކު ކުރާ ކަމެއް ނުވަތަ ނިންމައިފައިވާ ނިންމުމެއް ވިޔަސް، ގާނޫނުއަސާސީއާ ހިލާފުވޭތޯ ބަލައި، އެކަމާމެދު ގޮތެއް ނިންމަންޖެހޭ މައްސަލަތައް ދުސްތޫރީ މައްސަލަތަކުގެ ތަރަހައިގެ ތެރޭގައި ހިމެނޭ ކަމަށް ދައުލަތުން ވިދާޅުވިއެވެ.

ގާނޫނުއަސާސިއަށް އިސްލާހު ގެންނަ ބިލްތަކަކީ ގާނޫނެއް ގޮތަށް ބަޔާންކޮށްފައިވީ ނަމަވެސް އެއީ އެ މާނައިގައި ދަރަޖަ ދެވޭނެ އެއްޗެއް ނޫން ކަމަށް ދައުލަތުން ވިދާޅުވިއެވެ. އެފަދަ އިސްލާހުތަކަށް ގާނޫނެއްގެ ދަރަޖަދޭނަމަ އިޖުރާއީގޮތުން ބޮޑެތި މައްސަލަތަކެއް ފެންމަތިވާނެ ކަމަށެވެ. މަޖިލީހުން ހާއްސަ އިޖުރާއަތެއްގެ ދަށުން އަދި ހާއްސަ އުސޫލަކުން ފާސްކުރާ އެއްޗެކަށް ވެސް ގާނޫނުގެ ދަރަޖަ ނުދެވޭނެ ކަމަށް ދައުލަތުން ވިދާޅުވިއެވެ.

ދައުލަތުން ވިދާޅުވީ މަޖިލީހުން ގާނޫނުއަސާސީ އަށް ގެންނަ އިސްލާހުތަކަކީ ގާނޫނުއަސާސީގެ ބައެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި އިޖުރާއަތްތަކާ އެއްގޮތަށް ގާނޫނުއަސާސީ ގެންނަ ބަދަލުތައް ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުން ވިދާޅުވިއެވެ.

ކޯޓުތަކުގެ ގާނޫނުގައިވާ ގޮތުން ސުޕްރީމް ކޯޓުގެ އަސްލީ އިހުތިސޯސް ހިނގާ މައްސަލަތަކަކީ ގައުމު ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެ ނުވަތަ ދުސްތޫރީ ނިޒާމުން ބޭރު ވެދާނެ ފަދަ ގާނޫނީ ސަބަބުތަކެއް އެކުލެވިގެންވާ މައްސަލަތަކާއި ދައުލަތުގެ ދެ މުއައްސަސާއެއްގެ ދެމެދުގައި ނުވަތަ ދެބާރެއްގެ ދެމެދުގައި ގާނޫނުއަސާސީ މާނަ ކުރުމާ ގުޅޭ ގޮތުން އުފެދޭ މައްސަލަތަކުގެ އިތުރުން ގައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ ދުސްތޫރީ މައްސަލަތައް ކަމަށް ދައުލަތުން ވިދާޅުވިއެވެ.

އަލީ ހުސައިން ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައަކީ އެއިން އެއްވެސް ކަމެއްގެ ތެރެއަށް ވަންނަ މައްސަލައެއް ނޫންކަން ފާހަގަކުރައްވައި ދައުލަތުން ވިދާޅުވީ މި މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށެވެ.

ދައުލަތުން ވިދާޅުވީ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވ. ރައްޔިތުންގެ މަޖިލީހުގެ އިދާރާ (ދައުލަތް) މައްސަލައިގައި ވެސް ސުޕްރީމް ކޯޓުން ވަނީ އެފަދައިން ގޮތެއް ނިންމައި ހުކުމްކޮށްފައި ކަމަށެވެ. - މި މައްސަލައިގެ ސުޕްރީމް ކޯޓުން ވަނީ ދުސްތޫރީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރުން، ލިޔުމުން ޖަވާބުދާރީވުމުގެ ފުރުސަތު ނުދިނުން، ގާނޫނީ ވަކީލެއްގެ އެހީތެރިކަމާއެކު ދިފާއުވުމުގެ ހައްގު، ގާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ)، ގާނޫނުއަސާސީގެ 274 ގެ (ހ) ގައި ބުނާ ދުސްތޫރީ މައްސަލަތަކުގެ ބާވަތް، ގާނޫނުއަސާސީގެ 113 ވަނަ މާއްދާ، ކޯޓުތަކުގެ އިހުތިސޯސް، މާނަކޮށް ގޮތެއް ކަނޑައަޅުއްވައިފައެވެ.

މި މައްސަލައިގައި އަލީ ހުސައިން ތަމްސީލު ކުރައްވާ ގާނޫނީ ވަކީލު މަހުފޫޒު ސައީދު، މި މައްސަލަ ކޯޓަށް ހުށަހަޅުއްވައިދެއްވަމުން ވިދާޅުވީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުން ދައުލަތުގެ ބާރުތަކާއި ބާރުތައް ދެމި އޮންނަނީ ވެސް ރައްޔިތުންގެ ކިބައިގައި ކަމަށެވެ.

މަހުފޫޒު ވިދާޅުވީ މަޖިލިސް މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ، ގޮނޑި ގެއްލޭގޮތަށް ގާނޫނުއަސާސިއަށް ގެނައި އިސްލާހުގެ ސަބަބުން ރައްޔިތުންނަށް ގާނޫނުއަސާސީން ދީފައިވާ އެ ބާރު ކުޑަވެފައިވާ ކަމަށެވެ. އެ އިސްލާހަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ކަމަށްވާ ރިޔާސީ ނިޒާމެއްގެ އަސާސީ ސިފަތަކާ ވެސް ހިލާފު އިސްލާހެއް ކަމަށް މަހުފޫޒު ވިދާޅުވިއެވެ.

މަހުފޫޒު ވިދާޅުވީ ރައްޔިތުންނަށް ގާނޫނުއަސާސީން ދީފައިވާ އެ ބާރު އެ ރައްޔިތުންގެ ފަރާތުން ތަމްސީލު ކުރާނީ އެ ރައްޔިތުން އިންތިހާބު ކުރާ މެންބަރު ކަމަށެވެ. މަޖިލިސް މެންބަރުންގެ އިމްތިޔާޒުތަކާއި ހިމާޔަތްތަކެއް ދީފައިވަނީ ރައްޔިތުންނަށް ލިބިދީފައިވާ އެ ބާރުގެ ހިމާޔަތުގައި ކަމަށެވެ. ގާނޫނުއަސާސީގައި އެންމެ ބޮޑަށް އިސްކަމެއް ދީފައިވާ ކަންކަމުގެ ތެރޭގައި ރައްޔިތުންގެ ބާރުވެރިކަން ދެމެހެއްޓުން ހިމެނޭ ކަމަށް މަހުފޫޒު ވިދާޅުވިއެވެ.

މަޖިލިސް މެންބަރުން މަސައްކަތް ކުރަން ޖެހޭނީ ސިޔާސީ ޕާޓީއެއްގެ މަސްލަހަތަށްވުރެ ބޮޑަށް ރައްޔިތުންގެ މަސްލަހަތުގައި ކަމަށް މަހުފޫޒު ވިދާޅުވިއެވެ. މަޖިލިސް މެންބަރުން އެ މީހުންގެ ޒިންމާ އަދާކުރުމުގައި ސިޔާސީ ޕާޓީއެއްގެ ނުފޫޒު ވެސް އެހެން ފަރާތެއްގެ ނުފޫޒު ވެސް އޮވެގެން ނުވާނެ ކަމަށް މަހުފޫޒު ވިދާޅުވިއެވެ.

ގާނޫނުއަސާސީގެ ފަސް ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ގާނޫނު ހެދުމުގެ އެންމެހާ ބާރުތަކެއް ލިބެނީ މަޖިލީހަށް ކަމަށާއި ގާނޫނުއަސާސީގެ 70 ވަނަ މާއްދާގައި ތަފުސީލުކޮށްދީފައި ވަނީ ގާނޫނު ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ ބާރުތައް ކަމަށް ވެސް މަހުފޫޒު ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކަށް، މެންބަރުންގެ ގޮނޑި ގެއްލުވާލުމުގެ އިހުތިޔާރު ދިންއިރު، ދައުލަތުގެ ބާރުތައް ހިންގުމުގައި ސިޔާސީ ޕާޓީތަކުގެ ދައުރާއި ހައިސިއްޔަތު ބޭއްވުމަށް ގާނޫނުއަސާސީ ބާރު އަޅާފައިނުވާ ކަމަށް މަހުފޫޒު ވިދާޅުވިއެވެ. އެގޮތުން ޕާޓީގެ ޓިކެޓާއި ޕާޓީގެ ވިޕާއި ޕާޓީ ލައިން، އަކީ ގާނޫނުއަސާސީ ދަންނަ ލަފުޒުތަކެއް ނޫން ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. ބަރުލަމާނީ ނިޒާމެއްގައި ސަރުކާރުގެ އެކުލަވާލުމުގެ ބާރު ސިޔާސީ ޕާޓީއަކަށް އޮތް ނަމަވެސް ރާއްޖޭގެ ގާނޫނުއަސާސީ ފަރުމާކޮށްފައިވާ ރިޔާސީ ނިޒާމެއްގައި އެކަން އެގޮތަށް ކުރުމަށް ޖާގަ ނުދޭކަން މަހުފޫޒު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ގާނޫނުއަސާސީ ފަރުމާ ކޮށްފައިވަނީ ސިޔާސީ ޕާޓީއަކަށް ބާރުތައް ދިނުމުގެ ބަދަލުގައި ރައްޔިތުންނަށް ބާރުތައްދީ ރައްޔިތުން ބާރުވެރިކުރުވުމަށް ކަމަށް މަހުފޫޒު ވިދާޅުވިއެވެ.

މަހުފޫޒު ވިދާޅުވީ މަޖިލީހުގެ މިހާރު މެންބަރުންނަކީ ގާނޫނުއަސާސިއަށް އެ އިސްލާހު ގެނައުމުގެ ކުރިން އިންތިހާބުވެފައިވާ މެންބަރުން ކަމަށެވެ. ފަހުން ގެންނަ އިސްލާހަކުން ނުވަތަ ގާނޫނަކުން އޭގެ ކުރިން ހިނގައިފައިވާ ކަންކަމަށް ތަންފީޒު ނުކުރެވޭނެކަން ގާނޫނުގައި ބަޔާންކޮށްފައިވާކަން ފާހަގަކުރައްވައި މަހުފޫޒު އެދިވަޑައިގަތީ ގާނޫނުއަސާސީއަށް ގެނައި އެ އިސްލާހު މިހާރުގެ މެންބަރުންގެ މައްޗަށް ނުހިނގާނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.

ރައްޔިތުން، އެ މެންބަރުން މަޖިލީހަށް އިންތިހާބުކުރި އިރުވެސް އެފަދަ އިސްލާހެއް ނެތް ކަމަށާއި މެންބަރުން އިންތިހާބު ކޮށްފައިވަނީ ފަސް އަހަރަށް ކަމަށް މަހުފޫޒު ވިދާޅުވިއެވެ. އެހެންކަމުން ރައްޔިތުންގެ ބާރުން އެ މެންބަރުން އިންތިހާބު ކުރި ގޮތަށް ފަސް އަހަރު ދުވަހުގެ މުއްދަތެއް ކަށަވަރުވާން ޖެހޭނެ ކަމަށާއި ނޫނީ ރައްޔިތުންގެ ބާރު ކުޑަވެ ހަނިވެގެންދާ ކަމަށް މަހުފޫޒު ވިދާޅުވިއެވެ.

މީގެ އިތުރުން މަހުފޫޒް ވިދާޅުވީ މި މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުން ފާހަގަކުރާ ކަންކަމުގައި ބުރަދަނެއް ނެތް ކަމަށެވެ.

މި މައްސަލައަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީން ވަނީ ތަދަހުއްލުވެފައެވެ. މިއަދުގެ އަޑުއެހުމުގައި އެމްޑީޕީއަށް ފުރުސަތު ދޭން ނިންމި ނަމަވެސް ޝަރީއަތަށް ކަނޑައެޅި ވަގުތު ހަމަވެފައިވާތީ، އުއްތަމަ ފަނޑިޔާރު ވިދާޅުވީ މާދަމާ ހެނދުނު 9:00 ގައި ބާއްވާ މި މައްސަލައިގެ އަޑުއެހުމުގައި އެންމެ ފުރަތަމަ ފުރުސަތު ދެއްވާނީ އެމްޑީޕީއަށް ކަމަށެވެ.

އެއަށްފަހު މިއަދުގެ ޝަރީއަތް ނިމުނީކަން އުއްތަމަ ފަނޑިޔާރު އިއުލާން ކުރެއްވިއެވެ.